ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                         4 ޖެނުއަރީ އާއި ގުޅޭ

އެނގުމެއްނެތް ކުރިމަގު

އާދަމުގެ ދަރިޔާ ދުނިޔެއަށް އުފަންވަނީ ކުށެއްނެތް މަޢުޞޫމް ކުއްޖެއްގެ ގޮތުގައެވެ. މައިންބަފައިން އެކުއްޖާ ބަލައި ބޮޑު ކުރަނީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. މަތިވެރި އުއްމީދު ތަކަކާއެކީގައެވެ. އެ ކުއްޖާ ބޮޑުވެގެން ނުކުންނަ ދުނިޔޭގައި ޖެހެނީ ހަނގުރާމަ ކުރާށެވެ. ގަދައަޅައި މަސައްކަތް ކުރާށެވެ. ހިތި ތަޖުރިބާތަކާ ކުރިމަތިލާށެވެ. ހިތާމައާއި، އުނދަގޫ ފިޔަވައި އެހެން އެއްވެސް ކަމެއް އޭނާއަކަށް ނުފެނެއެވެ.

އިންސާނާ އެދުންތަކުގެ ގަނޑުވަރު ބިނާކުރެއެވެ. ދުނިޔޭގެ ހިތި ޙަޤީޤަތް އައިސް އެ ގަނޑުވަރު ފުނޑުފުނޑުކޮށް ވެއްޔާ މޮޑެލައެވެ. އޭނާ ހިތްވަރުގެ ދުނިޔެ އާބާދު ކުރެއެވެ. އެކަމަކު އޭނާގެ ހިތްވަރަކީ ހަމައެކަނި ސިކުނޑީގައި އޮންނަ ކަމަކަށް ވެދެއެވެ. ފެންނަން އޮތް ދުނިޔޭގައި އެއިން ކަމަކަށް ޢަމަލީ ސިފައެއް ނުގެނެވެއެވެ. އޭނާ އުއްމީދުތައް އުފަންކުރެއެވެ. އެހެންނަމަވެސް އޭނާގެ އުއްމީދުތަކަކީ އަވާމެންދުރެއްކަން ވަރަށް އަވަހަށް އެނގިދެއެވެ. ދިރިއުޅުމަކީ ތުނިތުނި ބިއްލޫރިގަނޑެއް ކަހަލަ އެއްޗެކެވެ. ޙާލާތުގެ ވަރުގަދަ ފަރުބަދައިގައި ޖެހުމާއެކު ކުދިކުދި ވެގެން ބުރައިގެން ހިނގައިދެއެވެ.

އާދަމުގެދަރިޔާ އޭނާގެ ދުނިޔަވީ ދަތުރު ފަށަނީ ކުލަގަދަ ހުވަފެންތަކެއް ދެކެމުންނެވެ. އެހެންނަމަވެސް އޭނާއަށް އެންމެ ފަހުން ލިބެނީ އެދުންތަކުގެ ޤަބުރުސްތާނެކެވެ. އޭނާއަށް ޖެހެނީ އޭނާގެ ކުލަ ހުވަފެންތައް އެޤަބުރުސްތާނުގައި ވަޅުލާށެވެ.

އޭނާގެ ނާޒުކު ހިތުގައި ގެންގުޅެނީ ކިތައް އުއްމީދުތޯއެވެ؟ ކިތައް ހުވަފެންތޯއެވެ؟ އެކަމަކު އެއިން އެއްވެސް އުއްމީދެއް ނުވަތަ ހުވަފެނެއް ކާމިޔާބެއް ނުކުރެވެއެވެ. ދިރިއުޅުމުގެ ދުވަސްތައް ހަމަކޮށް މި ދުނިޔެ ދޫކޮށް އާދަމުގެ ދަރިޔާ ދަނީ ލޭ ކަރުނަ އޮއްސަމުންނެވެ. އެ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ދެން ކުރިމަތިލާންޖެހޭނީ އެނގުމެއް ނެތް މުސްތަޤުބަލަކާއެވެ.

އިންސާނާގެ މާޒީއަކީ އުއްމީދާއި، އެދުންތަކުން ފުރިފައިވާ މާޒީއެކެވެ. އޭނާގެ މިއަދަކީ ނާކާމިޔާބީއާއި، އިނދަޖެހުމުގެ ކުޅިގަނޑެކެވެ. އޭނާގެ މުސްތަޤުބަލަކީ ގޮތް ނޭނގޭ ދުނިޔެއަކަށް ވަދެވުމެވެ. އިންސާނާގެ އުފަންވުމާއި، ނެތި ދިއުމުގެ ޢަޖާއިބުކަން ބޮޑުކަމާއެވެ!

