ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު އަތޮޅުތެރޭގެ ސްކޫލްތަކުގެ ލަވަމުބާރާތުގެ ރަންވަނަތައް ހޯދަމުން އައި ބ. އަތޮޅު މަދްރަސާގެ ހަނދާންތައް މިހާރުގެ ގިނަ ޒުވާނުންގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައި ހުންނާނެކަން ޔަގީނެވެ.
އޭގެތެރެއިންވެސް ގިނަ ބައެއްގެ ހިތްތަކާ ކުޅެލި ބ. ދަރަވަންދޫ ފާތިމަތު ޒީނާގެ އަޑަކީ ”ހިތުން ފިލުވޭކަށެއް ދެންނެތޭ ތިޔަކަމެއް” ބުނެލެވޭވަރުގެ ޖާދުވީ އަދި ޝާއިރީ އަޑެކެވެ. ހަމައެހެންމެ ޒަމާންތައް ބަދަލުވަމުން އަޔަސް އަދިވެސް ބަދަލެއް ނާންނަ އެ ރީތި އަޑު އަހާލަން ގިނަ ބަޔަކު ބޭނުންވާ އަޑެކެވެ.
މިހާރު ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުނޫޝާމެންފަދަ ލަވަކިއުންތެރިން މާލޭގެ ސްކޫލްތަކުގެ ސްޓޭޖްތަކުގައި ރަނިކަންކުރިއިރު، އަޅުގަނޑުމެންގެ ޒީނާގެ އަޑު ވެގެންދިޔައީ ބ. އަތޮޅުގެ ރަށަކުން އުފަންވެގެން އެއަޑު ގެ ރީތިކަން މުޅި ދިވެހި ޖައްވުގައި ގުގުމާލި އެންމެ ރީތި އެއް އަޑަށެވެ.
ސްކޫލް ލަވަމުބާރާތުގައި މުޅިރާއްޖެއިން އެއްވަނަ ހޯދުމަށްފަހު ޒީނާގެ މިރީތިއަޑު މިއުޒިކީ ދާއިރާގައި ހަތަރުފަސް އަހަރަކު ވަރަށް ބާރަށް ފެތުރިގެންދިޔައެވެ. އެކަމަކު އޭގެ ފަހުން ޒީނާއަޑު އެއްކޮށް ކެނޑުނީ ހެއްޔެވެ. ޒީނާ ކޮބާހެއްޔެވެ؟
މިހަފްތާގެ ފަސްމިނެޓް މިސެގްމަންޓްގައި މިހިމަނާލަނާލަނީ މިހާރު ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ދަރަވަންދޫ / ތަރަހަ ފާތިމަތު ޒީނާގެ އިންޓަވިއުއެކެވެ.
އީވީ: ދެހާހުގެ ކުރީކޮޅު ޒީނާ ބ. އަތޮޅުގެ ސްޓޭޖްތަކުގައި ރަނިކަން ކުރުމަށްފަހު ކުއްލިޔަކަށް ގެއްލުނީ ކީއްވެ. މިހާރު ލަވަކިޔަންތަ؟
ޒީނާ: އަޅުގަނޑެއް ނުގެއްލޭ. ތެދެއް ތިބުނީ ލަވައާ ވަރަށް ދުރުގައި ހަގީގަތުގައި ދުވަސްގަނޑަކު އުޅެވިއްޖެ. 97 ވަނަ އަހަރުން ފެށިގެން ދެހާސް ހައެއް ހިސާބަށް ވަރަށް ގިނަ ޕާފޯމެންސް ދެވުނު ބ. އަތޮޅާ، ހާއްސަކޮށް ރ އަތޮޅުގެ ރަށްރަށުގައި. އެއީ ދަރަވަންދޫ ފަނާރު ބޭންޑާއެކު. ވަރަށް ގިނަ ބަޔެއްގެ ތަރުހީބުވެސް ލިބުނު އޭރު. އެހެންނަމަވެސް ދިރިއުޅުމެއް ފަށައިގެން ކުދިން ލިބުނު ހިސާބުން މާބޮޑަށް ބިޒީވެގެން ލަވަކިއުން މުޅިންކަހަލަ ގޮތަކަށް ހުއްޓުނު. އެހެންނަމަވެސް މިހާރުވެސް ރަށުގައި ބައެއްފަހަރަށް ލަވަކިޔަން.

