ކުޑަ ގާބުރި

l_1074445.jpg

ކޮންމެ މަސައްކަތަކީވެސް މުޖްތަމައުގެ ގަދަރު ލިބެންޖެހޭ މަސައްކަތެއް - ފޮޓޯ :ސަން.އެމްވީ

ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު، ގ.މަންޒިލް

މިއީ އީލިޔާ އަބޫމާޟީގެ ޅެމަކާއި ޅެމުގެ ތަރުޖަމާއެކެވެ.

މިޅެމަށް އޭނާ ދެއްވާފައިވާ ނަމަކީ الحجر الصغير، އާދެ ‘ކުޑަ ގާބުރި’، މިނަމެވެ. ޅެމުގައި ކުޑަގާބުރިވަނީ އިންސާނެއްގެ ސިފަދެވި، ‘ތަޝްޚީޟް’ (ޕާސަނިފައި) ކުރެވިފައެވެ. ޅެމުގައި ބަޔާންކޮށްދެނީ އެކުޑަ ގާބުރީގެ ހިތުގައި ހިނގާ ޝުއޫރުތަކެވެ. މުޖުތަމައު ދެކޭގޮތުގައި އެގާބުރިއަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫނެވެ. އޭނާއަކީ ފެހިޖަހައި ކަޅުވެފައިވާ މަށް ގާބުރިއެކެވެ. އަދި އޭނާގެ މަސައްކަތަކީވެސް ‘މޮޅު’ މަސައްކަތެއްނޫނެވެ. އޭނާއަކީ ކޯރެއްގެ ފެންގަނޑެއް ހިފަހައްޓަން އެޅުނު ހުރަސްފާރެއްގައި (ޑޭމެއްގައި) ހިމެނޭ އާދައިގެ ކުޑަކުޑަ އެޅިގާބުރިއެކެވެ. އޭނާގެ ވަޒީފާއަކީ މިހުރަސް ވެއްޓުނަނުދީ ހިފެހެއްޓުމެވެ. މިއީ ‘ދަށް’ މަސައްކަތެކެވެ. ދެރަ ނިކަމެތީންގެ މަސައްކަތެކެވެ. އެހެންވެ، އެމަސައްކަތަކީ އޭގެ އަގުވަޒަންކުރެވޭ މަސައްކަތަކަށްނުވެއެވެ. މިއީ މުޖުތަމައު އޭނާއާމެދު ދެކޭގޮތެވެ. އަދި އޭނާގެ މަސައްކަތާ މެދު ދެކޭގޮތެވެ. އާދެ، އޭނާއަކީ، މުޖުތަމައު ދެކޭގޮތުގައި، އެއްވެސް އަގެއްނެތް، ދެރަ ނިކަމެތި ހަޤީރު މީހެކެވެ. ދަށް، ހަޑި، އެއްވެސް އަގެއްނެތް މަސައްކަތް ކުރާމީހެކެވެ.

އެހެންވެ، މިކަމާ މާޔޫސްވެގެން، ގާބުރި ނިންމީ އޭނާގެ ހަޔާތް ނިންމާލައި، މިދުނިޔެ ދޫކޮށްދާށެވެ.

ދެންކަންތައް ވެގެންދިޔައި ކިހިނެއްތޯއެވެ؟ ގާބުރިއޮތް މަގާމުގައި އޭތި ނެތުމުން ހުރަސްފާރަށް ސަލާމަތުން ދެމިނޯވެވުނީއެވެ. އަދިއެންމެފަހުން ފެންހުރަސް ވެއްޓުނީއެވެ. އަދި މުޅިރަށުގައި ފެންބޮޑުވެ ރަށް ހަލާކުވީއެވެ.