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާޔާ މެދު މިފަދަ ގޮތަކަށް ރާއްވަވައިފައިވަނީ ދިރިއުޅުމާމެދު ފުންކޮށް ވިސްނާނޭގޮތް ހެއްދެވުމަށްޓަކައެވެ. ދިރިއުޅުމުގެ ތެރެއަށް ގެނބިގެން ދިއުމުގެ ބަދަލުގައި ތިމާގެ ފެށުމާއި، ނިމުމާމެދު ފިކުރުކުރާނޭ ގޮތް ހެއްދެވުމަށްޓަކައެވެ. މިފަދަ ކަންކަމާމެދު ފުންކޮށް ވިސްނާ މީހަކަށް އޭގެ ޙިކުމަތް ވިސްނޭނެއެވެ. ތަކުރާރުކޮށް ކޮންމެ ދުވަހަކު ދުނިޔެ އިޝާރާތް ކުރާ ޙަޤީޤަތްތައް އޭނާގެ ސިކުނޑިއަށް ވަންނާނެއެވެ.

އެކޮޅުކޮޅުން

މައުލަވީ އެއްހެން ހީވާ މީހަކު އެކްސްޕްރެސް ރޭލެއްގެ އެއްވަނަ ދަރަޖައިގެ ވަތްގަނޑަކަށް އަރައިފިއެވެ. އޭނާ އެރި އިރު އެ ވަތްގަނޑުގައި އިތުރު ތިން މީހަކު ތިއްބެވެ. ބަލާ ބެލުމަށް އެންމެ މި ޒަމާނުގެ ތިން “މިސްޓަރު” ންނެވެ. މައުލަވީ ގެ އާދައިގެ ހެދުމާއި، ދިގުކޮށްފައި ހުރި ތުނބުޅީގެ ސަބަބުން އޭނާ ވެގެން ދިޔައީ ބީރައްޓެއްސަކަށެވެ.

އެތައް ސްޓޭޝަނަކަށް ރޭލު މަޑު ކުރިއެވެ. ތިން މިސްޓަރުން ތިބީ އޮލަ ވާހަކައެއްގެ ތެރެއަށް ގެއްލިފައެވެ. މައުލަވީ އާ ދިމާއަށް އެކަކުވެސް ބަލައެއް ނުލައެވެ. އެމީހުން ވާހަކަ ދައްކާ ފެންވަރުގެ މީހަކަށް ނުވަނީ ކަން ނޭނގެއެވެ. އެންމެ ފަހުން މައުލަވީ ކަންތައް ކުރި ގޮތް އައްސަވާށެވެ. ދެން ހުއްޓި ސްޓޭޝަނަށް ފައިބާ އިނގިރޭސި ބަހުން އޮތް ނޫހެއް ގަނެގެން ރޭލަށް އަރާ، ނޫސް އެކޮޅުކޮޅުން ހިފައިގެން، ކިޔާ ކަމަށް ހަދައިގެން އެބަ އިނދެއެވެ. މި މަންޒަރު ފެނިފައި އެއްކަލަ މިސްޓަރުން ހޭން ފަށައިފިއެވެ. އެތަނުން އެކަކު އިނގިރޭސި ބަހުން ބުނެފިއެވެ. “މިހިރަ މައުލަވީގެ ކަންތައް ނިކަން ދެކިބަލާށެވެ! ނޫސް ކިޔަން އެ އިނީ އެކޮޅުކޮޅުން ހިފަހައްޓައިގެންނެވެ.” ދެވަނަ މީހާ ބުނެލިއެވެ. “އިނގިރޭސި ބަސް ނޭނގެންޏާ އިނގިރޭސި ނޫހެއް ގަތީ ކީއްކުރަންހެއްޔެވެ؟” މައުލަވީއަށް އެމީހުން ދައްކާ ވާހަކަ ނޭނގޭ ކަން މިސްޓަރުންނަށް ކަށަވަރު ވެއެވެ. މައުލަވީ އަށް އެ މީހުންނަށް ވުރެ ރަނގަޅަށް އިނގިރޭސި އެނގޭކަން އެމީހުންނަކަށް ނޭނގެއެވެ. މައުލަވީ ކުއްލިއަކަށް އެމީހުންނާ މުޚާޠަބުކޮށް ސާފު އިނގިރޭސި ބަހުން ވާހަކަ ދައްކަން ފަށައިފިއެވެ. އޭނާ ބުންޏެވެ. “ނޫސް އެކޮޅުކޮޅުން ހިފައިގެން އިނުމަކީ ޤާނޫނީ ކުށެއްހެއްޔެވެ؟ އަހަންނަށް އިނގިރޭސި ނޭނގެއޭ ކަލޭމެންގެ ހިތަށް އެރީ ކީއްވެގެންހެއްޔެވެ؟” އެއަށްފަހު ވާހަކައިގެ މަވްޟޫޢޫ ބަދަލުކޮށްލާފައި ބުނެލިއެވެ. “ނޫހެއް އެކޮޅުކޮޅުން ހިފައިގެން އިނުން ކަލޭމެންނަށް ތިޔަ ފެންނަނީ ޙައިރާންވާ ކަހަލަ ކަމެއްގެ ގޮތުގައެވެ. އެކަމަކު ކަލޭމެންނާއި، ކަލޭމެން ކަހަލަ އެތައް ބަޔަކު ދިރި ތިބެނީ މުޅި ދިރިއުޅުން އެކޮޅުކޮޅުން ހިފަހައްޓައިގެންނެވެ.”

