ބ. އަތޮޅަށް ހުޅުވާލައިގެން އަންނަމަހު ބ. ދޮންފަނުގައި ފެށުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ ދޮންފަނުގެ އިންވިޓޭޝަން ކަޕްގެ ފުރަތަމަ ޓާގެޓަކީ ގަދަފަދަ ގޮއިދޫ ބަލިކުރުންކަމަށް ދަރަވަންދޫ ފުޓްބޯޅަ ޓީމްގެ މެނޭޖަރ ބުނެފިއެވެ.
އިންވިޓޭޝަން ކަޕް މިދިޔަ އަހަރު މުބަރާތުގައި ސެމީފައިނަލްގައި މިދިޔަ އަހަރުގެ ޗެންޕިއަން އަތުން ބަލިވެ މުބާރާތުން ކެޓި ދަރަވަންދޫ ޓީމުގެ މެނޭޖަރ ހަސަން ނާސިކު އީވީއަށް ދިން އިންޓަވިއުއެއްގައިބުނީ މިއަހަރުގެ މުބާރާތަކީ ވަރަށް ޗެލެންޖިންގް މުބާރާތަކަށް ވާނެކަމަށާ، ނަމަވެސް ޖެހިލުމެއް ނުވާކަމަށެވެ. އޭނާބުނީ ޗެންޕިއަން ކިހާދުއާ، ގޮއިދޫ އަދި އޭދަފުށީ ޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްކަމަށާ، އެހެންނަމަވެސް ޓާގެޓަކީ ފުރަތަމަ މެޗްގައި ގޮއިދޫ ބަލިކޮށް ސެމީގެ އުއްމީދު އާކުރުން ކަމަށެވެ.
“އެންމެންވެސް ގަބޫލުކުރާނެ މިއަހަރު މިދިޔަ އަހަރަށްވުރެ ޗެލެންޖް ބޮޑުކަން. ހާއްސަކޮށް އޭދަފުށި ޓީމާ ގޮއިދޫ ޓީމް އޮތީމަ. ދަރަވަންދޫ ޓީމަކީ މިދިޔަ އަހަރުވެސް ވަރަށް ގަދައަށް ކުޅުނު ޓީމެއް. ނަސީބު ދެރަކަމުން ސެމީގައި ބަލިވީ. މިއަހަރު ފުރަތަމަ މެޗުން ގޮއިދޫ ބަލިކޮށްގެން ފަށަން ބޭނުމީ. އޭދަފުށިވެސް ބަލިކުރުން އަމާޒަކީ” މިދިޔަ އަހަރުވެސް ޓީމްގެ މެނޭޖަރ ނާސިކް ބުންޏެވެ.
ނާސިކް ބުނީ ދަރަވަންދޫ ޓީމް މުބާރާތަށް ނެރެނީ އަމިއްކަ ކުދިން ކޮޅެއް ގުޅިގެން ފަންޑު ހޯދައިގެން ކަމަށާ، ކައުންސިލާ، ޖަމްއިއްޔާތަކުން މިކަމަށް އެއްބާރުލުން ދީފިނަމަ މުބާރާތުގައި ވަރުގަދަ ޓީމެއް ނެރެވޭނެކަމަށެވެ.
“ޒުވާނުން ވަރަށް ބޮޑަށް އަޅުގަނޑަށް ރިކުއެސްޓް ކޮށްގެން ޓީމް މިއަހަރުވެސް މިނެރެނީ. ކައުންސިލަށް ވެސް ދެންނެވިން. ޖަމްއިއްޔާތަކުންވެސް މިކަމަށް އެއްބާރުލުމެއް ނުލިބޭ. އެކަން ރަނގަޅުވެއްޖެއްޔާ ޓީމް އިތުރަށް ވަރުގަދަވާނެ” ނާސިކް ބުންޏެވެ.
ދޮންފަނު އިންވިޓޭޝަން ކަޕަކީ 2016ވަނަ އަހަރުން ފެށިގެން ބ.އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ އަހަރު ހަތަރު ރަށަކުން ވާދަ ކުރި މި މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ ގޮއިދޫއާ، އޭދަފުއްޓާއެކު 5 ޓީމް ވާދަކުރެއެވެ. އެއީ ގޮއިދޫއާ، އޭދަފުށީގެ އިތުރުން ދަރަވަންދޫ އާއި، ކިހާދޫ އަދި ދޮންފަނެވެ. މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 15ގައެވެ. މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަންއަކީ ކިހާދޫއެވެ.