އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން، މާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މާލޭގައި ކުޅުމަށް ނިންމައިފިއެވެ.
އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން ބުނީ މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަހުކޮޅު ކަމަށެވެ. އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު ބުނީ މިމެޗަކީ 2019 ވަނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިސްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން ބޮޅެއްކަމަށެވެ. އަދި ކުރިޔަށް އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމްގެ ފަރިތަކުރުންތައް ފެށިފައިވާކަމަށެވެ.
“ޕްރެކްޓިސް ފެށިތާ ދުވަސްކޮޅެއްވެއްޖެ. ތައްޔާރުވަމުން މިދަނީ އަންނަ އަހަރު މެލޭޝިޔާގައި ބާއްވާ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް. އޭގެކުރިން ޓީމް ތައްޔާރުކުރުމަށް ކުޅެވޭ މެޗްތަކެއް މިހާޜު މިކުރިޔަށްދަނީ” އޭދަފުށީގެ ފުޓްބޯޅައަށް ގިނަދުވަސްތަކަކު ހިދްމަތްކޮށްފައިވާ އަދި މިހާރުވެސް ހިދްމަތުގައި ދެމިހުރި ނާސިރު ބުންޏެވެ.
ނާސިރު ބުނީ މިފަހަރު ޓީމް ނުކުންނައިރު އިތުރު މާބޮޑެތި ބަދަލުތަކެއް ނުފެންނާނެކަމަށެވެ. އަދި އޭދަފުށީގެ ރަން ކުޅުންތެރިން ޓީމްގައި ހިމެނޭނެކަމަށް އޭނާ ބުންޏެވެ.
“އާކުޅުންތެރިކަށް ހުންނާނީ ދާދިފަހުން ސީނިއަރ ޓީމުން ރިޓަޔާކުރި ރަންދޯދި މަޖީދު. އޭނަ އަދި ކުޅުނީ މާލޭ ސޮކަ މޭޓްސް އާއެކު އޭދަފުށީގައި ކުޅުނު މެޗްގައި އެކަނި. އެހެންވީމާ އަލެއްވެސް ނޫން ބާކުޅުންތެރިއެއް އެއީ. ދެން އިމްރާން، ކެޕްޓަން މަޖީދު، ގަހާ އިސްމާއީލުމެން ކަހަލަ ރަން ކުޅުންތެރިން ހިމެނޭނެ ޓީމްގައި”
ނާސިރު ބުނީ މިއީ ވެޓަރަންސް ޓީމުން މާލޭގައި ކުޅޭ ފުރަތަމަ މެޗްކަމަށްވުމުން މިމެޗުން މޮޅުވަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ.
2019 ވަނަ އަހަރު އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާޜުވަމުން އަންނަ އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން މިދިޔަ އަހަރާ އޭގެ ކުރީއަހަރު އެކުވެރިކަމުގެ ހަމެޗް އޭދަފުއްޓާ، ބ. އަތޮޅު އަދި އަތޮޅުން ބޭރުގައި ކުޅެފައިވެއެވެ. އޭގެތެރެއިން ފަސްމެޗު ވަނީ ކާމިޔާބުވެސް ކޮށްފައެވެ.