ދިރިއުޅުން ހިފަހައްޓަން ޖެހެނީ ޣައިރު މާއްދީ ބޭނުންތައް ފުއްދާށެވެ. އަޅުގަނޑުމެން ދިރިއުޅުން ހިފަހައްޓައިގެން މި ތިބެނީ މާއްދީ މަޤްޞަދުތަކެއް ޙާޞިލު ކުރާށެވެ. ދިރިއުޅުން ހިފަހައްޓަން ޖެހެނީ ރޫޙާނިއްޔަތާ ވީ ކޮޅުންނެވެ. އަޅުގަނޑުމެން ހިފަހައްޓައިގެން މި ތިބެނީ ޖިސްމާނީ ކޮޅުންނެވެ. ދިރިއުޅުމަށް ބަލަން ޖެހެނީ އާޚިރަތާވީ ކޮޅުންނެވެ. އަޅުގަނޑުމެން މި ބަލަނީ ދުނިޔެ އާ ވީ ކޮޅުންނެވެ. އަޅުގަނޑުމެންގެ އެންމެ މުހިންމު މައްސަލަ އަކަށް ވާން ޖެހެނީ މަރެވެ. އެކަމަކު މުހިންމު ވެގެން މި އުޅެނީ ދިރިއުޅުމެވެ. އިންސާނުންނާ މެދު ބަލަން ޖެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަޒަރުންނެވެ. އެޔާ ޚިލާފަށް އަޅުގަނޑުމެންނަށް މިހެދޭ ގޮތަކީ އިންސާނުންގެ ނަޒަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ބެލުމެވެ.

ނޫހުގެ އެކޮޅު މިކޮޅު ވަކި ކުރަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމަކު ދިރިއުޅުމުގެ އެކޮޅު މިކޮޅު މި ތިބެނީ އޮޅިފައެވެ. ފުރިހަމަ ނަޒަރަކާއި، ތޫނު ދެ ލޮލެއް ލިބިފައިވާ އިންސާނާ އަށް އޭނާ ބަލަން ޖެހޭ މިޞްރާބަށް ކަޅި ނުހިންގޭ ކަމީ ކިހައި ދެރަ ކަމެއްތޯއެވެ؟

