ބަރަކާތްތެރި ރަމަޟާން މަހަކީ މުހިންމު ތިން މޫސުމެއް ހިމެނިފައިވާ މައްސަރެކެވެ. ފުރަތަމަ ދިހައިގައި ރަހްމަތެވެ. މެދު ދިހައިގައި ފުއްސެވުމެވެ. ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުމެވެ. ރަހްމަތުގެ މޫސުމަށް އަޅުގަނޑުމެން އަލްވަދާއު ކިޔައިފީމެވެ. މާނަ އަކީ ﷲ ސުބްހާނަހޫ ވަތައާލާގެ ދީލަތި ރަހްމަތްފުޅުން އަޅުތަކުން މަހްރޫމުވުމެއް ނޫނެވެ. އެކަލާނގެ ރަހްމަތަކީ ދާއިމަށް ދެމިގެންވާ އަދި އެއަށް އެއްވެސް އުނިކަމެއް އައުމެއް ނުވާ މަތިވެރި ނިއުމަތެކެވެ.
މިހާރު އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ ފާފަ ފުއްސެވުމުގެ މޫސުމާ އެވެ. ރެއަކާ ދުވާލެއްގެ ތެރޭގައި ކުރެވިފައި ވަނީ ކިތައް ފާފަތޯ އަމިއްލަ ނަފްސާ ސުވާލުކުރައްވާށެވެ. ތެދުވެރި ހިތަކުން ޖަވާބު ދެއްވާއިރު ސުމެއް ކަމުގައި ބުނެވޭނެ އެކަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި ހުންނާނެ ހެއްޔެވެ؟ ވީ ހިނދު މި ފަދަ މަތިވެރި މޫސުމެއްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ސަމާލުވާން ޖެހިފައިވާ އެއްވެސް ކަމެއް ނެތެވެ.
ﷲ ސުބްހާނަހޫ ވަތައާލާ އަށް އިޚްލާސްތެރިކަމާއެކު ދުއާ ދަންނަވާ އަޅުތަކުންގެ ފާފަ ފުއްސަވައިދެއްވުމަށް އެ ކަލާނގެ ވަނީ ވައުދުވެވޮޑިގެންފަ އެވެ. އެ ކަލާނގެ އަށް ޝަރީކުކުރުން ފިޔަވައި އެހެން ކޮންމެ ފާފައެއް ފުއްސަވާދެއްވާނެ ކަމަށް އެ ކަލާނގެ ވަނީ ކީރިތި ޤުރްއާނުގައި ވަހީކުރައްވާފަ އެވެ. އަޅުގަނޑުމެންނަށް އޮތީ ކުރެވުނު ފާފަތަކަށް ހިތާމަކޮށް ކަރުނަ އަޅައި އިޚްލާސްތެރިކަމާ އެކު އެކަލާނގެ އަށް ދުއާ ދެންނެވުމެވެ. އެކަލާނގެ އަށް ބިރުވެތިވެ ކަރުނަ އަޅައިފި ލޮލެއް ނަރަކައިގެ އަލިފާނަށް އެކަލާނގެ ވަނީ ހަރާމް ކުރައްވައިފަ އެވެ.
މި މަތިވެރި ރޭތަކާއި ދުވަސްތަކުގައި އަޅުގަނޑުމެން ސަމާލުވާން ވީ މި ފަނާވަނިވި ދުނިޔޭގައި ކުޅަ ފާފަތައް ފުއްސެވުން އެދި ދުއާކުރުމަށެވެ. ދުވާލުގެ ރޯދައިގަ އާއި ރޭގަނޑުގެ ރޭއަޅުކަމުގައި އެ ކަލާނގެ އަށް ދުއާކުރައްވާށެވެ. ﷲ ސުބްހާނަހޫ ވަތައާލާ އަށް ދުއާ ނުކުރާ މީހުންނަކީ އެންމެ ކިބުރުވެރި މީހުން ކަމުގައި އެކަލާނގެ އަންގަވާފައި ވެ އެވެ. އެ ކަލާނގެ ހަޟްރަތުގައި ކިބުރުވެރީންނަށް އެއްވެސް އަމާންކަމެއް ނަސްރެއް ލިބިގެން ނުވެ އެވެ.