ރަނގަޅު ހަމަ އެއްވެސް ކަމެއް ނެތް؟

DSCN9150.jpg

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ - އީވީ ފޮޓޯ ފައިލް

ލިއުނީ ޔާސިރު އަލީ : ހަނދާން ވަނީ އަހަރެން ބެލި ހިންދީ ފިލްމެއްގެ މަތިންނެވެ. ކާދަރޭ އާއި ޝަކްތީމެން އުޅޭ 80 ގެ އަހަރު ތަކުގެ ފިލްމެކެވެ. ކާދަރުޚާނަކީ ސިޔާސީ ލީޑަރެކެވެ. އޭނާ ޗީފް މިނިސްޓަރަކަށް ކުރިމަތި ލައިގެން އިންތިޚާބު ކާމިޔާބު ކުރެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވެ ކާދަރޭ އެ އިންތިޚާބުން ބަލިވީއެވެ.

ހަމައެއާއެކު އެސްޓޭޓްގައި ފެންބޮޑުވެ މީހުން ހާލުގައި ޖެހޭ ގޮތް މެދުވެރިވެއްޖެއެވެ. އަލަށް އިންތިޚާބުވި ޗީފް މިނިސްޓަރ ރައްޔިތުންގެ ހާލު ބަލަން ސްޓޭޓްގެ ސަރަހައްދު ތަކަށް ޒިޔާރަތް ކުރަން ހަމަޖެހުނެވެ. މި ޚަބަރު ވާދަވެރި ކާދަރޭ އަށް ލިބުމާއެކު ވަގުތުން އޭނާގެ ސެކްރެޓަރީއަށް އެންގިއެވެ. “އަވަހަށް އިދިކޮޅު ޕާޓީގެ ބަޔާން ތައްޔާރު ކުރާށެވެ. ދެ ބަޔާން ތައްޔާރު ކުރަން ވާނެއެވެ. އެއް ބަޔާނުގައި ލިޔާށެވެ.

ނިކަން ބަލާބަލާށެެވެ. އަވަށުގައި ފެން ބޮޑުވެ ރައްޔިތުން ހާލުގައި ޖެހުމުން  ޗީފް މިނިސްޓަރު ،ރައްޔިތުންގެ ހާލު ބަލަން ދަހި ކަމުން ދަތުރު މިކުރަނީ ރޭލުގައެވެ. ރޭލުގައި ދަތުރުކޮށްގެން ރައްޔިތުންގެ ހާލު އެނގޭއިރު އޮންނާނީ ވާނެ އެއްޗެއް ވެފައެވެ. ކުއްލި އެހީއާއި ވަގުތަށް ވަގުތަށް އެހީތެރިކަން ބޭނުންވާ މިފަދަ ކާރިސާ ތަކުގައި ދަތުރު ކުރަންޖެހޭނީ ހެލިކޮޕްޓަރަކު ނޫންހެއްޔެވެ. ގިނަ ވަގުތު ސަލާމަތް ކުރެވި އެހީގެ ކަންތައް ކިހާ އަވަހަކަށް ނިންމާލެވުނީސް ހެއްޔެވެ. މަގާމުގެ އިއްޒަތާ ޝަރަފަށްވެސް އެންމެ އެކަށީގެންވާ ގޮތަކީ އެއީއެއް ނޫން ހެއްޔެވެ.

ދެވަނަ ރިޕޯޓުގައި ލިޔާށެވެ.

އިންތިޚާބު ކާމިޔާބު ކުރެވުނީ އެތައް ރައްޔިތުންނެއްގެ ވޯޓުންނެވެ. ގައުމުގެ ޚަރަދު ބޮޑުވެ އިގްތިސާދަށް ހެޔޮ ބަދަލު ތަކެއް ގެންނާނެ ކަމަށެވެ. ނަމަވެސް މަގާމުގެ ހުވާ ކުރުމާއެކު ދިމާވި ފުރަތަމަ ހާދިސާ އިން އެކަނިވެސް އިގްތިސާދު ރާވާފައިވާ ގޮތް ގޮތް އެނގިއްޖެއެވެ. ރައްޔިތުންގެ ހާލު ބަލަން ދާންވެސް ޚިޔާރު ކުރީ ހެލިކޮޕްޓަރުގައެވެ. ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ. މިކަހަލަ ވަގުތެއްގައި ރައްޔިތުންގެ ހާލު ބޮޑަށް އެނގޭނީ ރޭލުގައި ދަތުރު ކުރުމަކުން ނޫން ހެއްޔެވެ. މި ގައުމުގެ ބައްޕަ މަހާތުމާ ގާނދީ ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމަށް ބޭނުންކުރި އުޅަނދަކީ ރޭލެވެ.