ހަމައެކަނި ހުނަރަކުން ނުފުދޭ

ޑޮކްޓަރ ފަޟުލުއްރަޙްމާންޚާނަކީ މުޅި ދުނިޔެއަށް މަޝްހޫރު އާރކިޓެކްޗަރަލް އިންޖިނިއަރެކެވެ. އާދެ، ޢިމާރާތް ކުރުމާބެހޭ މާހިރެެކެވެ. އޭނާ އުފަންވީ ބަންގްލާދޭޝްގެ ޑާކާއަށެވެ. އާރކިޓެކްޗަރަލް އިންޖިނިއަރިންގ (Architectural Engineering) ގެ ތަޢުލީމު ޙާޞިލު ކުރީ އިންޑިއާގެ ކަލްކަތާއިންނެވެ. އޭގެފަހުން އެމެރިކާއަށް ގޮސް އެތާނގައި މިރޮނގުން ޕީއެޗްޑީ ނެގީއެވެ. އޭނާ ޢަމަލީ މައިދާނަށް ނުކުމެ އެންމެ ފުރަތަމަ ކުރި ކަމަކީ ޗިކާގޯގައި ކޮންޓްރެކްޓަށް ހިފައިގެން 43 ބުރީގެ ޢިމާރާތެއް ބިނާކުރުމެވެ. އެއީ 1963 ވަނަ އަހަރުއެވެ. އޭނާއަކީ އާދަޔާ ޚިލާފަށް ވިސްނުންތޫނު މީހެކެވެ. ވުމާއެކު މި ރޮނގުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯދާފައި ވެއެވެ. އޭގެ ފަހުން ހަމަ ޗިކާގޯގައި 110 ބުރީގެ ޢިމާރާތެއްވެސް އޭނާ ބިނާ ކޮށްފައި ވެއެވެ. އެއީ މަޝްހޫރު ސިއާރސް ޓަވަރެވެ. މި ޢިމާރާތުގެ ސަބަބުން މިޒަމާނުގެ ޢިމާރާތް ކުރުމުގައި ބައިނަލްއަޤްވާމީ ޝުހުރަތު އޭނާއަށް ލިބުނެވެ. މިއީ އޭރު ދުނިޔޭގައި ހުރި އެންމެ އުސް ޢިމާރާތެވެ. މި ޢިމާރާތް ބިނާ ކުރުމުގައި އޭނާ ބޭނުންކުރި އާދަޔާ ޚިލާފު އުސޫލުތަކެއްގެ ސަބަބުން އެބާވަތުގެ ޑިޒައިނަށް ޓިއުބިއުލަރ ޑިޒައިނޭ ކިޔެން ފެށުނެވެ. (ހިންދުސްތާނު ޓައިމްސް، 9 މޭ 1982)

މި އާދަޔާ ޚިލާފު ކާމިޔާބީއާއެކުވެސް ޑޮކްޓަރ ފަޟުލުއްރަޙްމާނަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. މިސްޓަރ ކޭ. އެމް. އަމްލާދީ 1976 ވަނަ އަހަރު ޑޮކްޓަރ ފަޟުލުއްރަޙްމާނާ ބައްދަލުކުރިއެވެ. ދެކެވުނު ވާހަކައިގެ ތެރޭގައި އަމްލާދީ، ޑޮކްޓަރ ފަޟުލުއްރަޙްމާން ހޯދާފައިވާ ކާމިޔާބީއަށްޓަކައި މުބާރަކުބާދު އަދާކުރިއެވެ. ޖަވާބުގައި އޭނާ ބުންޏެވެ. “ދިރިއުޅުމަކީ ހަމައެކަނި އިންޖިނިއަރިންގ އެއް ނޫނެވެ.

27 މާޗް 1982 ގައި ފަޟުލުއްރަޙުމާން ވަރަށް ކުއްލި ގޮތަކަށް މަރުވިއިރު އޭނާގެ ޢުމުރަކީ 52 އަހަރެވެ. ޢިމާރާތް ކުރުމުގައި ފަޟުލުއްރަޙުމާން ތަޢާރަފު ކުރި އައު ހުނަރުގެ ބޭނުންކޮށްގެން ޖަރުމަނުވިލާތުގެ މީހެއް ކަމަށްވާ ރޮބަރޓް ގަބްރިއެލް 365 ބުރީގެ ޢިމާރާތެއް ޑިޒައިން ކުރިއެވެ. މި ޢިމާރާތުގެ އުސްމިނަކީ ބިމުން ފެށިގެން 1 މޭލެވެ. މިސްޓަރ އަލްމާދީ، ފަޟުލުއްރަޙުމާނާ ބައްދަލުކުރި ދުވަހު އެވަރުގެ އުސް ޢިމާރާތެއް ބިނާ ކުރެވިދާނެތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ އާނއެކޭ ބުންޏެވެ. މި ބައްދަލުވުމުގެ ވާހަކަ ލިޔަމުންގޮސް އަމްލާދީ އޭނާގެ މަޒުމޫނު ނިންމާލާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

“ޔޫރަޕާއި، އެމެރިކާގައި އުސް އެތައް ޢިމާރާތެއް ބިނާކޮށްފިއެވެ. އެހެންނަމަވެސް ހިތާމަ ކުރަންޖެހެނީ އެއީ ކުރެވިދާނޭ ކަމެއްކަން ސާބިތުކޮށްދީ އެކަމުގެ ބިންގާ އަޅައިދިންމީހާ އެއިން އެއްވެސް ޢިމާރާތެއް ދެކެން ދުނިޔޭގައި ނެތީމައެވެ.”

ވަފާތެރިންނަށް ވާށެވެ!

އެމެރިކާގެ އަންހެނަކު ރޫސީވިލާތަށް ހިނގައްޖެއެވެ. ރޫސީވިލާތުން އޭނާއަށް ފެނުނީ ރަށުގެ އެތަން މިތާނގައި ކޮމިއުނިސްޓް ޕާޓީގެ ވެރިމީހާގެ ފޮޓޯ ހިއްޕާފައި ހުއްޓައެވެ. މިއީ އޭނާއަށް މާ ރަނގަޅު ކަމަކަށް ނުފެނުނެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ގޮސް ރޫސީންގެ ބައެއްގާތު މިވާހަކަ ދައްކައިފިއެވެ. އެވަގުތު އެތާނގައި ހުރި އޭނާގެ ރައްޓެއްސަކު އޭނާގެ ކަންފަތްދޮށުގައި ބުނެލިއެވެ. “ކަލޭ މިހާރު ތިޔަ އުޅެނީ ރޫސީވިލާތުގައެވެ. އެމެރިކާގައެއް ނޫނެވެ.”

އެމީހަކު ހިތުހުރި ގޮތަކަށް އެމީހެއްގެ އަމިއްލަ ރަށުގައި އުޅެވުމަކީ އެކަށީގެންވާ ކަމެކެވެ. ބީރައްޓެހި ރަށަކަށް ހިނގައްޖެނަމަ އުޅެންޖެހޭނީ އެރަށެއްގެ ނިޒާމު ހަމަޖެހިފައިވާ ގޮތްތަކަށް ބަލައިގެންނެވެ. މިނޫން ގޮތަކަށް އުޅެފިނަމަ އެރަށުގެ މީހުންގެ ކުރިމަތީގައި ކުށްވެރިއަކަށް ވެދާނެއެވެ.

މުޅި ދުނިޔެއަށް ނިސްބަތް ކުރާ އިރުވެސް މިއީ ރަނގަޅު ހަމައަކަށް ވެގެންދެއެވެ. އިންސާނާ އުފަންވެފައިވަނީ އޭނާ އަމިއްލައަށް ހެދި ދުނިޔެއަކަށް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހެއްދެވި ދުނިޔެއަކަށެވެ. އިންސާނާ ދިރިއުޅެނީ އޭނާގެ “ރަށުގައެއް” ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ “ރަށެއް” ގައެވެ.

މިފަދަ ޙާލަތެއްގައި އިންސާނާއަށް ކާމިޔާބީއާ ހަމައަށް ދެވެން އޮތީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެ ހިންގަވަން ކަނޑައަޅުއްވާފައިވާ ނިޒާމް ދަސްކޮށް، އެޔާ އެއްގޮތަށް އުޅުމުންނެވެ. މިޔާ ޚިލާފު ގޮތަކަށް އުޅެގެންފިނަމަ އެކަލާނގެ ދަރުބާރުގައި ކުށްވެރިއަކަށްވެ، އަދަބު ލިބި، ހުރިހާ ނިޢުމަތަކުން މަޙްރޫމް ވެދާނެއެވެ.

ދުނިޔޭގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ރުއްސަވާ ގޮތަށް އުޅޭނޭ މަގު ދައްކަވަން ރަސޫލުބޭކަލުން ފޮނުއްވިއެވެ. އިންސާނުންނަށް ވިސްނޭފަދަ ތިލަ ބަހުރުވައަކުން އެކަލާނގެ ކަނޑައަޅުއްވާފައިވާ ހަމަތަކަކީ ކޮބައިކަމާއި، އިންސާނުން އުޅެންވީ ކިހިނެއްކަން އެބޭކަލުންވަނީ އަންގަވައި ދެއްވައިފައެވެ.

ކީރިތި ޤުރްއާނަކީ ރަސޫލުބޭކަލުން ގެނެސްދެއްވި ހަމަތައް ޖަމާ ކުރެވިފައިވާ ފޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަފާތެރިންގެ  ލިސްޓްގައި ހިމެނި، އެކަލާނގެ ނިޢުމަތުގައި ދެމިހުރުމުގެ ފުރުޞަތު ހޯދަން އެދޭ މީހާއަށް އޮތް ގޮތަކީ ކީރިތި ޤުރްއާން ކިޔަވައި، އެފޮތުގައިވާ ގޮތަށް ދިރިއުޅުން ސީދާ ކުރުމެވެ.

މިގޮތަށް ޢަމަލު ނުކުރާ މީހަކަށް ޖެހޭނީ ރޫސީވިލާތަށްދާ އެމެރިކާ މީހާއަށް ނުވަތަ އެމެރިކާއަށް ދާ ރޫސީ މީހާއަށް ޖެހޭ ދަތުރެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top