އޭދަފުށީގައި ލ،ނ ފަދަ އަކުރުތަކުން މީހުންނަށް ނަން ދީފައިވަނީ ކީއްވެ؟

Laamu.jpg

ކ-ވ. މުހައްމަދު ވަހީދު (ތާ، ފަހުން ޓީ) މުހައްމަދު ވަހީދު (ލާމު) ަދި މުހައްމަދު ވަހީދު (އަލިފު) / ފޮޓޯތައް : އީވީ

މީސްމީހުންނަށް ކިޔާ ނަންނަމުގެ ބަދަލުނަމުގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރެވެނީ މަނިކު، ފުޅު ، ފާނު، ދީދި ފަދަ ނަން ނަމެވެ. ދެން ހުންނަނީ ވަނަމެވެ. އެކަމަކު މިގޮތާ ޚިލާފަށް އޭދަފުށީގައި ބަދަލު ނަމުގެ ގޮތުގައި ތާނައިގެ އަކުރެއް ބޭނުންކޮށްފައިވާތީ އެއީ ޖަވާބު ލިބެންޖެހޭ ސުވާލެކެވެ. މި ގޮތުން ނ. ސ، ލ ފަދަ އަކުރުތައް ބަދަލުނަމުގެ ގޮތުގައި ބޭނުން ކުރީ ކީއްވެގެން ބާއެވެ.

70 ގެ އަހަރުތަކުގައި އޭދަފުށީ ބަހިއްޔާ ސްކޫލްގައި ވަހީދު ކިޔާ ކުދިންނާއި ރަޝީދު ކިޔާ ކުދިން ގިނަ ވުމަކީ މިކަމުގެ ފެށުމެވެ. އެއް ކްލާހެއްގައި ވަހީދު ކިޔާ ހަތަރު ފަސް ކުދިން އުޅުމަކީ އެކްލާހަކަށް ކިޔަވައި ދެއްވާ މުދައްރިސަށް ވެސް އުނދަގޫ ތަކަކާ ކުރިމަތި ލާން ޖެހުނު ކަމެކެވެ. ކޮން ވަހީދެއްކަން ދެނެގަތުމަށް ދަރިވަރުންނަށް ވެސް ބައެއް ފަހަރު އޮންނަނީ ނޭގިފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭރު ބަހިއްޔާގެ ނާޒިރަކަށް ހުންނެވި ގ.ސޯސަނީ މަރްހޫމް މުހައްމަދު ލުތުފީ ނިންމެވީ ވަޙީދު ކިޔާ ކުދިންގެ ނަމުގެ ފަހަތަށް އެކުއްޖެއްގެ ގޭގެ ނަމުގެ ފެށޭ އަކުރު ބޭނުންކުރުމަށެވެ. މިސާލަކަށް މުހައްމަދު ވަހީދު- ލުބޯގަސްދޮށުގެ އަށް މުހައްމަދު ވަހީދު ލ ގެ ނަމުން މުޚާތަބު ކުރުމަށެވެ. އެކަމަކު ކޮންމެ ފަހަރަކު މުހައްމަދު ވަހީދު ލ ކިޔާފައި ގޮވުމަކީ އެހާ ފަސޭހަ ގޮތަކަށް ނުވާތީ ސްކޫލް ކުދިން ބޭނުންކުރީ ހަމައެކަނި ލ ގެ ނަމެވެ. މުހައްމަދު ވަހީދު ނޫރަލީވިލާ އަށް ނ. ގެ ނަމެވެ. މުހައްމަދު ވަހީދު އަތިރީގެ އަށް އ. ގެ ނަމެވެ.

“އަޅުގަނޑުމެންގެ ކްލާހުގައި އެކަނިވެސް އެއް ފަހަރާ ހަތަރު ވަހީދު އުޅުނު. އެހެންވީމާ ކޮންވަހީދެއް ކަން އައިޑެންޓިފައި ކޮށްދޭން އޮތީ ވަރަށް އުދަނގޫ ވެފައި. އެހެންވެ އުސްތާޒު ލުތުފީ އެޅުއްވި ފިޔަވަޅެއް އެއީ.” ލާމު ސާފު ކޮށްދެއްވިއެވެ.

ވަހީދު ކިޔާ ބައެއް ކުދިންނަށް އަކުރުގެ ބަދަލުގައި ގޭގެ ނަންވެސް ހަރުލިއެވެ. މުހައްމަދު ވަހީދު ދިގަލި އަށް ދާލު ކިއުމުގެ ބަދަލުގައި ބޭނުން ކުރެވުނީ “ދިގަލި” އެވެ. މުހައްމަދު ވަހީދު ފިޔާދާގެ ނަމަށްވެސް ފާފުގެ ބަދަލުގައި ބޭނުންކުރެވުނީ ފިޔާދާއެވެ. ނަމަވެސް މުހައްމަދު ވަހީދު ތަނޑިރަތްމާގެ އަށް ވަހީދު ތާ ނުވަތަ ވަހީދު ތާ ގެނަން ބޭނުން ކުރެވުނީ ކުޑަދުވަސްކޮޅަކުއެވެ. ބަހިއްޔާއަށް އިނގިރޭސި ޓީޗަރަކަށް އައި ސްރީލަންކާގެ ރާޖާއަށް މިނަން ކިޔަން އެހާ ފަސޭހައެއް ނުވިއެވެ. އޭނާ ތާ އިނގިރޭސި ކޮށްލާފައި ޓީ ބޭނުންކޮށްގެން ވަހީއްޓީގެ ނަން އުފެއްދިއެވެ. މިއަދުވެސް ބޭނުންކުރެވެނީ އެގޮތަށެވެ.

ރަޝީދު ކިޔާ ކުދިންގެ ނަންވެސް ހަމަ މިގޮތަށް ބަދަލު ކުރެވުނެވެ. އެއްގެއެއްގައި ދެ ރަޝީދު އުޅޭކަމަށްވާނަމަ ނަންކިޔާފައިހުންނާނީ އުމުރާ ގުޅުވައިގެންނެވެ. އެއީ ގުލްބަކާގެ ކަމަށްވާނަމަ ދޮށީ ރަޝީދުއަށް ބޮޑުގާފު އަދި ހަގު ރަޝީދުއަށް ކުޑަގާފުގެ ގޮތަށެވެ.

މި ގޮތަށް އަކުރުތަކުން ނަން ދީފައި ތިބި ކުދިން ސްކޫލް ދައުރު ނިމި އަމިއްލަ ދިރިއުޅުން ފަށައި ދަރިންނާއި ކާފަ ދަރިން ލިބުނު އިރުވެސް އޭދަފުށީ މީހުން މިއަދުވެސް އެމީހުންނަށް މުޚާތަބުކުރާނީ ކޮންމެވެސް އަކުރަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top