ރަށުކައުންސިލް… ރައްޔިތުންގެ ހޮވުން ރަނގަޅުބާ؟

cauncil.jpg

ރައްޔިތުންގެ ހޮވުމާ ހަމައަށް ދިއުމުގެ ކުރިން ،މި ފަހަރުގެ ކައުންސިލަށް އޭދަފުށި ކަހަލަ ތައުލީމީ އަދި ހޭލުންތެރި ރަށަކަށް ތަޖްރިބާހުރި ޢިލްމީ މީހުން ކުރިމަތިލާފައި ނުވާކަން ހިތާމާއާއެކު ފާހަގަ ކުރަމެވެ. ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށާއި ރައްޔިތުންނަށް ބޭނުންވާ އެންމެ ކުޑަމިނުން އަސާސީ ޚިދުމަތްތައް ރާވާ ހިންގުމުގައި ޢިލްމާއި އެއްވަރަށް ތަޖްރިބާ އަކީ ވެސް މުހިންމު ކަމެއްކަން އެންމެންނަށް ވެސް އެގި ތިބެމެ މިކަމަށް އިސްނަގާނެ ބަޔަކު ނުވަތަ ކައުންސިލަށް މިފަދަ ބަޔަކު ކުރިމަތި ނުލުމަކީ އެބައިމީހުންގެ ފަރުދީ އަދި ގައުމީ ވާޖިބު އަދާކުރުމަށް ފަސްޖެހުނީ ކަމުގައި ބެލެވިދާނެ އެވެ. މިއީ އާ ކައުންސިލަށް ރައްދު ކުރެވޭ ކުޑައިމިސް ބަހެއްކަމުގައި ނުބެއްލެވުން އެދެމެވެ.

މުޅި ކައުންސިލަށް ބަލައިލާއިރު ރައްޔިތުންގެ ނިންމުން އެއީ ރަށަށް އެންމެ ފައިދާ ހުރި ނިންމުންކަމަށް ގަބޫލެއް ނުކުރެވެއެވެ. ފުރަތަމަ ސަބަބަކީ ކައުންސިލް އަދާ ކުރަން ޖެހޭ ވާޖިބާއި ޒިންމާ އަށް ވުރެ ބޮޑަށް ޢާއިލާ އަށް ނުވަތަ ކުލައަށް ބެލިފައި އޮތުމެވެ. ދެވަނަ ސަބަބަކީ މަސްއޫލިއްޔަތަށްވުރެ ބޮޑަށް ސީދާ މީހާ އަށް އަމާޒު ވުމެވެ.

މިފަހަރުގެ ކައުންސިލަށް ބަލައިލަމާ ހިނގާށެވެ. ޓީމްގައި މުޅިންހެން ހިމެނެނީ ޒުވާނުންނެވެ. ޢަލީ ވަޙީދު އާއި މުޙައްމަދު ރިޟާ އަށް ކައުންސިލުން ޖާގަ ލިބުނުކަމީ ރައްޔިތުންގެ ނަސީބެވެ. ތަޖްރިބާ ހުރި ދެމީހުންނަކީ އެއީ ކަމަށްވާތީއެވެ. ޚާއްޞަކޮށް ޢަލީ ވަޙީދުގެ ތަޖްރިބާ އާއި އޭނާގެ ލީޑަރޝިޕްގެ ވަރުގަދަ ކަމާއި މުޅި ރައްޔިތުންނަށް ނުބަލައި ތިމާމެންނަށް ފައިދާވާގޮތަށް ހުރިހާ ކަމެއްކޮށްނުދިނީތީވެ، ކޮންމެވެސް ބަޔަކު ތުންފިއްތައިގެންތިބިކަން ވޯޓުގެ ނަތީޖާ އިން އެގުނެވެ. އެވާހަކަ ދެންދައްކާނެ ކަމެއް ނެތެވެ. އެހެން ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިހިގާ ދައުރުގައި ޢަލީ ވަޙީދު ކައުންސިލްގެ ރައީސްކަން އަދާ ކޮށްފައިވަނީ ޝުކުރުވެރިވުން ޙައްޤު ގޮތުގައިކަމެވެ. މަދު ބަޔަކު އިންސާފުން ބޭރުން އަލީ ވަޙީދު އަށް އިގިލި ދިއްކުރިކަމުގައި ވިޔަސް ޙަޤީޤަތަށް ބަލާއިރު ޢަލީ ވަހީދު ކައުންސިލްގެ ރައީސްގެ ގޮނޑީގައި އިދެގެން އަމަލު ކޮށްފައިވަނީ އިންސާފުން އެތެރޭގައި ކަން ގަބޫލު ކުރަން ޖެހެއެވެ. ދެން ތިއްބެވީ ވަރަށް ޒުވާން ތަޖްރިބާއެއްނެތް އެކަމަކު ޢިލްމީ ކުދިންކޮޅެކެވެ.

