ތުޅާދޫ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވުމާއި ބައެއް ފޮތްތައް އަދިވެސް ނުލިބޭތީ ބެލެނިވެރިން ރަތަށް

1550130705.jpg

ތުޅާދޫސްކޫލްގެ ބެލެނިވެރިން ރަށު ކައުންސިލާ ބައްދަލުކުރުން-ފޮޓޯ :ރާއްޖެއެމްވީ

އަހަރުފެށިގެން މިހާތަނާ ހަމައަށް އައިއިރުވެސް ތުޅާދޫ ސްކޫލަށް ޓީޗަރުން ހަމަނުވުމާއި ބައެއް ޓެކްސްޓް ފޮތްވެސް އަދިވެސް ނުލިބޭތީ ބެލެނިވެރިންކުރަމުން އަންނަ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެރަށު ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު ބައެއް މީޑިއާތަކަށް ވިދާޅުވީ، ގާތްގަނޑަކަށް ފަންސާހެއްހާ ބެލެނިވެރިން ކައުންސިލަށް އައިސް އެރަށު މަދަރުސާގެ ގްރޭޑު 4،5 އަދި 6 އަށް ޓީޗަރުން ހަމަނުވުމުގެ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިހާރުވާނީ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަދައްކާފައިކަމަށާ އެކަމަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ލިބިފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން އެރަށަށް ޓީޗަރުން ހަމަޖެއްސުމަށް މިނިސްޓްރީން އެޖޭންސީތަކާ ވާހަކަ ދައްކަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ޓެކްސްޓް ފޮތްތަކާބެހޭ ގޮތުން ރަޝީދު ވިދާޅުވީ މިހާރު އެފޮތްތައް ހުރީ ރަށަށް އަންނަ ދޯންޏަކަށް ލާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވާ ކަމުގައެވެ. .

ތުޅާދޫ ސްކޫލުގައި 340 ކުދިން ތައުލިމު ހާސިލު ކުރަމުންދެއެވެ. އެ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭއިރު ބިދޭސީ 12 ޓީޗަރުންނާ އެލްކޭޖީ އިން ފަަށައިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ދިވެހި 31 ޓީޗަރުން ތިބޭ ކަމަށް ސްކޫލުން ބުނެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު