ސުނާމީ ކާރިސާއަކީ އެދުވަހުގެ ބިރުވެރިކަން ތަޖްރިބާ ކުރި މީހުންގެ ލޮލުން މިހާރުވެސް ކަރުނަ ހިލިގެން ދާނެ ބިރުވެރި ކާރިސާއެކެވެ. އިންޑޮނޭޝިއާގެ ސަރަހައްދަށް 2004 ވަނަ އަހަރުގެ ޑިސެމްބަރމަހު 26 ވަނަ ދުވަހު އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ބާރުގަދަ ރާޅު، ގަޑިއަކު 700 ކިލޯމީޓަރުގެ ބާރުމިނުގައި އައިސް ރާއްޖޭގެ ބިން ތިރި ރަށްރަށް ސުންނާފަތި ކުރަން ފެށީ އެދުވަހުގެ 9:20 އެހާކަށް ހާއިރުއެވެ.
ސުނާމީގެ ބިޔަ ރާޅުތައް އޭދަފުއްޓަށް އަރައިގެން އައީ ހުޅަނގު ދެކުނު ކަންމަތިންނެވެ. އެސަރަހައްދުގެ މޫދާ އެންމެ ކައިރީގައި ހުރީ މި ކާރިސާގެ ބިރުވެރިކަން އެންމެ ގާތުން ދުށް އޭދަފުށީ ކިނާރީގޭ އަބްދުއްނަސީރު ހަސަންގެ ކިނާރީގެއެވެ.
ނަސީރު ގާތު ސުނާމި ކާރިސާ ސިފަކުރައްވަނީ ކިހިނެއްތޯ އެހުމުން އެންމެ ފުރަތަމަވެސް ބުނީ ހިތަށްއެރީ ދުނިޔެ ގިޔާމަތް ވަނީކަމުގައެވެ.
“ސުނާމީގެ ދެވަނަ ރާޅު ގޭގެ ފުރާޅުމަތިން އަރައިގެން އަންނަތަން ފެނުމުން އަޅުގަނޑު ބުނިން ދަރިން ގާތު ކުދިންނޭވެ. ދުނިޔެ ގިޔާމަތް ވަނީއޭ.”
ނަސީރުބުނީ ދުވަހަކުވެސް ފެނިފައިނުވާ ފެންނާނެކަމަށް ހީވެސް ކުރެވިފައިނެތް ކަމެއް ދިމާ ލޮލުގެ ކުރިމަތިން ހާމަ ވާން ފެށުމުން އެހެން ހިތަށް އެރީއެވެ.
އެދުވަހު އޭނާ އުޅުނީ އޭދަފުށީ ދިރާގު އިމާރާތުގެ ކައިރީގައި ހުރި ގެއެއްގެ ވަކަރުމަތި ރޭނުމުގެ މަސައްކަތުގައެވެ. ހެނދުނު 9 ޖަހާ އެހާކަށް ހާއިރު މަސައްކަތުގައި ފާރުމަތީގައި އޮއްވާ ހިސާބުގަނޑުގައި ދިރިއުޅޭ އަންހެނަކު ދައްކަމުން ގެންދާ ވާހަކައަށް ސަމާލުކަން ހުއްޓުނެވެ.
“އޭނާ މިއަހަނީ ފެންނަ ކޮންމެ މީހަކު ގާތުގައި ކޮން ފެންގަނޑެއްހޭ ރަށުތެރެއަށް އަރަމުން މިދަނީ.” މިހެން ކިޔައިގެން އެއަންހެނާ ރޯން ފެށުމުން މީކޮން މޮޔަ ވާހަކަތަކެއް ދައްކާ އަންހެނެއް ހޭ ކިޔާފައި މަސައްކަތާ ކުރިމަތިލީއެވެ. އެހެންނަމަވެސް ކޮންމެވެސް ކަމެއް ވަނީތާއޭ ހިތާ ތިރިއަށް ފޭބިތަނާ ދިރާގުގެ 3 ފޫޓު އުސް ފާރުގެ އެތެރެ ފުރިގެން ލޮނުގަނޑު އަރާތަން ފެނި، ކަމުގެ ސީރިއަސްކަން ވިސްނުނެވެ. އޭނާއާއެކު މަސައްކަތްކުރަން ތިބި މީހުން ގާތު އަވަހަށް ތިރިއަށް ފޭބުމަށް ބުނެފާ ދުވެފަ ގެއަށް އައީ
އަންހެނުން ޝަމީމާ އުޅޭ ހާލު ބަލާލުމަށެވެ. ގެއަކީ ރާޅުތަކުގެ ބަނޑުދަށުގައި ހުންނަ ގެއެއް ކަމަށް ވާތީއާވެސް އެކުގައެވެ. އެހެންނަމަވެސް ގެއާ ހަމައަށް ފޯރުމުގެ ކުރިން ޝަމީމާ އާ މަގުމަތިން ދިމާވެއްޖެއެވެ.
