އަންނަ މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތިން ސްޓޭޑިއަމެއް އަދިވެސް ނުނިމޭތީވެ ފީފާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަސައްކަތް އެއްކޮށް ނުނިމޭ ތިން ސްޓޭޑިއަމުގެ ތެރޭގައި މުބާރާތް ހުޅުވާ މެޗު ކުޅޭ ސައުޕޯލޯގެ ސްޓޭޑިއަމް ވެސް ހިމެނެ އެވެ.
ފީފާގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ބުނީ ބްރެޒިލުން މިހާރު މަސައްކަތް ކުރަމުންދަނީ ވަގުތާ އިދިކޮޅަށް ކަމަށެވެ. ނަމަވެސް މުބާރާތް ފަށަންވާއިރަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ޔަގީންކަންދޭ ކަމަށެވެ.
ސައުޕޯލޯގެ ސްޓޭޑިއަމްގެ މަސައްކަތް ކުރަނިކޮށް ތިން މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި މި ދަނޑު ޓެސްޓް ކުރުމަށް ބްރެޒިލް ލީގުގެ މި ހަފުތާގެ މެޗެއް އެ ދަނޑުގައި ކުޅޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ބައެއް މީޑިޔާތަކުން ބުނަނީ ދަނޑު ޓެސްޓްކުރަނީ ފުލް ކެޕޭސިޓީ އަށް ސަޕޯޓަރުން ވެއްދުމާނުލައި ކަމަށެވެ.
ވޯލްޑް ކަޕަށް ބްރެޒިލްގައި ތައްޔާރުކުރާ ސްޓޭޑިއަމްތަކާއި އެނޫން ވެސް މަސައްކަތް ނުނިމޭތީވެ އެ ގައުމަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އަދި ބްރެޒިލްގައި ވޯލްޑް ކަޕާ ދެކޮޅަށް މުޒާހަރާކުރާތީވެ އެ ކަން ވެސް ވަނީ ބްރެޒިލަށް ފާޑުކިއުން އިތުރުވާ ސަބަބަކަށެވެ. ވޯލްޑް ކަޕާ ދެކޮޅަށް ބްރެޒިލްގައި މުޒާހަރާ ކުރަނީ ކޮރަޕްޝަން އިތުރުވެ ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާތީ އެވެ. އަދި މިހާ ދަތި ދުވަސްވަރެއްގައި ފުޓްބޯޅަ އަށް މިހާބޮޑު ހަރަދުތަކެއް ކުރާތީވެ އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ވެސް ވަނީ މުޒާހަރާތައް އިތުރަށް ގޯސްކުރުމަށް މަސައްކަތްކޮށްފަ އެވެ.
ވޯލްޑް ކަޕް އިންތިޒާމްކުރާ ކޮމިޓީގެ އެއް ބޭފުޅެއްކަމަށްވާ ރޮނާލްޑޯ ވެސް ވަނީ ބްރެޒިލުން ކުރަން ބުނި ގިނަ ކަންތައްތައް ފުރިހަމަކޮށްދެވިފައިނުވާ ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ރޮނާލްޑޯ ބުނީ މުބާރާތާއެކު ބްރެޒިލަށް ގިނަ ފައިސާތަކެއް ވަންނާނެ ކަމަށާއި މިހެންވެ މުޒާހަރާތައް ހުއްޓޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.