ކަމަދޫގައި ވައްކަން ކުރުމާއި މަސްތުވާތަކތި ބޭނުން ކުރުން ދުވަހުން ދުވަހަށް އިތުރުވާތީ އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ބޭތިއްބުމަށް އެދި ރައްޔިތުންގ ތެރެއިން ބަޔަކު ނުކުމެ އިހުތިޖާޖް ކޮށްފިއެވެ.
ރޭ 8:00 ގައި ކަމަދޫ ކައުންސިލްގެ އިދާރާ ކައިރިއަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެއްވެ އަޑު އުފުލަމުން ގެންދިޔައީ ކަމަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި އެތަކެތި ބޭނުންކުރުމުގެ އިތުރުން ވައްކަންކުރުން ވެސް ހައްދުން ނެއްޓިފައިވާތީ އެކަން ހައްލު ކުރުމުގެ ގޮތުން އެރަށުގައި ފުލުހުންގެ އިދާރާއެއް ގާއިމްކޮށްދިނުމަށް އެދިއެވެ.
މި އިހުތިޖާޖުގައި ކަމަދޫ ރައްޔިތުންގެ 90 އިންސައްތަ މީހުންބައިވެރިވިކަމަށް ފެންވަރު އޮންލައިން ނޫހުގައި ބުނެފައި ވެއެވެ.
އެނޫހަށް މައުލޫމާތު ދެމުން ނަން ނުޖެހުމަށް ޝަރުތުކޮށް ކަމަދޫ މީހަކު ބުނީ މިހާރަކަށްއައިސް މަސްތުވާ ތަކެއްޗާއި ވައްކަން ގިނަވުމުގެ ސަބަބުން ކަމަދޫގައި ދިރިއުޅެން އުނދަގޫ ވެފައިވާ ކަމަށާ އެރަށުގައި ފުލުހުން ނެތުމަކީ އެމީހުންނަށް ހުޅުވިފައިވާ ވަރަށް ފުޅާ މަގެއްކަމުގައެވެ.
“މިރަށުގައި ފުލުހުންނެއް ނުތިބޭ. އެއީ އެމީހުންނަށް ހުޅެވޭ ކިހާ ފުޅާ މަގެއް.؟ ފުލުހުން ތިބޭ ރައްރަށުގައިވެސް މި އުޅެނީ މިކަންކަން ހައްލު ނުވެގެން. ދެން އަދި ފުލުހުން ނެތީމަ އެމީހުންނަށް ކިހާ ފަސޭހަ ވާނެ! މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމާއި ވައްކަން ކުރުން އެއީ މިރަށުގައި ވަރަށް އާއްމު ކަމެއް. އެހެންވީމާ ރައްޔިތުން މިއެދެނީ މިރަށުގައި ފުލުހުން ބައިތިއްބައިގެން ވިޔަސް މި ރަށުގައި އަމަން އަމާންކަން ގާއިމު ކޮށްދިނުމަށް. ” ފެންވަރު އޮންލައިންނަށް މައުލޫމާތު ދެމުން ކަމަދޫ މީހަކު ބުންޏެވެ.
ކަމަދޫގައި މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އެރަށުގެ ކުރީގެ އިންޖީނުގޭގައި މަސްތުވާ ތަކެތި ބޭނުން ކުރާތީ އެކަން ހުއްޓުވުމުގެ ގޮތުން އެރަށުގެ އަންހެނުންތަކެއް ނުކުމެ މީގެ ހައެއްކަމަސް ކުރިން އެތަނުގެ ވަށާ ފާރުން ބައެއްވެސް ވަނީ ތަޅާލާފައެވެ.
ކިޔުންތެރިންގެ ޚިޔާލު