މިޅެމަކީ، ކިޔުންތެރިންނަށް ފާހަގަކުރެއްވޭނެ ފަދައިން، ރަމްޒީ ޅެމެކެވެ. ޅެމުގައި ކުޑަގާބުރި ބޭނުންކުރެވިފައިވަނީ ރަމްޒެއްގެ ގޮތުގައެވެ. އެރަމްޒު ބޭނުންކުރެވިފައިވަނީ ޅެންވެރިޔާ އެދޭ މެސެޖް، ރިސާލަތު، ފޯރުކޮށް ދިނުމަށެވެ. ޅެމުގައި ކުޑަ ގާބުރި ރަމްޒުކޮށްދެނީ މުޖުތަމައުގެ އާދައިގެ މީހެކެވެ. އޭނާގެ މަސައްކަތެވެ. އާދެ! މިޅެމުން ފޯރުކޮށްދެވޭ މެސެޖަކީ އެއްވެސް މީހަކުކުރާ މަސައްތަކަކީ ‘ދެރަ’ މަސައްކަތެއް ނޫންކަމެވެ. ކޮންމެމީހަކީވެސް މުޖުތަމައުގައި އަގުހުރި މީހެއްކަމެވެ. އޭނާކުރާމަސައްކަތަކީ މުހިއްމު މަސައްކަތެކެވެ. އެމަސައްކަތުގެ މުހިއްމުކަން އެނގި، އޭގެ އަގުވަޒަންކުރެވެނީ، އެމަސައްކަތް ކުރާމީހާނެތުމުންނެވެ. ކުޑަގާބުރިނެތުމުން، ފެންހުރަސްވެއްޓި، މުޅިރަށުގައި ފެންބޮޑުވުމުން ކުޑަގާބުރީގެ މަސައްކަތުގެ މުހިއްމުކަން އެނގި ފާހަގަކުރެވިގެންދިޔަ ފަދައިންނެވެ. މިއިން އަންގައިދެނީ މީހެއްގެ އަގު ވަޒަންކޮށް، އެމީހާއަށް ދެވޭ ގަދަރާއި އިހުތިރާމު ކަނޑައަޅާލެވެންޖެހެނީ، އެމީހާ ކުރާ މަސައްކަތުގެ ބާވަތަށް ބަލާފައެއްނޫންކަމެވެ. އޭނާއަކީ އިންސާނަކަށްވާތީ އޭނާއަށް ގަދަރުކުރެވި އިހުތިރާމު އަދާކުރެވެންޖެހެއެވެ. އަދި ކޮންމެ ކަހަލަ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެމަސައްކަތުގެ އަގުވަޒަންކުރެވެން ޖެހެއެވެ. މި އަގު ވަޒަންކުރުން އެމަސައްކަތަށް ދެވޭ އުޖޫރައިން ފެނިގެން ދާންޖެހެއެވެ. މިހެންވެއްޖެނަމަ، މުޖުތަމައުގެ އަފުރާދުން، ހުރިހާ ބާވަތެއްގެ މަސައްކަތްކުރަން ކުރިމަތިލުމާ ގާތްވުން ބޮޑެވެ. ވަކިކަހަލަ މަސައްކަތެއް ނޫނީ ނުކުރަން، އެމީހުން ނުތިބޭނެ ކަމަށް ފެނެއެވެ. މިޅެމުން ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ، ރިސާލަތަކީ، އަޅުގަނޑު ދެކޭގޮތުގައި މިއީއެވެ.

ކުރިންވެސް ދެންނެވިފަދައިން ޅެމުގައި ‘ކުޑަގާބުރި’އަށް ވަނީ އިންސާނީ ސިފަދެވި، ތަސްޚީޞު (ޕާސަނިފައި) ކުރެވިފައެވެ. ހަމަ އެހެންމެ ‘ރޭގަނޑު، އަދި ‘ފަތިސް’ ފަދަ ފުރާނަނެތް އެހެން އެއްޗެހިވެސް ވަނީ އިންސާނުންނަށް ހަދާލެވިފައެވެ. އެހެންވެ، ޅެން ތަރުޖަމާ ކުރެވިފައިވާނީ މިކަމަށް ރިއާޔަތް ކުރެވިގެންނެވެ. އާދެ، އިންސާނެއް ފަދައިން ‘ރޭގަނޑަށް’ އިވުމާއި ‘ގާބުރި’ ވާހަކަދެއްކުމާއި ‘ފަތިސް’ އޭނާގެ ލޯހުޅުވާލުން، މިފަދައިން އިބާރާތްކުރެވިފައިވަނީ މިހެންވެއެވެ.

