ބޯފެނަށް ޖެހިފައިއޮތް ބ. ފެހެންދޫއަށް ފެނަކަ ކޯޕަރޭޝަނުން ވިހިހާސް ލިޓަރަށްވުރެ ގިނަ ޕްލާންޓް ފެން އިއްޔެ ފޯރުކޮށްދީފިއެވެ.
ފެނަކައިން ފެން ފޯރުކޮށްދިނީ އެކުންފުނިން މިކަމަށް ހާއްސަކޮށް އިއްޔެ އެރަށަށް ފޮނުވި ބޯޓެއްގައެވެ. ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ފެނަކައިން އިއްޔެ 20575ލިޓަރު ފެން އެރަށަށް ފޮނުވި ކަމަށާ، އެފެން ރައްޔިތުންގެ ތާނގީތަކަށް އަޅައި ރައްކާކޮށްފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ ފެން ލިބުމާގުޅިގެން އަންނަ ރަމަޟާންމަހުގެ ނިޔަލަށް ދެން އެރަށަށް ބޯފެން ހޯދަން ޖެހޭނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
“ރޯދައިގެ ފަހާ ހަމައަށް ބޭނުންކުރެވޭވަރު ވާނެ މިފެނުން. އޭރުން ހުޅަނގު މޫސުންވެސް ފެށުނީމާ އިރާދަކުރެއްވިއްޔާ ވާރޭ ފެން ލިބޭނެ.”

ފެނަކަ ފެހެންދޫ މުވައްޒަފުން އިއްޔެ ފެހެންދޫއަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ފެނަކަ ފެހެންދޫ ބްރާންޗް
މޫސަ ވިދާޅުވީ މިހާރު އެރަށުގައި އެއްލައްކަ ލިޓަރު ފެން ރައްކާކުރެވޭ ތާނގީތަކެއް ބެހެއްޓިފައިވާ ކަމަށާ، ހުޅަނގު މޫސުމުގައި މިތާނގީތަކަށް ފެން އެޅިއްޖެނަމަ އަންނަ އަހަރު ހޫނުމޫސުމުގައި ފެނަށް ޖެހުމަކީ ދުރުކަމެއްކަމަށެވެ.
ތިންސަތޭކައެއްހާ މީހުންގެ އާބާދީއެއްއޮތް ފެހެންދޫގައި އާންމުގޮތެއްގައި ދިރިއުޅެމުން އަންނަނީ ސަތޭކައެއްހާމީހުންކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދި ފެނަށްޖެހިގެން ދޭތެރެދޭތެރެއިން އެރަށަށް ސަރުކާރުން ފެން ފޯރުކޮށްދެމުން ގެންދެއެވެ.