ފާތިމަތު ޒީނާ. ޒީނާއަކީ ނުވަދިހައިގެ ފަހުކޮޅު އަތޮޅު ސްކޫލްތަކުގެ ލަވަމުބާރާތުގެ އެއްވަނަ ދެފަހަރު ހޯދި ފަންނާނެއް / ފޮޓޯ: ޒީނާ ފޭސްބުކް
އީވީ: އަތޮޅު ސްކޫލްތަކުގެ މުބާރާތްތަކުގައި ޒީނާއަކީ އޭރު އުނޫޝާއާ ވަރަށްބޮޑަށް ފައިޓްކުރި ފަންނާނެއް. ކިހާވަރެއްގެ ކާމިޔާބެއް އޭރު މުބާރާތްތަކުން ލިބުނު؟
ޒީނާ: ތެދެއް ތިބުނީ. އުނޫޝާމެން އެންމެ ހިޓްވިދުވަސްވަރު އެއީ. އެކަމަކުވެސް 1997 އަދި 1999 ގައި އަޅުގަނޑަށް މުޅިމުބާރާތުން އެއްވަނަ ލިބި ގިނަބަޔަކަށް ހައިރާންކަމެއް ލިބިގެން ދިޔައީ. 1998ގައި ހީވަނީ ދެވަނަހެން ލިބުނީ. އެހާވެސް ކޮންޕެޓެޓިވް އޭރު.
އީވީ: ލަވަކިއުމުގެ ދާއިރާއިން ނުފެނުނު ނަމަ ދެން އެންމެބޮޑަށް ޒީނާ ފާހަގަކުރެވުނީހީ ކޮން ދާއިރާއަކުން؟
ޒީނާ: ވަރަށް ގަދައަށް ނެޓްބޯޅަ ކުޅެއް އޭރު، މިހާރުވެސް، ވޮލީ ވެސް ކޮންމެވެސް ވަރަކަށް ކުޅެން. ހީވަނީ މިކުޅިވަރުތަކުންހެން ދެން ފާހަގަވީހީ
އީވީ: އަމިއްލަ ދިރިއުޅުން ކިހިނެއް؟ ކިތައް ކުދިން އެބަތިބި؟
ޒީނާ: ވަރަށް އުފާވެރި. 2001 ގައި މެރީކުރީ. މިހާރު އެބަތިބި 2 ކުދިންވެސް 1 އަންހެން އަދި 1 ފިރިހެން. އަނެއްކާ އަމިއްލަ ގެދޮރުވެސް އިރާދަކުރެއްވިއްޔާ އަޅައިގެން ވަރަށް އަވަހަށް ގެއަށް ބަދަލުވާނަން.
އީވީ: ޒީނާގެ އަޑު އަހާލަންބޭނުންވާ މީހުންނަށް އުފާވެރި މެސެޖެއް އެބައޮތްތަ؟
ޒީނާ: ލަވަ ކިޔާހިއްވޭ ވަރަށް ބޮޑަށް އަދިވެސް. ހިތައްއަރާ އެބަ ފަނާރު ބޭންޑާއެކު އަނެއްކާވެސް ނުކުންނަންވީއޭ. ލަވަ ރެކޯޑް ކުރުމަށްވެސް ވިސްނުން އެބަހުރި. ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ޒީނާގެ އަޑު ވަރަށް އަވަހަށް އަތޮޅުގައި ބާއްވާ ޝޯތަކުން ފެންނާނޭ. އުއްމީދު ކަނޑާނުލާށޭ.