ދެ ރިޕޯޓް ތައްޔާރުކޮށް ނިމުމުން ސެކްރެޓަރީ ގާތު ބުންޏެވެ. ކަލޭ ގޮސް އޭނާ ދަތުރު ކުރަނީ ކޮން ކަހަލަ އުޅަނދެއްގައިތޯ ފުރަތަމަ ބަލާށެވެ. ރޭލުގައި ދަތުރު ކުރާނަމަ ދެވަނަ ބަޔާން ނޫހުގައި ޖަހާށެވެ. ހެލިކޮޕްޓަރުގައި ދާނަމަ ފުރަތަމަ ބަޔާން ޖަހާށެވެ.

މި ގައުމުގައި މިހާރު ކަން ހިނގަމުން މިދަނީ މި ބީދައިންނޭ ބުނެވިދާނެއެވެ. ސަރުކާރުގެ ވޭތުވެދިޔަ  ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންނާ ސީދާ ގުޅުންހުރި ބައިވަރު ކަންތައް ވަނީ ކޮށްފައެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ބައި ގަރުނުގެ ތާރީޚުގައި ތަރައްގީގެ އާ ޒަމާނެއް ދިވެހިންނަށް ދައްކުވައިދީފައެވެ. އެންމެ އަސާސީ ކަންތަކަށް ބަލައިލި ނަމަވެސް ނަރުދަމާއިން ފެށިގެން އެތައް ރަށެއްގެ ބިން ހިއްކައިދިނުމާ ހަމައަށެވެ. ޒަމާންތަކެއް ވަންދެން ގިރަމުން ދިޔަ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުން ފެށިގެން ކަނޑު ތޮއްޓާ ހަމައަށެވެ. އަދިވެސް ކިތަންމެ ކަމެކެވެ. މިއީ އެތައް ޒަމާނަކުން ފެށިގެން ރައްޔިތުން ތަހައްމަލު ކުރަމުން ދިޔަ ވޭނީ ދިރިއުޅުމެއްގެ ނިމުމެވެ. ލަފާ ފުރުމުގެ ދަތިކަމާ ކަރަންޓާ ނުލާ ދިރިއުޅުމާ ސިއްހީ ގޮތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ކުރީގެ އެއްވެސް ސަރުކާރަކުން ރައްޔިތުންނާ އަޅާނުލާ ވަރަށް މި ސަރުކާރުން އަޅާލައިފިއެވެ. މި ދައްކަނީ ހަމައެކަނި ރައްވެހި ތަރައްގީގެ ވާހަކައެވެ. އެހެން ދާއިރާ ތަކުގެ ވާހަކަ އިހަށް ބާއްވާނީއެވެ. މައްސަލައަކީ ތަރައްގީގެ މި އާޒަމާނުގައި ރައްޔިތުން އިހްސާސްކުރަމުން މިދާ އުފާވެރިކަން ގަބޫލު ނުކުރާ ބަޔަކު އުޅޭތީއެވެ. މި ކަންކަމަކީ ރައްޔިތުންނަށް ކޮށްދީފައިވާ ރަނގަޅު ކަންތައްތަކެއް ކަމުގައި ބަލައިގަންނަން ބޭނުން ނުވާ މީހުން ނުވަތަ ވާދަވެރިން ގޮވަމުން އެގެންދަނީ މި ސަރުކާރުން ރަނގަޅު އެއްވެސް ކަމެއް ކުރެވިފައި ނެތް ވާހަކައެވެ. ނުވަތަ ރަނގަޅަށް ކުރެވިފައިވާ ހަމަ އެއްކަމެއްވެސް ނެތެވެ.

އެހެން ވެދާނެ ހެއްޔެވެ. ރަނގަޅު ކަމެއް ކޮށްފިނަމަ ކޮންމެ މީހަކު ކުރިޔަސް ވާނީ ރަނގަޅު ކަމަކަށެވެ. ވާދަވެރިންނަށް މި ރަނގަޅު، ރަނގަޅެއްގެ ގޮތުގައި ގަބޫލު ނުކުރަނީ ސަރުކާރުން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކަށް އިންސާފު ކުރުމުގެ ބަދަލުގައި އެކަމުގައި އޮވެދާނެ ހަމަ އެކަނި ނުބައި ފަރާތަށް ބަލާތީ ކަމަށް ވެދާނެއެވެ.  ނުވަތަ މި ސަރުކާރުން ކުރީތީވެ އެކަމުގެ އަގު ވަޒަން ކުރަން ބޭނުން ނުވަނީއެވެ. މިސާލެކެވެ. ކުޅުދުއްފުށީގައި އެއަރޕޯޓް އަލަން ފެށުމުން ފުރަތަމަ ބުނީ އެތަނަށް ބޭނުންވަނީ ސީޕްލޭންގެ ޚިދުމަތް ކަމުގައެވެ. ރާއްޖޭގެ ރަށް ތަކުގައި އެއަރ ޕޯޓްހެދުމުގެ ބަދަލުގައި ސީޕްލޭން ގެ ޚިދުމަތް ދިނުން މާރަނގަޅު ވާނެ ކަމުގައެވެ. ހަމަ އެފިލްމްގައި ވާގޮތަށެވެ. ވާދަވެރިން މި ތިބެނީ ބަޔާން ތައްޔާރު ކޮށްގެން މަންޒަރު ބަލާށެވެ. ޕްރޮޖެކްޓް ފެށުމާއެކު ކޮންމެވެސް އެއް ބަޔާނެއް ނެރެ ރައްޔިތުންނަށް އޮޅުވާލައެވެ.

