ރައީސް ޔާމީނުގެ ވައުދާއެއްގޮތަށް އުމަރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް އަންނަ މަހުން ފެށިގެން 5000 ރުފިޔާ އަށް ބޮޑުކުރަން ނިންމައި ސަރުކާރުން އެކަން އިއުލާންކޮށްފިއެވެ.
ރައީސް އޮފީހުގައި ރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކައުންސިލްގެ ވައިސް ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، އުމުރުން ދުވަސްވީ މީހުންނަށް 5،000 ރުފިޔާ ދިނުމަކީ ރައީސް ޔާމީންގެ މުހިއްމު ވައުދެއްކަމަށެވެ. އަދި މިވައުދުގެ ދަށުން މާޗު މަހުން ފެށިގެން 5،000 ރުފިޔާ ދޭން ފަށާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
މިހާރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެނީ 2،300 ރުފިޔާ އެވެ. މިނިސްޓަރު އަދީބު ވިދާޅުވިގޮތުގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީއަކީ ގާތްގަނޑަކަށް 17000 އެވެ.
އަދީބު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދޭން ފަށާ 5000 ރުފިޔާގެ އިނާޔަތް ދިނުމަށް ގާނޫނެއްގައި ނުހިމެނި ނަމަވެސް އެކަންކަން ކުރިއަށްދާނެކަމަށާއި ކޮންމެ ސަރަކާރެއް އޮތް ނަމަވެސް އެ އިނާޔަތް ނުދީ ހުއްޓާލާނެކަމަށް ގަބޫލުނުކުރެވޭކަމަށެވެ. އެއިނާޔަތް ދޭން ފަށާނީ ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން އެކަމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކާއެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އަޅުގަނޑު ދޭން އޮތް އުފާވެރި ހަބަރަކީ އިރާދަކުރެއްވިއްޔާ މާޗު އެއް ވަނަ ދުވަހު ނުވަތަ އާއްމުކޮށް މިޖަމާވަނީ މަސް ނިމޭއިރު (އިނާޔަތްތައް)، އެދުވަސްވީ ބޭފުޅުންނަށް ލިބިލައްވާ 2،000 ރުފިޔާގެ ބަދަލުގައި މިފަހަރު 5،000 ރުފިޔާ ޖަމާވާނެ ކަމުގެ އުފާވެރި ހަބަރު ދެން. މިކަން މިވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މިމަސް ނިމި، މާޗު އެކެއް އަންނައިރު 5،000 ރުފިޔާ ޖަމާވާނެ” އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ މިފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ބަޖެޓްގެ ތެރެއިން ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވައުދު ވެވަޑައިގެން އިރު ވެސް އެކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު 2،000 ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ 400 މިލިއަނެއްހާ ރުފިޔާ ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ތެރެއިން ބޮޑުކޮށްގެން ފައިސާ ނެރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ.
“އަޅުގަނޑުމެން މި ސްޓްރަކްޗާކުރަނީ މިހާރު ވެސް 2،000 ރުފިޔާ ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 400 މިލިއަނެއްހާ ރުފިޔާއަކީ އަޅުގަނޑުމެންގެ (ސަރުކާރުގެ) ކޮންޓްރިބިއުޝަނޭ. ދެން ލޯންގް ޓާމަށް ބަހާލާފައި އަޅުގަނޑުމެން ސްޓްރަކްޗާ މިކުރަނީ ބޮންޑުގެ ގޮތުގައި ނުވަތަ ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ގޮތުގައި ސަސްޓެއިނަބަލްކޮށް ސްޓްރަކްޗާކުރުމަށް،” އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއް ގޮތަކީ މިހާރު ވެސް ޕެންޝަން ފަންޑުން ކުރަމުންދާ އުސޫލުން ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ތެރެއިން އެފައިސާ ހޯދުން ކަމަށާއި އަނެއް ގޮތަކީ އަމިއްލަ ފަރާތްތަކުން ގެންގުޅޭ އިކުއިޓީ ފަންޑުތައް މެދުވެރިކޮށް އިންވެސްޓްކޮށްގެން އެފައިސާ ހޯދުން ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް 2،000 ރުފިޔާގެ އިނާޔަތް ދޭން ފަށާފައި ވަނީ ގާނޫނެއްގެ ދަށުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުން ނެވެ.
ކިޔުންތެރިންގެ ޚިޔާލު