
ތެޔޮގެ. މިގޯތި ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރަން ކައުންސިލުންވަނީ އިޢްލާންކޮށްފައި. / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް
އޭދަފުށީ ރައްޔިތުންގެ ގޯއްޗެއްގެ ގޮތުގައި އޮތް “ތެޔޮގެ” އިމާރާތްކުރާ ބަޔަކަށް ދިގުމުއްދަތަކަށް ކުއްޔަށްދޫކުރަށް އިޢްލާންކޮށްފިއެވެ.
އޭދަފުށީ ކައުންސިލުން ހޯމަދުވަހު ކޮށްފައިވާ އިޢްލާންގައި ބުނަނީ މިގޯތި ދިގުމުއްދަތަކަށް ދޭން ހަމަޖެހިފައިވަނީ ދެބުރިއިމާރާތަކަށްވުރެ ކުޑަނޫންގޮތަކަށް އިމާރާތްކުރާ ފަރާތަކަށް ކަމަށާ، މިކަމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އިޢްލާންގައި ބުނާގޮތުން އިމާރާތުގެ އެންމެ ތިރީބައި ގުދަނެއްގެ ގޮތުގައި ތަރައްޤީކުރުމަށްފަހު އެތަން ރަށު ކައުންސިލްގެ ބޭނުންތަކަށް ދޭން ޖެހެއެވެ. އީމާރާތުގެ މަތީބައިތައް، ތަން ތަރައްޤީކުރާ ފަރާތަކަށް ލިބޭނެކަމަށްވެސް ކައުންސިލްގެ އިޢްލާންގައިވެއެވެ.
އޭދަފުށީ ޕޯސްޓް އޮފީސް ހިންގާ، އޭދަފުށީ ރައްޔިތުންގެ އިމާރާތް މާރަނަ 1 ކުރިމަތިން ގަނޑުވަރުމަގާ، ޗާނދަނީމަގަށް އިންވެގެން އޮތް އޭދަފުށީ ރައްޔިތުންގެ ތެޔޮގެއަކީ 1973 ވަނައަހަރުންފެށިގެން 1994 އާހަމައަށް އޭދަފުށީ ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ޑީސަލްތެޔޮ ރައްކާކުރުމަށް ބޭނުންކުރި ގުދަންހުރި ގޯއްޗެކެވެ. 1994 ވަނައަހަރުން ފެށިގެން ކައުންސިލްގެ ބައެއް ތަކެތި ގުދަންކުރުން ފިޔަވައި އެހެން ބޭނުމަކަށް މިގޯތި ވޭތުވެދިޔަ 20 އަހަރުވެސް ބޭނުންކޮށްފައެއް ނުވެއެވެ. ގޯތީގެ ބޮޑުމިނުގައި 704 އަކަފޫޓް ހުރެއެވެ.
އޭދަފުށީ ރައްޔިތުންގެ ގޯތީގެ ގޮތުގައި ހިމެނޭ ތެޔޮގޭގެ އިތުރުން މާރަނަ 2 އަދި ބާއިންޖީނުގޭގެގޯތިވެސް އެއްވެސް ބޭނުމެއްނުކޮށް ބާއިމާރާތްތަކަކާއެކު ހުންނަތާ މިހާރުވަނީ ގިނަދުވަސްތަކެއްވެފައެވެ. ކައުންސިލުން ބުނީ މިގޯތިތައް އެކަށީގެންވާ ބޭނުންތަކަށް ދޫކުރުމަށް ވިސްނަމުންދާކަމަށެވެ.