އެއަޑުތައް ނާހާ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމުމުން ދެން ވާހަކަ ބަދަލުވީ އެހެންގޮތަކަށެވެ. އެއަރޕޯޓް އެޅެން އޮތީ އެރަށުގައި އޮތް ކުޅިން ބައެއް ހިއްކައިގެންކަމަށް ވާތީ އެކުޅި ހިއްކައިފިނަމަ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ވާނެ ވާހަކައާއި އެއީ މާމޮޅު އުފެއްދުންތަކެއް ހުރި ކުޅިއަކަށް ވާތީ ކުޅި ހިއްކަން ހެޔޮނުވާނެ އެވެ.އެއަރޕޯޓް އެބައަޅައެވެ. ދެން ބަލަން ތިބެންވީ އެއަޕޯޓް ނިމުމުން ނެރޭ އެއްކަލަ ބަޔާނަށެވެ.

ވާދަވެރި ކޯލިޝަނުން އިންތިޚާބަށް ކެމްޕޭން ކުރަމުން ދާއިރު ރަށްރަށުގައި އެއަރޕޯޓް އަޅާ ވާހަކަ އެބަ ދައްކައެވެ. ކީއްވެގެން ހެއްޔެވެ. ކުރިންވެސް ރާގު ހުރި ގޮތަށް ސީޕްލޭންގެ ވާހަކަ ނުދައްނީ ކީއްވެގެން ހެއްޔެވެ. ގައިމު ޖަޒީރާ ރާއްޖެއަކާ ބޮޑަށް ގުޅޭނީވެސް އޭރުންތާއެވެ. ޚަރަދުވެސް ކުޑަވާނީ އެގޮތްކަން ނޭގެއެވެ. މި ސަރުކާރުން އެޅީމާ ގޯސްވެ އިދިކޮޅުން އެޅީމާ ރަނގަޅުވާ ފޯމިއުލަރ އެއް ގެންގުޅެނީ ބާއެވެ.

ރަށެއްގައި ތާރު އެޅުން ނުވަތް ފްލެޓް އެޅުންފަދަ ބޮޑު ކަމެއް ފަށަން އިއުލާނު ކުރުމާއެކު ފުރަތަމަ އިވޭނީ އެކަން ނުކުރެވޭނެ ކަމުގެ އަޑުތަކެވެ. ލޯނު ނަގައިގެން ކުރާ ނަމަ ރައްޔިތުންގެ ބޮލުގައި އެޅޭނެ ބޮޑު ދަރަނީގެ ވާހަކައެވެ. އެކަމުގައި ކޮރަޕްޝަން އޮތް ވާހަކައެވެ. މަސައްކަތް ހަމަ ނިމޭއިރަށް އެއީ ކުރީ ސަރުކާރުން ކުރަން ހަމަޖެހި ފަންޑު ލިބިފައިވާ ކަމެއްކަމުގައި ބުނެތެވެ.

ވާގޮތަކީ ސަރުކާރުން ކުރާ ކަމެއް ވީމާ ގޯސްވަނީއެވެ. ނޫނީ އެހެން ސަރުކާރު ތަކަށްވެސް މި ކަންކަން  ކުރުމުގެ ފުރުސަތު ލިބި އެކަން ނުކުރެވި އޮއްވާ މި ސަރުކާރުން ކުރާތީ އެކަން ހަޖަމު ނުވަނީއެވެ.