އިތުރު ޝަރަހައަކާ ނުލައި ޅެން ހުށަހަޅާލުމަށް އަވަސްވެގަންނަމެވެ.

سمع الليل ذو النجوم أنينا      وهو يغشى المدينة البيضاء                ތަރިތަކުން ފުރިފައިވާ ރޭގަނޑަށް ކުކުރާލުމެއްގެ އަޑު އިވުނެވެ. އޭނާ(ގެ އަނދިރިކަން) މުޅި ‘ހުދުރަށަށް’ ފަތުރާލާފައިވަނިކޮށެވެ.

فانحنى فوقها كمسترق الهمس         يطيل السكوت والإصغاء                ދެން އެރަށާ ދިމާއަށް ލެނބިލިއެވެ. (ދޭދޭމީހުން) ސިއްރުން ދައްކާ ވާހަކަތައް އަޑުއަހަންއުޅޭ މީހެއް ފަދައިންނެވެ. ހިމޭނުން، ކަނުލައި އަޑުއެހުންމަތީ އޭނާ ދެމިހުއްޓެވެ.

فرأى أهلها نياما كأهل الكـ          هف لا جلبة ولا ضوضاء                އޭނާއަށް ފެނުނީ އެރަށުމީހުން ނިދާފައިވަނިކޮށެވެ. ކަހުފު ބާގާއިގެ މީހުންފަދައިންނެވެ. އެއްވެސް އަޑެއް، ހިލުމެއް، (ރަށަކު) ނެތެވެ.

ورأى السدّ خلفها محكم البنيان        والماء يشبه الصحراء                 އަދި ރަށުގެ ބިއްދޮށް ފަރާތުގައި ވަރުގަދަކޮށް އެޅިފައިވާ ފެންހުރަސް (ޑޭމް) ވެސް އޭނާއަށް ފެނުނެވެ. އަދި (އެ ފެންހުރަސް ހިފަހައްޓައި ބަންދުކޮށްލައިފައިވާ ކޯރުގެ) ފެންގަނޑު (ދެމިފައިވާ) ހަނަފަސް ސަހަރާއެއް ފަދައެވެ. (އެހާވެސް ބޮޑެވެ.)

كان ذاك الأنين من حجر في السـد         يشكو المقادر العمياء                އެ ކުކުރާލުމުގެ އަޑު އިވުނީ ފެން ހުރަހުގައިއޮތް ގާބުރިއެއްގެ ފަރާތުންނެވެ. ކަނު އަނދިރި ތަގުދީރުގެ ކަންތައްހުރި ގޮތާމެދު، އެގާބުރި ޝަކުވާކުރަނީއެވެ.

أيّ شأن يكون في الكون شأني       لست شيئا فيه ولست هباء (އެގާބުރިބުނަމުންގެންދިޔައެވެ.) މިވުޖޫދުގައި (ދުނިޔޭގައި) އަހަންނަށްއޮތީ ކޮންމަގާމެއް ހެއްޔެވެ؟ އަހަންނަކީ އެއްވެސް (އަގެއްހުރި) އެއްޗެއްނޫނެވެ. އެންމެ ކުޑަވެގެން (މިނިވަންކަމާއެކު ވައިގެތެރޭގައި އެނބުރެވޭ) ކުނޑިކޮޅަކަށްވެސް އަހަރެންނުވެއެވެ.

لا رخام أنا فأنحت تمثا             لا، ولا صخرة تكون بناء            އަހަރެން، އެއިން ބިންވަޅުނަގައި ބުދުތައްހެދޭ، ސަންގުމަރުމަރު ހިލައަކަށްވެސް ނުވެއެވެ. ނުވަތަ އެއިން (މޮޅު) ބިނާތައްހެދޭ ހަރުހިލައަކަށްވެސް ނުވެއެވެ.

