ޖަރުމަނު ލީގު ކާމިޔާބު ކުރުމުގެ އުފާފާޅު ކުރަމުން ދަނިކޮށް، ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ އަތުން ލީގުގެ ޗެމްޕިއަން ޝީލްޑް ވެއްޓިއްޖެ އެވެ.
ނަމަވެސް ޖުމުލަ 90 ޕޮއިންޓާއެކު ބަޔާން ދިފާއުކުރި ޝީލްޑަށް އެއްވެސް ގެއްލުމެއްނުވެ އެވެ. ބާސެލޯނާގެ ކުރީގެ ކޯޗު ގާޑިއޯލާ އަތުން ޝީލްޑް ވެއްޓުނީ އުފާފާޅުކުރަމުން ދަނިކޮށް، ކުޅުންތެރިން އޭނާގެ ގަޔަށް ޝެމްޕޭން ޖަހައި އޭނާ ތެންމާލާފައިވަނިކޮށެވެ. މީޑިޔާތަކުން ސިފަކުރާ ގޮތުގައި ބަޔާންގެ 70000 ސަޕޯޓަރުންގެ ކުރިމަތީގައި ގާޑިއޯލާގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަމުންދިޔައިރު ފެނިގެންދިޔައީ މީގެ ކުރިން އެއްވެސް ކުލަބެއްގައި އޭނާގެ ފަރާތުން ނުފެންނަ ފަދަ ހަރަކާތްތެރި މަންޒަރުތަކެއް ކަމަށެވެެ. ގާޑިއޯލާއަކީ އާއްމުކޮށް ވަރަށް މަޑުމަޑުން ހުންނަ ކޯޗެކެވެ.
ޖަރުމަނު ލީގުގެ ފަހު މެޗު ރޭ ބަޔާން ކާމިޔާބުކުރީ ސުޓުޓްގާޓާ ވާދަކޮށް 1-0އިންނެވެ. ލަނޑު ޖެހީ ކްލައުޑިިއޯ ޕިޒާރޯ އެވެ.
ލީގުގައި ބަޔާންގެ ފަހަތުން ދެ ވަނަ ލިބުނީ ބޮރޫޝިޔާ ޑޯޓްމުންޑަށެވެ. އެ ޓީމަށް 71 ޕޮއިންޓް ލިބިފައިވާއިރު 64 ޕޮއިންޓާއެކު ތިން ވަނަ ލިބުނީ ޝާލްކޭ އަށެވެ. ހަތަރު ވަނަ ހޯދީ 61 ޕޮއިންޓާއެކު ބަޔާން ލެވަކޫސަން އެވެ.
ގާޑިއޯލާ ބަޔާން އަށް ލީގު ކާމިޔާބުކޮށްދިން ނަމަވެސް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކުރަން ނުކުމެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބޮޑު ތަފާތަކުން ބަލިވުމުން އޭނާ އަށް ކުލަބުގެ އެތެރެއާއި ބޭރުން ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.