މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭނުންކުރާނެ ޚާއްސަ ލޯގޯއެއް ފާސްކޮށްފިއެވެ.
އޭދަފުށީ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އިސް ރަށްވެހިން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތްތަކަށް ލޯގޯއެއް ފާސްކުރީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ހުރިހާ ލޯގޯތައް ބަލައި، އިސްބޭފުޅުންނަށް އެއްބަސްވެވުނު ލޯގޯކަމަށް މައުލޫމާތު ލިބެއެވެ.
މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ އަށް ނިސްބަތްވާ އިސް ރަށްވެއްސަކު މި މައުލޫމާތު ދެމުން ވިދާޅުވި މިލޯގޯ ހުށައެޅީ އޭދަފުށީ ބީޗްވިލާ އަހްމަދު ޝާހިދުކަމަށެވެ. އެހެންކަމުން މި މުނާސަބަތު ފާހަގަ ކުރުމަށް މިލޯގޯ ކުރިޔަށް އޮތް ދުވަސްތަކުގައި އެކިކަހަލަ އިވެންޓްތަކުގައި ބޭނުންކުރާނެއެވެ
އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރަން ފަށާނީ އަންނަ އަހަރުގެ އަޟްހާއީދުގެ ތެރޭގައެވެ. ޖަމްއިއްޔަތުލް ވަފާއާ ގުޅިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިއިވެންޓަށް ދުރާލައި ތައްޔާރީތަކެއް ވަމުންދާކަމަށް ހުޅަނގު ސަރަހައްދު އިސް ރައްވެހިން ބުނެއެވެ.
ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރ 1968ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން ބ. އަތޮޅު ކިހާދޫ މީހުން އޭރު ހިތާދުއަށްވެސް ބަދަލުކުރިއެވެ. ނަމަވެސް އެގާނޫނު އުވުމާ ގުޅިގެން 1975 ވަނަ އަހަރު ކިހާދޫ މީހުން ވަނީ އެނބުރި އަލުން ރަށަށް ބަދަލުވެފައެވެ.