ޑރ.ޝާން އޭދަފުށީ މެޑިކަލް ސެންޓަރގައި ބަލި މީހުން ބައްލަވަމުން އެބަ ގެންދަވައެވެ. މިއީ އާ ޚަބަރެއް ނޫނެވެ. އޭނާއަށް ދެއްކުމަށް އޭދަފުށީގެ އިތުރުން އަތޮޅުގެ ރަށްރަށުންނާއި ދުރު އަތޮޅު ތަކުންވެސް އެޕޮއިންޓްމެންޓް ހެއްދުމަށް އެސެންޓަރުގެ ފޯނު ބިޒީވެ އެކަމަށް ކިއު އެއް ވެސް އުފެދެއެވެ. މިއީވެސް އާކަމެއް ނޫނެވެ. ޑިމާންޑް ބޮޑުވީމާ ވާގޮތެވެ. އާކަމަކީ ޑރ.ޝާން އޭދަފުށްޓާ އެހާ ގާތްވީ ގޮތެވެ. ދުވަސްދުވަސްކޮޅުން އޭދަފުށްޓަށް ޒިޔާރަތްކޮށް އޭދަފުށީގައި ބަލި މީހުން ބެއްލެވުމެވެ. އޭދަފުށްޓަށް ޚާއްސަ ކުލުނެއް ނެތްނަމަ މިގޮތަށް ޒިޔާރަތްކުރާނެހެން ހަމަ ހީނުވަނީއެވެ. މީގެ އިތުރުން އާއިލާ އާއެކު ޗުއްޓީ ހޭދަކުރެއްވުމަށްވެސް ޑރ.ޝާން މިފަހަކަށް އައިސް އޭދަފުށި ޚިޔާރު ކުރެއްވުމީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ޖަވާބު ބޭނުންވެފައިވާ ސުވާލެކެވެ.
ޖަވާބު ނުލިބުނު ނަމަވެސް ޑރ.ޝާންގެ ޚިދުމަތް އަމިއްލަރަށުން ލިބޭތީ އޭދަފުށީ ރައްޔިތުން ޑރ. ޝާން ދެކެނީ ވަރަށް ޚާއްސަ މެހްމާނެއްގެ ގޮތުގައެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރ މާލެ ދޫކޮށްލައްވާފައި އޭދަފުށްޓަށް ވަޑައިގެން ބަލި މީހުން ބައްލަވާތީ އޭދަފުށީ ރައްޔިތުންތިބީ ވަރަށް ބޮޑަށް އުފާވެފައެވެ.
ދިވެހިރާއްޖެއަށް ޑރ ޝާން ތައާރަފް ވެފައިވަނީ ރާއްޖޭގެ އެންމެ މޮޅު ކަށީގެ ޑޮކްޓަރ ގެ ގޮތުގައެވެ. ކަށީގެ މޮޅު ޑރ.އަކަށް ވެގެން ރާއްޖެ ވަޑައިގަތީއްސުރެ އޭނާއަށް ދެއްކުމަށް އައިޖީއެމްއެޗްގައާއި އަމިއްލަފުޅު މާޔާ ކްލިނިކް ގެ ދިގު ކިއޫ އަބަދުވެސް ދެމަސް ނުވަތަ ތިން މަހާ ހަމައަށް ދަމާލެވިފައިވާ ސަބަބަކީ ޑޜ. އެރޮނގުން ކުރިއަރާފައިވާ މިންވަރު ވަރަށް ރަނގަޅަށް ފާޅުކޮށްދޭ ހަގީގަތެކެވެ.
