ސިވިލްސާވިސް ކޮމިޝަންގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވޭ އުސޫލެއް އެކުލަވާލުމަށްފަހު މިއަދު އެއުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.
މި އުސޫލުގައި ބުނެފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާ އުސޫލަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އެއް ހަމައަކުން އަމަލު ކުރުވުމުުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ދުވަހު ނޫސް “ސަން”އަށް ވިދާޅުވީ، މީގެ ކުރިން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރަމުން ދިޔައީ ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގެ ދަށުން ކަމަށާ މިއަދު އަމަލު ކުރަން ފެށި އުސޫލަކީ އެ ގަވާއިދުގެ ދަށުން ތަފްސީލު ކުރަން ޖެހޭ ބައެއް ކަންތައްތައް ތަފްސީލުކޮށް އެކުލަވާލި އުސޫލެއްކަމުގައެވެ.
“އާ ސަރުކާރެއް އައިސް ބަދަލުވާ ދަނޑިވަޅުގައި، ބައެއް ކަހަލަ ބަދަލުތައް މި އަންނަނީ. މިނިސްޓްރީތަަކަށް އަންނަ ބަދަލާއި، އާ މިނިސްޓްރީތައް އުފެއްދުމާއި، ބައެއް މިނިސްޓްރީތަކުގައި ހުރި މަސައްކަތްތައް އެހެން ދިމަދިމާލަށް ބަދަލު ކުރުމާއި. އެހެންވުމާ އެކު އެކީގައި ބޭނުން ވަނީ މިއަށް [އާ އުސޫލަށް]،” ޝަމީމް ‘ސަން ‘ އަށް ވިދާޅުވިއެވެ.
އެ އުސޫލުގައިވާ ގޮތުން ސިވިލް ސާވެންޓަކު ވަޒީފާއިން ވަކި ކުރާ ނަމަ ނޯޓިސްއާ އެކު ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ލިބެން ޖެހޭނެއެވެ.
އަދި އިދާރާއަކުން ކުރަމުން ދާ މަސައްކަތެއް އެހެން އިދާރާއަަކަށް ބަދަލުވާ ހާލަތެއްގައި މުވައްޒަފު ވަޒީފާއަށް ނެރެ ހާޒިރީ ބަލަހައްޓާނީ އެ މަސައްކަތަަކާ ހަވާލުވި އިދާރާއަކުން ކަމަށް އުސޫލުގައިވެއެވެ.
އެ އުސޫލުގައިވާ ގޮތުން، ނޯޓިސްގައި ހުންނަ މުވައްޒަފުގެ ހިދުމަތް އިދާރާއަށް ބޭނުން ނުވާ ނަމަ، ނޯޓިސް މުއްދަތަށްވާ މުސާރަ ދިނުމަށް ފަހު މުވައްޒަފު ވަޒީފާއިން ވަކި ކުރުމުގެ އިހްތިހާރު އިދާރާއަށް ލިބިގެންވެއެވެ.
އޭގެ އިތުރުން ނޯޓިސްގައިވާ މީހާ އަކީ، ނޯޓިސް މުއްދަތުގެ ނިޔަލަށް 55 އަހަރު ފުރިފައިވާ މީހެއް ނަމަ، ސިވިލް ސާވިސްގެ ގަވާއިދުގެ 224 މާއްދާގައިވާ ގޮތުން، ސިވިލް ސާވިސް ކޮމިޝަނަށް ލިބިފައިވާ އިހްތިހާރުގެ ދަށުން އެ މުވައްޒަފަކާ މެދު އަމަލު ކުރާނީ ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފެއްގެ ގޮތުގައެވެ. އަދި އެ ފަރާތްތަކަށް ވަޒީފާއިން މުސްކުޅި ކުރާ މީހުންނަށް ލިބޭ އިނާޔަތް ލިބިގެންދާނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާ އުސޫލެއް އެކުލަވާލާފައިވާ އިރު، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ފަހު ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. އޭރު ވަޒީފާއިން ވަކިވެގެން ދިޔަ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ވަކި ޚާއްސަ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ ފަރާތްތައްވެސް ހިމެނެއެވެ.
އެގޮތަށް އަމަލުކޮށްފައި ވަނީ، ސަރުކާރުގެ ސިޔާސީ މަގާމުތައްވެސް ވަރަށް ބޮޑަށް އިތުރުކޮށްފައި ވަނިކޮށެވެ.