ޝައިޚް މަޖީދުގެ ދަރެސް : ޢާޝޫރާ ރޯދައިގެ މާތްކަން

what-is-ramadan-about-1-1.jpg

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީނަންގަވާފައެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅުތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

ޢާޝޫރާ ރޯދައަކީ، ނުވަތަ މުޙައްރަމްމަހުގެ 10 ވަނަ ދުވަހުގެ ރޯދައަކީ، މުސްލިމުން ހިފުން ސުންނަތް ވެގެންވާ، ރޯދަތަކުގެ ތެރެއިން އެއްރޯދައެވެ. މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ހިފުން ސުންނަތްވެގެންވާ، ޢާޝޫރާ ރޯދައަކީ، ޙަޤީޤަތުގައި، މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވިބޭކަލުން، ފިރްޢަޥްނުގެ އަނިޔާވެރިކަމުން، ސަލާމަތްކުރެއްވުމާ ގުޅިގެން އެކަމުގެ އުފަލުގައި ﷲށް ޝުކުރުވެރިވުމުގެގޮތުން، ރޯދަހިފަން ފެށުނު ދުވަހެކެވެ. މި، ޢާޝޫރާ (މުޙައްރަމް މަހުގެ 10 ވަނަ ދުވަހުގެ) ރޯދައާ ބެހޭގޮތުން ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، “މޫސާގެފާނަށްޓަކައި ތިޔަބައިމީހުންނަށްވުރެ، އެކަންކުރުން ޙަައްޤުކަން ބޮޑީ، ތިމަންކަލޭގެފާނެވެ. މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނު ރޯދަ ހިއްޕަވައި، މީސްތަކުންނަށް ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.”

ޢާޝޫރާރޯދަ (މުޙައްރަމް މަހުގެ 10ވަނަ ދުވަހުގެ ރޯދަ) ހިފުމުގައި ޔަހޫދީންނާ ތަފާތުވުމުގެގޮތުން، މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު، ރޯދަހިފުން އިތުރުވެގެންވެއެވެ. ނުވަތަ 10 ވަނަ ދުވަހާއެކު 11 ވަނަ ދުވަހު ރޯދަހިފުން މޮޅުއިތުރުވެގެންވެއެވެ. ނަމަވެސް ހަމައެކަނި 10 ވަނަދުވަހު ރޯދަހިފުމަކީ، މިކަމުގެ އެންމެ ލުއިގޮތެވެ. މިވަރުން ސުންނަތް ޙާޞިލުވާނެއެވެ. އަޅުކަންތައް ކުރުމުގައި އެންމެ ފުރިހަމަ ގޮތަށް ކުރުމަށް ކުޅަދާނަ ނުވިނަމަ އެކަން ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ﷲ ގެ ދަރުމައާއި ޘަވާބަށްއެދި، ކުރެވެން އޮތް ލުއިގޮތަކަށް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އޭރުން އެއަޅުކަމުގެ ދަރުމައާއި ޘަވާބު މާތްﷲ މިންވަރުކުރައްވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ.

ޢާޝޫރާ ރޯދައިގެ މާތްކަމާއި މަތިވެރިކަންހާމަކުރައްވަމުން ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، “ޢާޝޫރާދުވަހުގައި ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް ﷲ ސުބްޙާނަހޫވަތަޢާލާގެ ޙަޟްރަތުން ފުއްސަވާދެއްވާނެ ކަމެއްކަމުގައިވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

އަޅަމެންނީ، ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށީ. އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top