ރާއްޖޭގައި އެޅޭ އެންމެ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑު އޭދަފުށީގައި

photo_2019-01-24_15-22-04.jpg

ފޮޓޯ ؛ސައިނޯސާރާއި

ރާއްޖޭގައި މިހާތަނަށް އެޅޭ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އޭދަފުށީގައި ހަލުވި ކަމާއެކު ކުރިއަށް އެބަ ދެއެވެ.

މި ދަނޑަކީ އެދަފުއްޓަން އުފަން މަހުޖަނު، އޭދަފުށީ ޗާންދަނީގޭ އަހްމަދު ނަޒީރު (ކްރައުން ނަޒީރު )ގެ ޚަރަދުގައި އަޅާ ދަނޑެކެވެ.

މި ބޮޑު ޕްރޮޖެކްޓްގެ މައުލޫމާތު ދެއްވަމުން އެމަސައްކަތާ ހަވާލުވެ ހުންނެވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިދަނޑަކީ އޭ.އެފް.ސީ އާއި ފީފާގެ މިންގަނޑުތަކަށް ފެތޭ ދަނޑަކަށް ވާއިރު މިދަނޑުގައި އެޅޭ ޓާފްއަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސް.ޕީ.އޭ އިން އުފައްދާފައިވާ އެސްޕީމެކްސް45 ގެ ޓާފެކެވެ.

އިތުރަށް އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި ބިމުގެ ފަސްހަރުކޮށްގެން އާންމުކޮށް އަޅާ ދަނޑުތަކާއި ބަލާފައި ވަރަށް ތަފާތުކޮށް އެޅިގެންދާނެ ދަނޑެއް ކަމުގައެވެ. އެގޮތުން ދަނޑުއަޅާ ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅާ ބިން އެއްވަރު ކުރެވިގެންދާނެ އެވެ. އެއަށްފަހު އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ވޯޓަރ ޕްރޫފް މެމްބްރޭންއެއް އެޅޭނެއެވެ. އަދި އޭގެ މަތީ ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެއެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ.

114×79 މީޓަރގެ މިދަނޑު ނިމިގެންދާއިރު އެންމެ ފަންވަރު ރަނގަޅު ލެޑް ލައިޓިންގ ސިސްޓަމެއްވެސް ގާއިމްކުރެވޭނެކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

ބ.އަތޮޅުގެ ފުޓުބޯޅައިގެ މައިމަރުކަޒުގެ ގޮތުގައި ފާހަގަކުރެވިފައިވާ އޭދަފުށީގައި ގާއިމުކުރެވޭ މިދަނޑުގެ ސަބަބުން މިހާތަނަށް ރަނގަޅު ދަނޑެއް އޭދަފުށީގައި ނެތުމުގެ ސަބަބުން އެދަފުށީގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިން ކުރަމުން އަންނަ ޝަކުވާ ތަކަށް ނިމުމެއް އަންނާނެ އެވެ.

މި ދަނޑުގެ މަސައްކަތް އަންނަ ފެބުރުއަރީގައި ނިންމުމަށް ވަނީ އަމާޒުހިފާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top