ކަލިނަރީ ޗެލެންޖާއެކު ދިވެހި ރަހަތަކަށް އޭދަފުށީ ކަނބަލުންގެ ޝައުގުވެރިކަން އިތުރުވެއްޖެ

22894028_528019294220306_8401108770901874973_n.jpg

"ކަލިނަރީ ޗެލެންޖް2017 ބޭއްވުމަށް ސީޖީއެމްގެ ފަރާތުން އޭދަފުއްޓަށް ވަޑައިގެންނެވި ބައެއް ބޭފުޅުން - ފޮޓޯ : ސޮބާ ފޭސްބުކް

“ކަލިނަރީ ޗެލެންޖް 2017 ” އަކީ އޭދަފުށީގެ ކަނބަލުން އިންތިޒާރު ކުރި އުފަލެއް ނޫނެވެ. ދުނިޔޭގެ ޝެފުންގެ ދުވަސް މި އަހަރު އޭދަފުށީގައި ފާހަގަ ކުރުމުގެ ގޮތުން ކެއްކުމުގެ ބޮޑު މުބާރާތެއް ބޭއްވުމަކީ ބ.އަތޮޅުގެ ކަނބަލުންނަށް ލިބުނު ސަޕްރައިޒެކެވެ. ވަގުތު ކުޑަތަން ވެފައިވަނިކޮށް މިދުވަސް ސީޖީއެމް ގެ ފަރާތުން ފާހަގަކުރަން ނިންމި ނަމަވެސް މިހާވަރު އަރުވާލާނެކަމަށް ގަބޫލެއް ނުކުރެވުނެވެ.

ކެއްކުމުގެ މުބާރާތް ކުރިއަށްދާ ގޮތް އޮޅުން ފިލުވައި ދިނުމަށް ފަހުވެސް ގިނަ މީހުން މި މުބާރާތުގައި ބައިވެރިވާ ހިތްނުވި އެއް ސަބަބަކީ ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނުލިބުމެވެ. އަނެއް ސަބަބަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތަކަށްވެފައި ތައްޔާރުކުރެވޭ ކާނާގައި އެފެންވަރު ހުރެދާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. އިންޓަނޭޝަނަލް ޖަޖުން ތަކެއް އިންސާފުކުރާ މިކަހަލަ މުބާރާތެއްގައި ބައިވެރިވުމަށް ވުރެ އެމީހުންގެ ކެއްކުމުގެ ތަޖްރިބާ މަދު ކަމަށް ހީކުރެވޭތީއެވެ. ބައެއްމީހުން ބައިވެރިވީ އޭދަފުށީގައި މިދުވަސް ފާހަގަކުރާތީ އެކަމަށް ތަރުހީބު ދިނުމުގެ ގޮތުންނެވެ. ވަނައަކަށް ނުވަތަ މެޑެލް އަކަށް އުއްމީދު ކޮށްގެން ނޫނެވެ.

އެއީ ދިވެހި ކެއުންތަކުގެ މުއްސަނދި ސުފުރާތަކުގެ މީރުރަހަތަކާއި ރީތި އެތުރުންތައް ތާރީޚްގައި ދައްކާފައިވާކަން މިއަދުގެ ކަނބަލުންނަށް ނޭގި އޮތީކަމަށް ވެދާނެއެވެ. ނުވަތަ މަންމަމެން މާމަމެންގެ ހަޔާތުގައި ހަދައި އުޅުނު ދިވެހި ކާނާތަކުގެ ވާހަކަ ކިޔައިނުދީ އޮތީއެވެ. އެހެންކަމުން ބައިވެރިން ވިސްނަމުން ދިޔައީ މުސްކުޅި މީރު ދިވެހި ކެއުމެއް ތައްޔާރުކުރުމަކީ މިޖީލުގެ ދަރިންނަށް ކާމިޔާބާއެކު ކުރެވޭނެކަމެއް ނޫންކަމުގައެވެ. ތައްޔާރުކުރެވޭނެ ތަފާތު ގިނަ ވައްތަރުތަކެއް ނެތްކަމާއި އެރަހަތައްވެސް މިހާރުގެ ޒުވާނުންނަށް ކަމުނުދާނެކަމުގެ ކުށް ހީ އާ އެކުގައެވެ. އެހެންވީމާ ކެއުން މުއްސަނދި ކުރުމަށް ދިވެހި ރަހަތަކުގެ ތެރެއަށް ވިޕިންގކްރީމާއި ނެސްލޭ ކްރީމް އަދި ފާޑު ފާޑުގެ ސޯސްތައް ގަޑުބަޑުކޮށް މީރު ދިވެހި ރަހަ ތަޣައްޔަރު ކުރުމުގެ ވިސްނުން ވެސް ގެންގުޅުނެވެ.

