ރޯގާއާމެދު ބ. އަތޮޅުގައި މިވަގުތު ކަނބޮޑުވުމެއްނެތް – އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ކުޑަކުއްޖަކު ދައްކަނީ. ބ. އަތޮޅުގައި ހުންރޯގާއާ، އަރިދަފުސްރޯގާގެހާލަތު ރަނގަޅުކަމަށް އަތޮޅު ހޮސްޕިޓަލުން ބުނޭ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ކުޑަކުއްޖަކު ދައްކަނީ. ބ. އަތޮޅުގައި ހުންރޯގާއާ، އަރިދަފުސްރޯގާގެހާލަތު ރަނގަޅުކަމަށް އަތޮޅު ހޮސްޕިޓަލުން ބުނޭ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ވައިރަލްހުމާ އަރިދަފުސް ރޯގާ ފެތުރެމުންދާ މިންވަރު ބ. އަތޮޅުގެ ރަށްރަށުގައި ކަންބޮޑުވާ ދަރަޖައަކަށް ނުދާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިހެން ބުނެފައިމިވަނީ ވައިރަލްހުމާއި އަރިދަފުސް ރޯގާގެ އިތުރުން ބޭރަން ހިންގުމާއި އަދި ޑެންގީހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުރާސްފަތިދުވަހު ހެލްތު އެލާޓް ނެރެފައިވަނިކޮށެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ އީވީއަށް ވިދާޅުވީ އަރިދަފުސްރޯގާއާ، ވައިރަލް ހުން ޖެހިގެން މަދުމަދުން މީހުން ޑޮކްޓަރަށް ދެއްކިނަމަވެސް މާބޮޑު ނުރައްކަލެއް މިއަތޮޅުގައި ނެތްކަމަށެވެ. އަދި ޑެންގީގެ އަސަރު މިއަހަރު އަދި މިއަތޮޅުން ނުފެންނަ ކަމަށްވެސް ސިދުގީ ވިދާޅުވިއެވެ.

“މަދުމަދުން ރޯގާޖެހިގެން ހުން އައިސްގެން މީހުން އެބައާދޭ. ޑެންގީހުމުގެ އަސަރު އަދި މިއަހަރަކު ނުފެނޭ. އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ހުށިޔާރުވެގެން މިތިބެނީ މުޅިއަތޮޅުގެ ސިއްހީހާލަތާމެދު. އެގޮތުން ވަރަށްގާތުން ހުރިހާ ރަށެއްގެ ކަންކަންވެސް ބަލަމުން މިދަނީ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ބަލިތަކުން ދުރުވުމަށް މިރަމަޟާންމަހު އާންމުން އުކާލާ ކާބޯތަކެއްޗާމެދު ފަރުވާތެރިވުން މުހިއްމުކަމަށެވެ. އޭނާ ވިދާޅުވީ އިސްރާފުބޮޑު މިމަހުގައި ކާބޯތަކެތި ރަށުތެރެއަށް ނޭޅުމަށާ، އިސްރާފްކުރުން މަދުކުރުމަށް ޕަބްލިކް ހެލްތް ޔުނިޓުން އެދިވަޑައިގަންނަވާކަމަށެވެ.

“ހާއްސަގޮތެއްގައި ރޭގަނޑު ބާކީވެފައިހުންނަ ކާބޯތަކެތި އަނެއްދުވަހު ކުޑަކުދިންނަށް ނުދިނުމަށާ، އެތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް އަޅުގަނޑުމެން އެދެނީ”

ބ. އަތޮޅުގެ ސިއްހީ ހާލަތު މިވަގުތު ގޯސްނޫންކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނިނަމަވެސް ހުން ރޯގާ އިތުރުވުމުގެ ސަބަބުން މިދިޔަމަހުގެ ފަހުކޮޅު ބ. މާޅޮހު މަދްރަސާގެ ޕްރައިމަރީ ބައެއްކްލާސްތަކުގެ ކިޔެވުން 2 ދުވަހަކަށް މެދުކަނޑާލިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top