ސަރުކާރުގެ ވިޔަފާރި ކުންފުނި ، ސްޓޭޓް ޓްރޭޑިންގެ އޯގަނައިޒޭޝަނުން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ.
ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެކުންފުނިންވެސް ތެލުގެ އަގު ބޮޑު ކުރަން ނިންމާފައިވާ ކަމުގައެވެ. އެގޮތުން މިއަދުން ފެށިގެން ޑީސެލް ލީޓަރަކުން 0.53 ލާރި އަގު ބޮޑުވާނެ ކަމަށާއި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑު ވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ތެލުގެ އަގު ބޮޑުވުމާއެކު އެސްޓީއޯއިން ޑީސެލް ލީޓަރެއް ދެން ވިއްކާނީ 9.17 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.52 ރުފިޔާއަށެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އެފަހަރު ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ބޮޑުކުރި އެވެ.
މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި އެވެ. އޭރު ތެލުގެ އަގު ހެޔޮކުރީ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމާ ގުޅިގެން ނެވެ. އެފަހަރު އެކުންފުނިން ވަނީ، ޑީސަލް ލީޓަރަކުން 51 ލާރި، އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފައެވެ.
ޖުލައި މަހު ތެލުގެ އަގަށް ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވެސް އަދި ޕެޓްރޯލް ލީޓަރެއް ވެސް ވިއްކަމުން ދިޔައީ 8.95 ރުފިޔާ އަށެވެ.