ޝަމީމާ ބުނީ ހެނދުނު ގޯތި ކުނިކަހާ ނިމިގެން އެތަނުގައި އޮތް ކަނދުގަނޑެއްގެ މަތީގައި އިށީދެގެން އިންދާ މީހަކު، މޫދަށް މިހިރަވާ ގޮތެއް ބަލާބަލާށޭ ބުނުމުން ބަލާލިއިރު މޫދު ކެކިގެން އުތުރިގެން މައްޗަށް އަރަނީކަމަށެވެ. “ގަންނާކުރައްވާ ބިރުން އަވަހަށް ގެއަށް ވަދެ 4 ކުދިން ގޮވައިގެން އެންމެ ހަގުމީހާ އުރަށް ޖަހައިގެން ނުކުތީ .ނުކުތް އިރު ރާޅު އައިސް ގޭ ކަންމަތީގަ.” ޝަމީމާ ބުންޏެވެ.
އެހެންވެ ޝަމީމާ ދިޔައީ ކުދިން ގޮވައިގެން ހުކުރު މިސްކިތަށެވެ. ގެއަށް އައީ މެންދުރު ނަމާދު ކޮށް ނިމިގެންނެވެ.
އެހެންނަމަވެސް ނަސީރު ދުއްވައިގަތީ ގޭ ދޮށަށެވެ.
“ގެއަށް ދިޔައީ ވޮލެޓް މަތިން ހަނދާން ވެގެން. ހާލެއްގައި ޖެހުނަސް ސަލާމަތްވިޔަސް ކާއެއްޗެއްވެސް ގަނެދެވޭނީ އޭތި އޮތިއްޔާތާ!” އެހެންވެ އަވަހަށް ގެއަށް ވަދެ ވޮލެޓް ލާފައި އޮތް ކަބަޑުވެސް ހުޅުވުމުގެ ބަދަލުގައި އަވަސް ކުރަންވެގެން ކަތިވަޅިއަކުން ކަބަޑު ފަޅާލީއެވެ.
ދެން ދިޔައީ އުތުރު ފަރާތަށެވެ. ރޮމުންނެވެ. އެއީވެސް ގަސްދަކު ނޫނެވެ. ދިޔަ މަގުމަތީގައި އޭނާއަށް ބަށި ކޯޓުގައި ބޮޑު ދެ ވަޅުގަނޑު ހެދިފަ ހުރިތަން ފެނި އަނެއްކާވެސް އިތުރަށް ބިރުގަންނަ ގޮތް ވިއެވެ. އެހެންނަމަވެސް ދެންވެސް އެނބުރި ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ޖެހީ އުތުރުފަރާތު އަތިރި މައްޗަށެވެ.
“އުތުރު ފަރާތަށްގޮސް ފަޅުތެރެ ބަލާލި އިރު ނަލަހިޔާ ދޯނި އޮތީ އެއްބުރި ވާޓަރުމަތީގަ. ޒިންދަގީ ދޯނި އޮތީ ބަންޑުން. އޭގެ މަތީގަ ތިން މީހުން ތިބި”
ގުދުރަތުގެ މިއަޖާއިބު ބިރުވެރި ކާރިސާއާ މެދު ވިސްނާލުމަށް އެތަނުގަ ހުއްޓާ ފަހަތުން މީހަކު ކޮނޑުމަތީގައި ކޮއްޓާލުމުން ބަލާލިއިރު އެއީ އޭނާގެ ރައްޓެއްސެކެވެ. އޭނާ އެދުނީ ވަލެއް ހިފައިގެން އަންނަންދެން ފަޅުގައި އޮތް އޭނާގެ ދޯނި ބެލުމަށެވެ. އެވަގުތު ނަސީރުއަށް ބުނެވުނެވެ. “ދާންވީ ވަލެއް ބަލާތަ! އެންމެންވެސް ދާންވީ މިސްކިތަކަށް ނޫންތަ! މި ކަމުން ސަލާމަތް ވޭތޯ .ސަލާމަތެއް ލިބޭތޯ.”
