ދިގުދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހު ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ބާސެލޯނާ އަށް ވިއްކާލައިފި އެވެ.
ަ
ލިވަޕޫލުން 75 މިލިއަން ޕައުންޑަށް ކުޅުންތެރިޔާ ވިއްކާލިއިރު އޭނާ މިވަގުތުހުރީ ވޯލްޑް ކަޕުގައި އުރުގުއޭ އާއި އިޓަލީ ކުޅުނު މެޗުގައި އިޓަލީގެ ޖިއޯޖިއޯ ކިއެލީނީގެ ކޮނޑުގައި ދަތްއެޅުމުން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ކުރިއަށް އޮތް ހަތަރު މަހަށް ފީފާއިން ސަސްޕެންޑްކޮށްފަ އެވެ. އަދި މި މުއްދަތުގައި ސުއަރޭޒަށް ކުރެވޭނެ ހަމައެކަނި ކަމަކީ ވެސް ކުލަބު ބަދަލު ކުރުމެވެ. އޭނާ ބާސެލޯނާ އަށް ސޮއިކުރީ ފަސް އަހަރަށެވެ. އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާގެ ނުވަ ނަންބަރު ޖާޒީގައި ރަސްމީކޮށް ދައްކާލުން އޮންނާނީ އަންނަ ހަފުތާގަ އެވެ.
އޭނާ އަށް ކުޅިބަލަން ވެސް ދަނޑަށް ނުވަދެވޭއިރު، ކުލަބެއްގެ ޓްރޭނިން ފެސިލިޓިސް ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މި މައްސަލަ އެޕީލް ކުރުމުން ފީފާއިން ވަނީ މައްސަލަ ބަލައިނުގެންފަ އެވެ. މިހެންވެ ސުއަރޭޒާއި އޭނާގެ ވަކީލުންގެ ޓީމުން މިހާރު ވަނީ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅަން ތައްޔާރުވެފަ އެވެ. މި މައްސަލާގައި ބާސެލޯނާއިން ބުނެގެން ސުއަރޭޒް ވަނީ މައާފަށް ވެސް އެދިފަ އެވެ. އެއީ ވެސް ސަސްޕެންޝަން ކުޑަކުރުމަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ.
ލިވަޕޫލުން މިއަދު ނެރުނު ބަޔާނުގައިވަނީ އަޔެކްސް އިން 2011 ވަނަ އަހަރު 22.5 މިލިއަން ޕައުންޑަށް ގެނައި ކުޅުންތެރިޔާ ފާއިތުވެދިޔަ ތިން އަހަރާއި ބައިގެ މުއްދަތުގައި އެކުލަބަށް ކޮށްދިން ކަންތައްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ. ހާއްސަކޮށް އޭނާގެ ވަރަށް ބޮޑު ހިއްސާއަކާއެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެން ލިވަޕޫލަށް ފުރުސަތު ލިބިފައިވާކަން އެކުލަބުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭނާ އަށް ކުރިއެރުން އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ލުކޯޗު ބްރެންޑަން ރޮޖާސް ބުނީ ހުސްވި ސީޒަނުގެ ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސުއަރޭޒް ކުލަބުގައި ބަހައްޓަން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް މީހަކު ކުލަބަށްވުރެ ބޮޑެއް ނުވާނެ ކަމަށެވެ.
“ވަރަށް ގިނަ އަދި ދިގުދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހު ނިންމީ އާ ތަޖުރިބާއަކަށްޓަކައި ސުއަރޭޒް ދޫކޮށްލަން. މި ކުލަބުގެ ތާރީހު ހެކިދޭނެ އެއްވެސް ކުޅުންތެރިއަކު ކުލަބަށްވުރެ ބޮޑުނުވާނެކަން. ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަށް މިކަން ނިމިގެންމިދިޔައީ،” ރޮޖާސް ބުންޏެވެ.
ސުއަރޭޒް ބުނީ އޭނާ ލިވަޕޫލް ދޫކޮށްލީ ބާސެލޯނާ އަށް ކުޅުމަކީ ކުޑައިރުގެ އުއްމީދަކަށްވެފައި އެކަން ހާސިލްކުރުމަށްޓައި ކަމަށެވެ. އަދި ލިވަޕޫލަށް މިކަން އަންޑަސްޓޭންޑް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
“އަދި އަހަރެންގެ އަންހެނުންގެ ފެމިލީ ވެސް ދިރިއުޅެނީ އެތަނުގައި. އަހަރެން ގަބޫލުކުރަނީ މި ވަގުތަކީ (ކުލަބު ބަދަލުކުރަން) އެންމެ ރަނގަޅު ވަގުތު ކަމަށް. އަހަރެން އެދެނީ ލިވަޕޫލާއި ކޯޗު ބްރެންޑަން ރޮޖާސް އަށް ކުރިއެރުން،” ސުއަރޭޒް ބުންޏެވެ.
ބާސެލޯނާއިން ސުއަރޭޒް ގަތީ އެ ކުލަބުގެ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް 35 މިލިއަނަށް ލިވަޕޫލާ ވާދަވެރި އާސެނަލް އަށް ވިއްކާލައިފަ އެވެ. ސުއަރޭޒްގެ ޑީލް ނުނިމި ދިގުލައިދިޔައީ ވެސް ސަންޗޭޒާ ހެދި އެވެ. އެއީ ބާސެލޯނާ އާއި ލިވަޕޫލުން ވެސް ސަންޗޭޒް ލިވަޕޫލަށް ދިއުމަށް ބޭނުންވި ނަމަވެސް ކުޅުންތެރިޔާ އެކަމާ ދެކޮޅު ހެދުމުންނެވެ.