
އޭދަފުށީ މަގެއް ބަންދުކޮށްގެން ބަޔަކު މަސައްކަތް ކުރަނީ. މަގުބަންދުކުރާ ބޯޑް ދޫކުރުމަށް ކައުންސިލުން އަންނަނީ ތައްޔާރުވަމުން / އީވީ ފޮޓޯ އަބްދުލް ޤައްޔޫމް
އޭދަފުށީގެ މަގުތައް އެކި ބޭނުންތަކަށް ވަގުތީގޮތުން ބަންދުކުރުމަށް “މަގު ބަންދުކުރާ ބޯޑު” ރަށު ކައުންސިލުން ދޫކުރަށް ތައްޔާރުވަމުންދާކަމަށް އޭދަފުށީ ކައުންސިލް އިދާރައިން ބުނެފިއެވެ.
އޭދަފުށީ ކައުންސިލް އިދާރާއިން މިހެން ބުނެފައިމިވަނީ އޭދަފުށީގެ އާންމު ގަވާއިދުގައިވާ ގޮތުގެ މަތީން އޭދަފުށީގެ މަގެއް ބަންދުކުރާނަމަ އަމަލުކުރަންޖެހޭ އުސޫލުތަކުގެ ތެރެއިން މަގުބަންދުކުރާ ބޯޑު ބަހައްޓަންޖެހޭކަން އިޢްލާންކޮށް ގަވާއިދަށް އަމަލުކުރަން ފެށިތާ ދުވަސްކޮޅެއްފަހުންނެވެ. އޭދަފުށީ ކައުންސިލުން ބުނީ ގަވާއިދަށް އަމަލުކުރަން ފެށިއިރު ބޯޑުނުހެދުނީ ބޯޑުހެދުމަށް ބޭނުންވާ ސާމާނު ލިބުން ލަސްވެގެންކަމަށާ، މަގު ބަންދުކުރަން އަންނަ ފަރާތްތަކަށް ގަވާއިދުން މިހާރުވެސް ހުއްދަ ދެމުންދާކަމަށެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ބޯޑު ހެދުމަށްފަހު ގަވާއިދާ ހިލާފްވާ ފަރާތްތަކާމެދު ގަވާއިދުން ފިޔަވަޅުއަޅާނެކަމަށާ، މިވަގުތުވެސް އެކަމަށް އާންމުން ސަމާލުވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
“މިހާރުވެސް ބައެއް ފަރާތްތަކުން ކައުންސިލަށް ނޭނގި މަގުބަނދުކޮށް އެކިކަހަލަ މަސައްކަތްކުރޭ. އެކަންކަން އަޅުގަނޑުމެން ބަލަމުންދަނީ. ދެން ބޯޑު ދޫކުރަން ފެށީމަ އެނގޭނެ ދެއްތޯ ގަވާއިދުންތޯ ނޫންތޯ އެކަން ކުރަމުން އެދަނީ” އަލީ ވަހީދު ވިދާޅުވިއެވެ.
3 މާރޗް 2014 ން ފެށިގެން އަމަލުކުރަން ފަށާފައިވާ އޭދަފުށީގެ އާންމު ގަވާއިދުތަކުގެ ތެރެއިން “ވަގުތީ ގޮތުން މަގުބަންދުކުރުމާބެހޭ ގަވާއިދު” ބުނާގޮތުން އުމްރާނީ ބޭނުންތަކަށް މަގު ބަންދުކުރުމަށް 6 ގަޑިއިރަށް ހުއްދަދެނީ -/250ރގެ ފީއަކަށެވެ. އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް -/150ރގެ ފީއެއް ދަންކަންޖެހެއެވެ. ނަމަވެސް އިޖްތިމާއީ އަދި އެހެނިހެން ބޭނުންތަކަށް މަގުބަންދުކުރުމަށް ފީނަގާ އަދަދު މިއަށްވުރެ ކުޑައެވެ.
ގަވާއިދު ބުނާގޮތުން ކައުންސިލްގެ ހުއްދަނެތި މަގު ބަންދުކޮށްފިނަމަ، ނުވަތަ ގަވާއިދާ ހިލާފުވެއްޖެނަމަ، އެހާލަތަކަށްބަލައި އެކަންކުރިފަރާތް 500ރ އާ 5000ރ އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މަގުބަންދުކުރުމުގެ ގަވާއިދާއެކު އާންމު 19 ގަވާއިދަކަށް އޭދަފުށީ ކައުންސިލުން އަމަލުކުރަމުންގެންދެއެވެ.