އަނެއްކާވެސް އަތިރިމަތިން ރަށް ވަށާލާފައި ގެ ކައިރިއަށް އައިސް ހުއްޓުނުތަނާ ކަނޑުން އައި ބިޔަ ރާޅު، ފަޅު މަތީގައި އޮތް ފެންގަނޑު ބޭރުމައްޗަށް އައިސް އޮއްސާލިއިރު ނަސީރު ހުރީ އެތަން ބަލާށެވެ. “ގެންފައި ހުރި ބިރާއެކު ހިތަށް އެރީ އަނެއްކާވެސް މިއުޅެނީ ކަމެއް ވާށޭ.” އިރުކޮޅެއް ނުވެ ދެވަނަ ރާޅު އައީއެވެ. “ބަތްތެއްޔެއް ކެކެމުން އަންނައިރު ކެކޭހެން ކެކެމުން އަރަމުން މާއްޑޫ އެއްކޮށް ފޮރުވާލާފައި އައިސް ރަށަށް އައީ. ހެއަށް ވީގޮތްވެސް ނޭގުނު. ކޮޅަށް ކަމެއް ތެދަށްކަމެއް މިހުރެވުނީވެސް ނޭގުނު. ”
މި ހާލަތަށް ދިއުމުން ގޮތް ހުސްވެގެން ރޮއިގެންފަ އެއްގަމަށް ދުއްވައިގަނެވުނީއެވެ. ނަސީރު ބުނީ ސުނާމީގެ އޭދަފުށީ ހާލަތު އާއްމު ވެފައިވާ ވީޑިއޯއެއްގައި އޭނާ ދުވާތަން އެފެންނަނީ އެވަގުތުގެ މަންޒަރު ކަމުގައެވެ.
ސުނާމީގެ މިރާޅުވެސް އެރީ ނަސީރު ގޭގެ ކައިރީގަ ހުއްޓައެވެ. ފުރަތަމަ ރާޅަށްވުރެ މާ ބޮޑަށް ޕްރެޝަރުގައި އެހާމެ އުސް ކޮށެވެ. މި ރާޅު ރަށަށް އަރައިގެން ދިޔައީ ކިނާރީގޭގެ ފުރާޅުމަތިން ލާފައި ކަމަށް ނަސީރު ބުންޏެވެ. ގެއާ ބަދިގެއާއި ގެންގުޅޭ ހުރިހާ އެއްޗެއް ހަލާކުވެ ވީނުވީއެއް ނޭގި ގެއްލި ދިޔައީ މިރާޅާ އެކުގައެވެ.
ސުނާމީ ކާރިސާގެ ވާހަކަ ނަސީރު ކިޔައިދެމުން ދިޔައިރު ކައިރީގައި އިން އަންހެނުން ޝަމީމާ ވެސް އިނީ އެދުވަހުގެ ހަނދާންތަކުގެ ތެރޭގައި ޖަޒުބާތުގައި ޖެހިފައެވެ.

ނަސީރު އޭނާގެ އަންހެނުން ސަމީމާ ހުސައިންއާއެކު ސުނާމީގެ ހަނދާންތައް އީވީއާ ހިއްސާކުރަނީ / ފޮޓޯ: އޭދަފުށި ވޮއިސް
” އަޅުގަނޑުގެ ގެއަށް ދިރިއުޅެން އަނބުރާ އާދެވުނީ އެއް ހަފްތާ ވަންދެން ގެ މަރާމާތު ކުރުމަށް 24 ގަޑި އިރު މަސައްކަތް ކޮށްގެން.” ކާރިސާގައި ލިބުނު ގެއްލުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނަސީރު ބުންޏެވެ.
ނަސީރު އާ، އަންހެނުން ޝަމީމާ، ސުނާމީގައި އެމީހުން ދުށް ބޮޑު ރާޅުތަކުގެ މަތިން ހަނދާނެއް ނުނެތޭނެއެވެ.
“މިހާރުވެސް މޫސުން ގޯސްވެ ރާޅު ބޮޑުވެއްޖެނަމަ އެކާރިސާގެ ބިރުވެރިކަން ހިތަށް ވަދޭ. ބިރުން ނިދާކަށްވެސް ނުކެރޭ.” ޝަމީމާ ގެ އަޑުގައި ހުރި ތުރުތުރު އެޅުން ފާހަގަ ކުރެވުނެވެ.
އޭގެ ފަހުން 13 އަހަރު ވެގެން ދިޔައިރު އެ ދެމަފިރިންގެ އަދި މުޅި ދިވެހި ރައްޔިތުންގެވެސް ދުއާ އަކީ އެފަދަ ދުވަހެއް ދެން ތަކުރާރު ނުވުން އެދި ކުރެވޭ ދުއާ އެވެ.