ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އޭދަފުށީ މަގޫމާގޭ ޝަޔާލް ޢަބްދުﷲސައީދު 6އ. މިއަދު ހެނދުނު ބެންގަލޯރަށް ދިއުމަށް ފުރައިފިއެވެ. ސަރުކާރުން ހުރިހާ ޚަރަދެއް ކުރާ ގޮތަށް ޝަޔާލް އާއެކު ބޯންމެރޯ ހެދުމަށް އިތުރު ހަތަރު ކުއްޖަކުވެސް މިއަދު ބެންގަލޯރއަށް ދެއެވެ.
ބެންގަލޯރަށް ފުރުމަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެގެން ޝަޔާލްގެ މަންމަ ޝެރޯޒާ އީވީ އަށް ބުނީ ހުރިހާކަމެއްވެސް އުއްމީދު ކުރިގޮތަށް ވަރަށް ބަރާބަރު ކަމުގައެވެ.
ޝެރޯ ބުނީ ބުނެދޭންވެސް ނޭނގޭ ކަހަލަ އުފަލެއް އިހުސާސް ކުރެވޭ ކަމަށާއި އޭނާގެ ޝަޔާލް އަށް އާ ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.
“ޚާއްސަކޮށް ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރަށް. ދިރިއުޅުމާމެދު އުއްމީދު ގެއްލިފައިތިބި ދަރިންނަށް އާ ދުނިޔެއެއް ހޯދައިދިނުމަށް އެ ކޮށްދިން އަގުބޮޑު އެހީތެރިކަން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ. ހަމައެއާއެކު ރައީސް ޔާމީންގެ އެސިޔާސަތު މެދު ކެނޑުމެއް ނެތި ހިންގަވަމުން އައިކަމަށް ޓަކައި މިއަދުގެ ސަރުކާރަށްވެސް ޝުކުރު އަދާކުރަން. ” ޝެރޯ ބުންޏެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކަންތައް ކުރިއަށް ގެންދަނީ އިންޑިއާގެ ބެންގަލޯރ ގައި ހުން މަނީޕާލް ހޮސްޕިޓަލުންނެވެ. މި ކަމަށް ހަތަރެއް ނުވަތަ ފަސް މަސްދުވަސް ހޭދަވެގެން ހިނގައިދާނެ ކަމަށް ޝެރޯ ބުންޏެވެ.

ސަރުކާރުގެ ޚަރަދުގައި މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ބައެއް ކުދިންނާ އެކު ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން އަދި އެ ކުދިންގެ ބެލެނިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.—ފޮޓޯ: ހުސައިން ވަހީދު/މިހާރު
“ހަ މަސްދުވަހަށް ވިސާ ޖަހައިގެން މިދަނީ. ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ހަތަރު މަސްދުވަހުން ނުވަތަ ފަސް މަސްދުވަހުގެ ތެރޭގައި ނިމޭންކަމަށް މި ބަލަނީ. “ބ.އަތޮޅު ހޮސްޕިޓަލްގައި ނަރސް އެއްގެ ވަޒީފާވެސް އަދާ ކުރަމުން އަންނަ ޝެރޯ ބުންޏެވެ.
ބޯންމެރޯ ހަދަން ކޮންމެ އަހަރަކު ވެސް ޒަކާތު ފަންޑުން އެހީވެ އެވެ. އެގޮތުން މިހާތަނަށް ވަނީ 27 ކުއްޖަކަށް އެހީވެދީފައެވެ. މިއަދު މި ފުރާ ފަސް ކުދިންނަކީ މި އަހަރު އެހީ ލިބުނު ފަސް ކުދިންނެވެ. މިކަމަށް ކޮންމެ ކުއްޖަކަށް ޒަކާތް ފަންޑުން ނުވަ ލައްކަ ރުފިޔާ ހަރަދު ކުރެ އެވެ. އިތުރު ހަރަދުތައް ކުރަން ނިންމާފައި ވަނީ އެންސްޕާ އާއި ސޯޝަލް ވެލްފެއާ ފަންޑު މެދުވެރިކޮށެވެ.
ބޯންމެރޯ ހަދަން އިންޑިއާގެ މަނިޕާލް ހޮޮސްޕިޓަލަށް ދާ ފަސް ކުދިންނާއި އެ ކުދިންގެ އާއިލާއާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ބައްދަލު ކުރައްވައި އެ ކުދިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އޮޕަރޭޝަން ކުރަން ޖެހޭ އިތުރު ކުދިންނަށް އެ ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވަމުން އަަންނަ ކަމަށެވެ.
ފަރުވާ ބޭނުންވާ ކުދިންނާ އެކު ބޯންމެރޯ ޑޮނާ އާއި އެ ކުދިންގެ ބެލެނިވެރިންވެސް އިންޑިއާއަށް ދާނެ އެވެ. އެގޮތުން ޝަޔާލްގެ ޑޯނާއަކަށް ދަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އުމުރުން 12 އަހަރުގެ ޝަޔާން އެވެ.