لست أرضا فأرشف الماء ،              أو ماء فأروي الحدائق الغنّاء      އަހަރެންނަކީ ފެންލިބޭ (މޮޅު) ބިންގަނޑަކަށްވެސް ނުވެއެވެ. ނުވަތަ (ގަސްގަހާގެހިން) ލަވަކިޔައި (ނަށާ ހަދަމުން، މީސްތަކުން އުފާކޮށްދޭ) ބަގީޗާތަކަށް ފެންދޭ ފެނަށްވެސް އަހަރެންނުވެއެވެ.

لست درا تنافس الغادة الحسناء        فيه المليحة الحسناء                އަހަރެންނަކީ، ނަލަ ރީތި އަންހެންކުދިން، ހިތްއުފާކޮށްދޭ ރީތި (އެހެން) އަންހެންކުދީންނާ ވާދަކޮށް އެ މުތް ހޯދަންއުޅޭ ރީތި މުތަކަށްވެސް ނުވެއެވެ.

لا أنا دمعة ولا أنا عين،           لست خالا أو وجنة حمراء              ނޫނީ (އެއިން ކުއްޖެއްގެ ލޮލުންވެއްޓޭ) ކަރުނަފޮދަކަށް، ނޫނީ (އެއިންކުއްޖެއްގެ ޖާޒުބީ) ލޮލަކަށް، ނޫނީ (އެއިން ކުއްޖެއްގެ މޫނުމަތީގައިވާ) ކަޅުތިއްކަކަށް، ނޫނީ (އެއިންކުއްޖެއްގެ) ޖަންބުކުލައިގެ ކޯތާފަތަކަށްވެސް (އަހަރެން)ނުވެއެވެ

حجر أغبر أنا وحقير              لا جمالا ، لا حكمة ، لا مضاء      އަހަންނަކީ ހަމަ (އެއްވެސް އަގައްނެތް) ކަޅުވެފައިވާ ދެރަނިކަމެތި ގާބުރިއެކެވެ. އެއްވެސް ރީތިކަމެއް ނުވަތަ ހިކުމަތެއް، ބުއްދިވެރިކަމެއް، ނުވަތަ (ކަމެއް) ހިންގާލުމުގެ ބާރެއް، އަޒުމެއް، އަހަންނަކަށް ލިބިފައެއްނުވެއެވެ.

فلأغادر هذا الوجود وأمضي         بسلام ، إني كرهت البقاء              އެހެންވެ އަހަންނަށްހަމައެކަނި އޮތްގޮތަކީ ސަލާމަތުން (ހުރިއިރު) މިދުނިޔެ ދޫކޮށްދިޔުމެވެ. އަހަރެން ދުނިޔޭގައި ދިރިދެމިހުރުމުގެމަތީން މުޅިންފޫހިވެއްޖެއެވެ.

وهوى من مكانه ، وهو يشكو        الأرض والشهب والدجى والسماء          ދެން އެ ގާބުރި އެއޮތްތަނުން ވެއްޓިގަތެވެ. ބިމާ ތަރިތަކާއި އަދި ރޭގަނޑާއި އުޑާއި، (ހުރިހާ އެއްޗަކާ،) ދޭތެރޭވެސް ޝަކުވާކުރަމުންނެވެ.

فتح الفجر جفنه فإذا          الطوفان يغشى ((المدينة البيضاء)              ފަތިސް އޭނާގެ ލޯ ހުޅުވާލުމުން ދިޔައީ ސިއްސައިގެންނެވެ. (ގާބުރި ވެއްޓުމުން، ފެންހުރަސް ހަލާކުވެ، ފެނުގެ) ތޫފާނެއް އައިސް މުޅި ހުދުރަށް ވަނީ ފޮރުވާލެވި (ފެނުގެތެރެއަށް ގެނބި)ފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top