ބ.މާޅޮސް ”މާރެސް ” ޖަމިއްޔާގެ މިއަހަރުގެ ވޮލީ މބާރާތް އަންނަ އެޕްރީލް މަހުގެ 27 ގައި ފަށާގޮތަށ އެ ޖަމިއްޔާއިން ނިންމައިފިއެވެ.
އަންހެން އަދި ފިރިހެން ޑިވިޜަން ވެސް ހިމެނޭ ގޮތަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ބ. އަތޮޅުގެ ރަށްތަކަށް އަންނަ އޭޕްރިލް 7 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މާރެސް ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތަކީ ކުޅުންތެރިންގެ ވޮލީގެ ހުނަރު ތަރައްގީކުރުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން އިތުރުކުރުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއްކަމަށް މާރެސް އިން ބުނެއެވެ.
މާރެސް އިން ބުނީ މިދިޔަ އަހަރު ނިމިގެން ދިޔަ އަންހެންޑިވިޝަން މުބާރާތުގައި ލިބުނުފަދަ ތަރުހީބެއް މިއަހަރުގެ މުބާރާތަށް ވެސް ލިބޭނެކަމުގެ އުންމީދު ބޮޑުކަމުގައެވެ.
މާރެސް ޖަމިއްޔާއިން ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި، ރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން 9 މުބާރާތެއް ބާއްވާފައެވެ. މިމުބާރާތް ތަކުގައި ގައުމީޓީމުގެ ގިނަކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިން ވެސް ވާދަ ކޮށްފައިވެ އެވެ.
ރަށުފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މާރެސް ޖަމިއްޔާ އިން މިހާތަނަށް ދެ ކޯޗިން ކޭމްޕްވަނީ އެ ބާއްވާފައެވެ. މި ކޭމްޕްތަކުގައި ކޯޗް ކޮށްދީފައިވަނީ ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ކޯޗުންނެވެ.