މުބާރާތުން އެއްވަނަ އަށް ދިޔަ ޓީމް ، ޓީމް ހަދުވަރީސް ގެ ނިއުމާ
– މުބާރާތުގައި ބައިވެރިވީ ވަނަ އަކަށް އުއްމީދުކޮށްގެން ނޫންކަމަށް ބުނި – ފޮޓޯ : އީވީ

މުބާރާތުން އެއްވަނަ ހޯދި ހަނދުވަރީސް ޓީމްގެ ވިސްނުންވެސް ހުރީ މިކަހަލަ ގޮތަކަށެވެ.  ފެންފޮޅިއާއި ގުޅަރިހަ ، މައިގަނޑުކެއުމަކަށް ހިމަނައިގެން ހުށަހެޅި ޑިޝް އަށް އެއްވަނަ ލިބުމުން ޓީމްގެ ލީޑަރ ނިއުމާ ހުރީ އަދިވެސް އެހައިރާން ކަމުގައެވެ. ” އަސްލު ގަބޫލުވެސް ނުކުރެވުނު. މިހާ ކާމިޔާބު ކަމާއެކު މިކަން ކުރެވިދާނެކަމަކަށް. އެއަށްވުރެ ބޮޑަށް ހައިރާންވީ 30 ޓީމް ބައިވެރި ވި މި މުބާރާތުގައި އަހަރެމެން ކަހަލަ އާދައިގެ ބަޔަކު ތައްޔާރުކުރި ޑިޝް އަށް އެއްވަނަ ލިބުމުން. ” ނިއުމާ ބުންޏެވެ.

ނިއުމާ ބުނީ މުބާރާތުގައި ބައިވެރިވީ ރަށުގައި ކުރާ ކަމަކަށް ވާތީ މަޖަލަކަށް ކަމަށާއި ބޭނުންވީ ރަށަށް ޓަކައި މޭޒެއް އިތުރުކޮށް މަންޒަރު ރީތިކޮށްލަން ކަމަށެވެ.

“ކެއުމަށް ޖަޖުން އިންސާފު ކުރަމުން ދިޔައިރު އަޅުގަނޑު ހިތަށް އެރި ކޮންކަހަލަ ކޮމެންޓްތަކެއް ބާއޭ ކުރާނީ. އެހެންނަމަވެސް ނެގެޓިވް ކޮމެންޓެއް ނެތުމުން ވަރަށް ބޮޑު ޔަގީންކަމެއް ލިބުނު ވަނައެއް ލިބޭނެކަމަށް. ޖަޖުން ބުނިހާވެސް އެއްޗަކީ ކިހަވަށް ތަންކޮޅެއް ހަރުކަމަށް. އަޅުގަނޑުމެން ބުނިން މިރަށުން ނުލިބުނީއޭ. ދެން ބުނި އޭގެ މައްޗަށް ކޮޕީ ފަތް ކޮޅެއް އަޅާލިނަމަ ވަރަށް ފުރިމހަމަ ވީހޭ. ދެން ހަމަ ހުރިހާ އެއްޗެއް ވެސް ވަރަށް ފުރިހަމައޭ.”

އެ ތާރީފުތަކާ އެކުވެސް އެއްވަނައަކަށް ނިއުމާ އުއްމީދެއް ނުކުރެއެވެ. އޭނާ އުއްމީދު ކުރީ ކޮންމެވެސް މެޑެލްއަކަށެވެ.

މި ކާމިޔާބުގެ އުފަލުގައި ހުރެ ނިއުމާ މި މުބާރާތުގެ ސަބަބުން ހިތުގައި އުފެދުނު ޝުއޫރުތައްވެސް އީވީއާ ހިއްސާ ކުރިއެވެ.

” މުބާރާތުން އެއްވަނަ ލިބުމާއެކު މި ރޮނގުގައި ކުރިއަށް ދިއުމުގެ ހިތްވަރު ލިބިއްޖެ. މި މުބާރާތުން ބައިވެރިންނަށާއި އެހެން މީހުންނަށްވެސް އިތުރު މައުލޫމާތުތަކެއް ލިބި އާ އެއްޗެތިތަކެއްވެސް އެނގިގެންދާނެ.  އާއްމުކޮށް ނޫނަސް އެކި މުނާސަބަތު ތަކުގައި އުވިގެން ގޮސްފައިވާ ދިވެހި މީރު ރަހަތައް ތައާރަފްކޮށް މިފަދަ މުބާރާތްތައް ބޭއްވުމަކީ ވަރަށް ބޭނުންތެރިކަމެއް. ”

ނިއުމާ ބުނީ މިއީ ފެށުމެއް ކަމަށް ބަލައިގެން މި މުބާރާތުން ހިތްވަރު ލިބިގެން ޚާއްސަ މުނާސަބަތު ތަކާ ގުޅުވައިގެން ކެއްކުމުގެ މުބާރާތްތައް ބާއްވާނަމަ އަޅުގަނޑުމެންގެ ސުފުރާތަކުގައި ހުންނާނީ މީރު ދިވެހި ކެއުން ކެއުންކަމުގައެވެ. ދުނިޔޭގެ އެއްވެސް ތަނަކުން ނުލިބޭނެ އެންމެ މީރު ރަހަތައް އެކުލެވޭ ސިއްހަތަށް އެންމެ ރަނގަޅު ކާނާ ކަމުގައެވެ.

“އަސްލު އެންމެ އުފާވީ ރަށަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް .ހަމައެއާއެކު އަޅުގަނޑުމެންނަށް ވުރެ މާމޮޅު ކެއްކުން ތެރިން މި ރަށުގައި ތިބިއިރު އަޅުގަނޑުމެން ކަހަލަ އާދައިގެ ބަޔަކަށް އެއްވަނަ ލިބުމުން ވަރަށް އުފާވި. ”

ރޯޒްމީޑް ޓީމްގެ މައުސޫމާ – މި ފަދަ މުބާރާތެއް ބޭއްވުމުގެ ވިސްނުން އެބަހުރި – ފޮޓޯ : އީވީ

މި މުބާރާތުގެ ދެވަނަ ހޯދި ރޯޒްމީޑް ގްރޫޕުން ވާހަކަ ދެއްކި މައުސޫމާގެ ވާހަކަ ތަފާތެވެ. ރޯޒްމީޑް ޓީމަކީ  ގޭތެރެއިން ނެރެފައިވާ އާއިލީ ޓީމެކެވެ. މައުސޫމާ ބުނީ މުބާރާތުގައި ބައިވެރިވީ ވަނައަކަށް އުއްމީދު ކޮށްގެން ކަމުގައެވެ. ކުޅި ބަތްޕެން މައިގަނޑު ކެއުމަކަށް ބޭނުންކޮށްގެން ކަށިކޭލު ފޯ ހިމަނައިގެން ތައްޔާރު ކުރި މި ޑިޝްއަށް ޖަޖުން އިންސާފު ކުރިއިރުވެސް ލިބުނީ ތައުރީފުގެ ބަސްތަކެވެ.

” ވަރަށް މީރު ކަމަށް ބުނި. ހަމަ ކުޑަކުޑަ އެންމެ ކަމެއް އެމީހުން ފާހަގަކުރަމުން ބުނީ ކުޅި ބަތްޕެން ކިޔާތީ ކުޅިރަހަ ތަންކޮޅެއް ގަދަވިނަމަ ވަރަށް ފުރިހަމަވީސް ކަމަށް ”

މައުސޫމާ ބުނީ ޑިޝް ތައްޔާރު ކުރުމުގެ ޚިޔާލާއި ޑެކަރޭޓް ކުރާނެގޮތް ނިންމީ އާއިލާ ގެ މަޝްވަރާއާއެކު މުބާރާތް ފެށެން އެންމެ ދުވަހަކަށް ވަނިކޮށެވެ. އެހެންވެ ކުރު މުއްދަތެއްގެ ތެރޭގައި މިކަހަލަ މުބާރާތެއްގައި ވާދަ ކޮށް 2 ވަނައަށް އައުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. .

” މިކަހަލަ ބޮޑު އިވެންޓެއްގައި ވާދަކޮށް ދެވަނަ އަށް އައުމަކީ ފަޚްރުވެރިވާން ޖެހޭ ކަމެއް. އެކަމަށް ޓަކައި ހުރިހާ ޝުކުރެއް އަދާ ކުރަން ޖެހެނީ އާއިލާ އަށް. މިފަދަ ކޮންމެ ކަމެއްގައި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ދިރިއުޅުމަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. “އާއިލާގެ އެއްބައިވަންތަކަމާއި އެކުވެރިކަމަށް ފަޚުރުވެރިވަމުން މައުސޫމާ ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި މި ފަދަ މުބާރާތް ތައް ބޭއްވުމުގެ ވިސްނުން އެއާއިލާގެ ތެރޭގައި އެބަހުއްޓެވެ.

” އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އަންނަ ބޮޑު އީދުގައި މިކަހަލަ މުބާރާތެއް ބޭއްވުމަށް.  އޭދަފުށީގައި ހުރި ކްލަބް ޖަމިއްޔާ ތަކުންވެސް މި ކަހަލަ މުބާރާތެއް ބާއްވައި ކާބައިން ކައިބޮއި އުޅުނު އެކިކަހަލަ ޑިޝް ތަކަކީ ވަރަށް މީރު ، އަމިއްލަވަންތަ ކަން ހުރި ކެއުންތަކަކަށް ވާތީ މިއީ ކޮންމެހެން ދިރުވަން ޖެހޭ ކަމެއް . ” މައުސޫމާގެ ޚިޔާލު ފާޅުކުރިއެވެ.

މުބާރާތުގެ ތިންވަނަ ހޯދި ޓީމް ރީޓްރީޓްގެ ޖިނާން އިބްރާހީމް ބުނަނީ މުބާރާތުގައި ބައިވެރިވީ މަޖަލަކަށް ކަމުގައެވެ.

” ވަނައަކަށް އުއްމީދެއް ނުކުރަން. ހަމަކުއްލިއަކަށް ޚިޔާލަށް އައި ކަމެއް މިއީ. ރަށުގައި ކުރާ މިކަހަލަ ކަންތަކުގައި ބައިވެރިވުމަކީ ރަށަށްވެސް ލިބޭ ރީތި ނަމަކަށް ވާތީ ބައިވެރިވީ . ”

ޖިނާން ބުނީ އިންސާފުކުރި ޖަޖުންގެ ކޮމެންޓްތަކުން ކޮންމެވެސްކަހަލަ ވަނައެއް ލިބިދާނެކަމަށްހީކުރެވުނު ކަމަށެވެ.

ރީޓްރީޓް ގްރޫޕަށް ތިންވަނަ ލިބުނީ އެގްރޫޕުން ތައްޔާރުކުރި މަސްބަތަށެވެ. ސްޓާޓަރއަކަށް ފަޅޯސެލެޑް އާއި ޑެޒާޓަކީ ކިރު ބޯކިބަލެވެ.

ޓީމް ރީތްރީޓްގެ ޖިނާން – ކާބައިންގެ މީރު ރަހަތައް މި ޖީލުގެ ދަރިންނަށް ތައާރަފްކޮށްދިނުމުގެ ވަގުތު އަތުވެއްޖެކަމަށްބުނި – ފޮޓޯ : އީވީ

ޖިނާނު ބުނީ ދިވެހިންގެ އަމިއްލަ ރަހަތަކުގައި އެކުލެވިގެންވަނީ މީރު އަދި ސިއްހީކެއުން ތަކަކަށް ވާތީ އެއްވެސް ގައުމެއްގެ އެއްވެސް ޑިޝްއަކަށް ދިވެހި ޑިޝްތަކާ ޗެލެންޖް ނުކުރެވޭނެކަމުގައެވެ.

އެގޮތުން އެކި ނަންނަމުގައި ތައްޔާތު ކުރާ ބަތާ މިގައުމުގައި ހައްދާ އެކިވައްތަރުގެ ތަރުކާރީ ބޭނުންކޮށްގެން ހަދާ އެކިއެކި ސަޓަނިތައް ހުރީ ކާބައިންނާއެކު ވަޅުލެވިފައެވެ. މިހާރު މިއޮތީ ކެއުންތައް އަލުން ތައާރަފް ކުރުމުގެ ވަގުތު ޖެހިފައިކަމަށް ޖިނާން ބުންޏެވެ.

ރަންވަނަ ހާސިލްކުރި ތިން ޓީމްވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. ކާބަފައިންގެ މަލާފަތްތައް ހުޅުވާލެވުނީ އަދި ކިރިޔާ ކަމުގައެވެ. މި މަލާފަތުގައި ދުނިޔެއަށް ގޮންޖަހާލެވޭ ފެންވަރުގެ ދިވެހި ރަހަތައް ބައިވަރެވެ.

ހިތްވަރާއެކު ކޮންމެވެސް ބަޔަކު އިސްނަގައިގެން މިޒަމާނަށާއި އަންނަނިވި ޖީލުތަކަށް މިރަހަތައް ވާރުތަ ކުރުމަކީ މިހާރު ކުރަންޖެހޭ  ގައުމީ ވާޖިބެއްކަމުގައި ތިން ޓީމުވެސް އެއްބަސް ވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top