މީގެ މާނައަކީ ސަރުކާރުން ކޮށްފައި ހުރީ މުޅިން ރަނގަޅު ކަންތަކުގެ ވާހަކަ އެއް ނޫނެވެ. ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކުގެ ބޮޑެތި މަޝްރޫއުތަކުގެ އަނެއްފަރާތުގައި އަންބޮނޑިއަށް ބޮޑުވާ ގޮތަށް ކަންތައް ކުރާ ވާހަކަ އަކީ އާ ވާހަކަ ތަކެއް ނޫނެވެ. ދައްކަންވީ ވާހަކަ އަކީ އެއީއެވެ. ސަރުކާރުން  ރަނގަޅަށް ކުރާ ކަންތަކަކީ ނުބައި ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައި ދިނުމުގެ ބަދަލުގައި އެރަނގަޅު ކަންތަކުގެ ފަހަތުގައި ކަމެއް ފޮރުވިފައިވާ ވާނަމަ ސާބިތު ހެއްކާ އެކު ރައްޔިތުންނަށް ފަހުމް ވާގޮތަށް ތެދުބަހުން އަޑު އުފުލަންވީއެވެ. ސަރުކާރުގެ ކަންފަތް ފަޅައިގެންދާ ވަރަށް އެވާހަކަ ތައް ގޮވެން އޮތް ގޮތަކަށް ގޮވަން ވީއެވެ.

އެކި ޖަލްސާތަކުގައި ގައުމެއްގެ ވަލިއްޔުލް އަމްރު ވިދާޅުވާން ނުޖެހޭ ވާހަކަ ތަކެއް ނުވަތަ އެކަމާމެދު ތަހުގީގު ހިންގަންޖެހޭ ވާހަކަ ތަކެއް ޖަޒުބާތުގައި ޖެހިގެން ނަމަވެސް ވިދާޅުވެފައި އެބަހުއްޓެވެ. ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ފަދަ ވާހަކަފުޅުވެސް ދައްކާފައި އެބަ ހުއްޓެވެ. ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމާ ސަރުކާރުގެ ސިޔާސަތާ ދެކޮޅުވާ މީހުން ވަޒީފާއިން އަމިއްލަ އަށް ވަކި ކުރުމުގެ ގޮތުން ދުރު ރަށްރަށަށް ވަޒީފާ ބަދަލު ކޮށްފައި އެބަހުއްޓެވެ. ބާރުތައް އެއްކޮށް މުޅި ނިޒާމް މައްސުނި ގަނޑަކަށް ހަދައި ސަރުކާރު ބޭނުންވާ ކަމެއް ކުރަން ބޭނުން ވެއްޖެ ހިނދެއްގައި އެއީ ރައްޔިތުންނާ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ނޫން ކަމަށް ވިޔަސް ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކޮށްފައިވާ ކަންތަކުގެ ވާހަކަ ތަކަކީ ދައްކަން ޖެހިފައިވާ ވާހަކަ ތަކެކެވެ. ބާރު އޮތީތީވެ އެބާރު ނުހަމަ ގޮތުގައި ބޭނުންކޮށްގެން ނިކަމެތި އެތައް ބަޔަކަށް ސަރުކާރު ކުރާހައި ކަމަކަށް އާދެ މަސާހިބު ނުކީތީވެ ކޮށްފައިވާ އަނިޔާގެ ވާހަކަ ތަކަކީ އާއްމު އެއްވުން ތަކާއި ހޮޅުއަށި ތަކުގައި އަދި އެކިއެކި ޖަލްސާ ތަކުގައި ބާރަށް ދެކެވެން ޖެހޭ ވާހަކަ ތަކެވެ.

މިވާހަކަ ތައް ދެއްކުމުގެ ބަދަލުގައި ދުރު މުސްތަގްބަލަށްް އަމާޒުކޮށްގެން ރަށްރަށުގައި ހިންގާފައިވާ ކާމިޔާބު މަޝްރޫއު ތައް ކަމުނުދާ ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ސިކުނޑި މިހާރަކު ޚަރާބެއް ނުކުރެވޭނެއެވެ.

ވާދަވެރި ސިޔާސީ ބޭފުޅުން ރަށްރަށަށް ގޮސް ރައްޔިތުންގެ ގާތު މި ސަރުކާރުން ކޮށްދީފައި ހުރި ކަންކަމާ ކޮށްދޭން ބުނެފައި ހުރި ކަންތަކުގެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ޝައުގުވެރި ކަމާއި ސަމާލުކަމެއް ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ރައްޔިތުންނާ ގުޅުން ހުރި އާ ކަންތައްތަކަކާއެކު  މަޝްރޫތައް މި ސަރުކާރަށްވުރެ އަވަހަށް ޚަރަދު ކުޑަކޮށް ނިންމާނެ ގޮތުގެ ޕްލޭނެއް އެކުލަވައި  އެ ރައްޔިތުންނަށް ދައްކަވައިފިނަމަ އެ ވާހަކަތައް ވިކޭނެ ކަމަށް ގަބޫލު ކުރެވިދާނެއެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top