
ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް މިއަދު ކުރިޔަށްދާއިރު އެސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް
ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީ ފަޅުން ހިއްކާފައިވާ ސަރަހައްދުގެ ބިންގަނޑު ލެވެލްކުރުމުގެ މަސައްކަތް ބޮސްކާލިސް ކުންފުނިން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު ފަށައިފިއެވެ.
ބޮސްކާލިސް ކުންފުނިން ލެވެލް ކުރުމުގެ މަސައްކަތް މެއިމަހު މެދުކަނޑާލީ އޭރު ބިންހިއްކަމުންދިޔަ ތުލުސްދޫގެ ބިންގަނޑު ލެވެލް ކުރުމަށް މެޝިނަރީތައް އެމަޖެންސީކޮށް އެރަށަށް ގެންދަން ޖެހިގެންނެވެ. އެއަށް ފަހު ކުޑަހުވަދޫގެ މަސައްކަތް ނިންމައި މެޝިނަރީތައް އޭދަފުއްޓަށް ގެނައީ ރޭގެ ވަގުތެއްގައެވެ.
އޭދަފުށީ ކައުންސިލުން ބުނީ ލެވެލް ކުރުމުގެ މަސައްކަތް މިއަދު ފެށިގެން ވަރަށް ބާރަށް ކުރިޔަށްދާކަމަށާ، ރިވެޓްމަންޓްގެ މަސައްކަތްވެސް ލަސްނުވެ ފެށޭތޯ ކޮންޓްރެކްޓަރާ މަޝްވަރާ ކުރެވެމުންދާކަމަށެވެ.
ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް އަނެއްކާވެސް ފެށިއިރު ރިވެޓްމަންޓް ޖެހުމަށް ގެނެސްފައިވާ މެޝިނަރީއާ، ހިލަތައް އަދިވެސް ހުރީ ބޭނުންނުކޮށް ބަހައްޓާފައެވެ. ކައުންސިލުން ކުރިން ބުނެފައިވަނީ އެމަސައްކަތް ފެށޭނީ ޖިއޯބޭގް ލިބިގެންކަމަށް ކޮންޓްރެކްޓަރ ބުނެފައިވާކަމަށެވެ. އެހެންނަމަވެސް މެޝިނަރީ ގެނައިފަހުން މިހާރުވަނީ 2 ހަފްތާތާއެއްހާދުވަސް ވެފައެވެ.
ބިންހިއްކުމުގެ މަޝްރޫގެ ދަށުން އޭދަފުށީ ފަޅު ހިއްކައި ރިވެޓްމަންޓް ޖަހާ ނިމޭއިރު ބިމުގެ ބޮޑުމިން 26 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބޮޑުވާނެކަމަށް ކައުންސިލުން ބުނެއެވެ. ހިއްކިފަހުން 2 މަސްވޭތުވިއިރު ހިއްކި ސަރަހައްދު ގިރަމުންދާކަމުގެ ޝަކުވާވެސް ބައެއް އާންމުން ކުރަމުންދެއެވެ.