އާކައުންސިލްގައި ހިމެނޭ ޒުވާންކުދިންކޮޅާއެކު އަލީ ވަހީދު އާއި ރިޟާއަށް ކުރިއާޚިލާފަށް ކުރިމަތިކުރުވާނީ ފަހި އެކަމަކު ޗެލެންޖިންގ ދުވަސް ވަރަކާއެވެ. އަވަށް ތަކުގެ މެދުގައި ޚިޔާލުތަފާތުވެފައިހުރި ކަންތައްތަކާއި ރައްޔިތުން ގާތު ތާރީޚް ކަނޑައަޅާފައި ކޮށްދޭން ބުނެފައި ހުރި ކަންތައްތައް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅުއްވާށެވެ. ކައުންސިލްގެ ރައީސަކަށް ކޮންމެ މީހަކު އަޔަސް އެ މީހަކީ މި ޒުވާން ކައުންސިލް ގޮވައިގެން އުޅެވޭވަރުގެ ،ޤާބިލް މީހަކަށް ވާން ޖެހޭނެ އެވެ. އެހެން ނޫންނަމަ ކައުންސިލްގެ މިސްރާބު އެގެއްލުނީ އެވެ. ދާންވި ދިމާއެއް ނޭގި ދަތުރު އޮޅުނީ އެވެ. މިހެން ވާކަށް ރައްޔިތުން ނޭދޭނެ އެވެ.

އަލަށް ހޮވުނު ކައުންސިލަރުންނަށް ވަރަށް އިޚްލާޞްތެރި ކަމާއެކު ދަންނަވާލަން ބޭނުން ވަނީ ،ރައްޔިތުން ތިޔަބޭފުޅުން އިންތިޚާބު ކޮށްފައި ތިޔަވަނީ ރީތިކޮށް ޑްރެސް ކުރައްވައިގެން އޮފީހުގެފިނި ކޮޓަރީގައި ތިއްބަވާކަށް ނޫނެވެ. ނުވަތަ ލިބެން އޮތް އެންމެ ގިނަ އަދަދަކަށް ޗުއްޓީ އާއި ސަލާމުގައި ތިއްބަވާކަށް ނޫނެވެ. ނުވަތަ ރަސްމީ ގަޑީގައި ހޮޓާ ތަކުގައާއި އޮފީހުން ބޭރުގައި ވަގުތުތައް ބޭކާރުގޮތުގައި ހޭދަ ކުރާކަށްވެސް ނޫނެވެ. އަދިވެސް އެއްފަހަރު ހަނދާން ކުރައްވާށެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ކައުންސިލަރެއްގެ މަގާމު ދީފައި ތިޔަވަނީ ޒިންމާތަކަކާއެކު ކަންތައްތަކެއް ކުރަން ހަވާލު ކޮށްފައެވެ. ރަށަށް ބޭނުންވާ ކަންތައް ބައިވަރެވެ. ކޮށްދޭންބުނެ ނުކޮށްދެވިހުރި ކަންތައްވެސް ބައިވަރެވެ.އެކަންތައްތައް ކޮށްދެއްވާށެވެ. އިޖްތިމާއި ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ފަރުވާ ކުރައްވައިގެން ރަނގަޅު ކުރައްވާށެވެ. މިކަންތައްކުރެވޭނީ ޕާރޓީ އަށް ވުރެ ބޮޑަށް ރައްޔިތުންނަށް އިސްކަން ދެއްވައިގެންނެވެ. ރަށުގައިހުރި އަވަށް ތަކާއި މީހުންގެ މޫނަށް ނުބައްލަވައި ސީދާ މައްސަލަ އަށް ފޯކަސް ކުރައްވައިގެންނެވެ. މިއީ ވަކި ބައެއްގެ ރަށެއް ނޫނެވެ. އަހަރުމެން އެންމެންގެ ރަށެވެ. އެންމެންގެ ލޯބިވާ އޭދަފުށްޓެވެ. އެކަން ހަމަ ހުރިހާ ކައުންސިލަރުން ވެސް ދަނެގެން މަސައްކަތް ކުރައްވައިފިނަމަ އެދެވެނީ ރަނގަޅު ގޮތުގައި ދާންވީ ގޮތުގައި ސީދާ ކުރިއަށެވެ. އެހެންނޫންނަމަ އަނެއްކާވެސް އޭދަފުށީގެ ކުރިއެރުން އެދިޔައީއިތުރު 3 އަހަރަށް ފަހަތަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު