ބ. ހިތާދޫގެ ކަރަންޓްގެ ހާލަތު ވަރަށް ދަށަށްގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލް އިދާރާއިން ބުނީ އެރަށު އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރުތައް ކުދިވެ ލޯޑްމަތީވަގުތުތަކުގައި ބައެއް ފަހަރު ފަހަރަށް ކަރަންޓް ކެނޑޭކަމަށާ، އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންގެންދާ ކަމަށެވެ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުއްރަޝީދު އަބްދުލްޢަފޫރު ވިދާޅުވީ މިމައްސަލަ ރޯދަމަހުގެ ކުރިން ހަމަޖެއްސޭތޯ ވަރަށްބޮޑަށް ބަލަމުންދާކަމަށާ، ރޯދައިގެ ކުރިން ޖަނަރޭޓަރެއް ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ.
“އަޅުގަނޑުމެން މިދަނީ ފެނަކަ ކޯޕަރޭޝަންއާވެސް ވާހަކަ ދައްކަމުން. އަދި އަތޮޅު ކައުންސިލާވެސް ގުޅިގެން މިކަން ހައްލުކުރެވޭތޯ ބަލާނީ. އަޅުގަނޑަށް ލަފާކުރެވޭ ރޯދައިގެ ކުރިން އެކަށީގެންވާ ހައްލެއް ލިބޭނެކަމަށް.” އަބްދުއްރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލައާ ގުޅިގެން ބައެއް ގޭގޭގައި ބޭނުންކުރާ އިލެކްޓްރިކް ސާމާނަށް ގެންލުން ލިބޭ ކަމަށާ، އެކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާވެސް މިމައްސަލައިގައި އެބައޮތްކަމަށެވެ. އަބްދުއްރަޝީދު ވިދާޅުވީ މިވަގުތަށް 150 ކިލޯވޮޓަށްވުރެ ކުޑަނޫން ޖަނަރޭޓަރެއް ހޯދަންޖެހޭ ކަމަށާ، އެހެންނޫނީ މިހާރުހުރި ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކަރަންޓް ދިނުމަކީ ދަތިކަމަކަށްވާނޭ ކަމަށެވެ.
1300 އަށްވުރެ ބޮޑުއާބާދީއެއްއޮތް ހިތާދޫ ރައްޔިތުންނަށް ކަރަންޓް ދޫކުރާ ފެނަކަ ހިތާދޫ އިންޖީނުގޭގައި މިވަގުތު ބޭނުންކުރަނީ 100 ކިލޯ އަދި 104 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. ރައްޔިތުންގެ ނަމުގައި މީގެ ފަނަރަވަރަކަށް އަހަރުކުރިން ހިންގަންފެށި ހިތާދޫ އިންޖީނުގެ 2009 ވަނައަހަރު ނޮދަން ޔުޓިލިޓީޒް ކުންފުންޏާ ހަވާލުވުމަށްފަހު، މިހާރު އެތަން ހިންގަމުންއަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.