ބ.ދިދުފަރު ފަޅަށް ސަފާރީއެއް އުރިއްޖެއެވެ.
މިޚަބަރާ ބެހޭ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ “ސޮލެއިލް ” ނަމަކަށް ކިޔާ ސަފާރީއެއް ފަރަށް އަރައިގެން އުޅޭ ހާދިސާ ރިޕޯޓުކޮށްފައިވަނީ ފަތިހު 5:11 ހާއިރު ކަމަށާއި އެ ހާދިސާ ހިނގި އިރު ސަފާރީގައި ތިބީ އަށް ފަތުރުވެރިންނާއި އަށް ފަޅުވެރިން ކަމުގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާއިރު ސަފާރީގެ ވެރިފަރާތުން މިހާރުވަނީ އެ އުޅަނދުގައި ތިބި ފަތުރުވެރިން ،ކައިރީގައި އޮތް ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.
ކޯސްޓުގާޑުންނާއި ޑައިވަރުންގެ މިހާރު ދަނީ އެ ސަރަހައްދަށް ގޮސް ސަފާރީ ފުންކުރުމުގައި އެހީތެރިވަމުންނެވެ.
ފަރަށް އުރުމާއި ގުޅިގެން ސަފާރީ ދިޔަވަމުންދާތީ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން ސަފާރީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ތަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.