އެ ކިއު އޮތްގޮތަށް ބާއްވާށެވެ. ޑރ.ޝާންއަށް ދެއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޑރ.އާ ހަމައަށް ދިއުމަކީ ދިގު ދަތުރަކާއެކު ޚަރަދުތަކެއްވެސް ކުރަންޖެހޭ އުނދަގޫކަމެކެވެ. އެކަމަކު މިކަމަށް ދެން މިނޫން ގޮތެއް ނޯންނާނެ ހެއްޔެވެ. މި ދަތުރު ކުރުވާނެ އެހެން ގޮތެއް ނެތް ހެއްޔެވެ؟ މި ސުވާލު ކުރަމުންދަނީ ކިތައް މީހުންކަން ލަފާކޮށްލުމަކީ ދަތި ކަމެކެވެ. އެކަމަކު ޔަގީންވާކަމަކީ އެއީ ކަށީގެ ބަލިތަކަށް ފަރުވާ ބޭނުންވާ ރާއްޖޭގެ އެތައް ސަތޭކަ މީހުންނެއް ނޫނަ ކަމާއި އެއަދަދު ގުނަންޖެހޭނީ ހާހުން ކަމެވެ…… އެންމެ ޑޮކްޓަރަކަށް ދެއްކުމަށް ހާސް މީހުންގެ ދިގު ކިޔުއެކެވެ.
އޭދަފުށީ މީހުންގެ ނަސީބު ރަނގަޅީއެވެ. ގައުމުގައި ހުރި އެންމެ ޑިމާންޑް ބޮޑު ޑޮކްޓަރ ،ހީވެސް ނުކުރާކަހަލަ އިއްތިފާގަކުން އިއްޔެވެސް ހުންނެވީ އޭދަފުށީގައެވެ. ޑޮކްޓަރަށް ދައްކަން ބޭނުންކޮންމެ މީހަކަށް ވަގުތާއި ހާލަތާ އެއްގޮތަށް އެފުރުސަތު އޭދަފުށީ މެޑިކަލް ސެންޓަރުން ފުރިހަމަކޮށްދެވޭތޯ ބަލައެވެ. އެކަމަކު ބޮޑު ސުވާލަކި އައްޑޫ ސިޓީއާއި ، އުތުރުން ކުޅުދުއްފުށި ކަހަލަ އާބާދީ ބޮޑެތި ރަށްރަށް ހުއްޓާ މި ޑޮކްޓަރ އޭދަފުށި ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ.
ތިންހާހެއްހައި މީހުން ދިރިއުޅޭ އޭދަފުށްޓަށް ފޯކަސް ކުރެއްވީ ކީއްވެގެންތޯއެވެ؟
“އެއީ މި މާހައުލު މާ ބޮޑަށް ގަޔާވާގޮތްވީ. މީހުންގެ ފްރެންޑްލީ ކަމާއި އަމިއްލަ ރަށް ވަންތަ ކަމުގެ އިހްސާސް ކުރެވޭތީ.” ޑރ ޝާންގެ ޖަވާބު ކުރުވެފައި ސާދާއެވެ.
ޑރ. ވިދާޅުވީ އެހެން ރަށްރަށަށްނުދެވޭ ޝައުގު ވެރިކަމެއް އޭދަފުށްޓަށް ދެވޭ އެހެންކަންތައް ތަކެއް ވެސް އެބަހުރި ކަމުގައެވެ.
އެކަންތައްވެސް ބާއްވާށެވެ. ޔަގީނުންވެސް އެނގޭ ކަމަކީ މާލީ ފައިދާއެއް ބޭނުންފުޅުވާނަމަ ޑރ. އޭދަފުށީގެ ބަދަލުގައި ޚިޔާރު ކުރައްވާނީ މިއަށްވުރެ އާބާދި ބޮޑެތި ރަށްރަށެވެ. އެހެންކަމަށް ވާނަމަ ޑރ. ޝާން އޭދަފުށްޓަށްމި ކުރައްވާ ޒިޔާރަތަކީ މާލީ ފައިދާ އެއް ހޯއްދެވުމުގެ ގޮތުން ކުރައްވާ ކަމެއް ނޫނެވެ.
“އަޅުގަނޑަށް ދެވިއްޖެ އައްޑުއަށްވެސް ފޯއްމުލަކަށް އަދި ކުޅުދުއްފުއްޓަށްވެސް. އޭދަފުށި މާކުރީގައޭ ދެންނެވޭނީ އުޅެނީ. އުމްރާނީ ގޮތުން ބެލިޔަސް. އަދި ހޭލުންެތެރިކަމުގެ ގޮތުން ބެލިޔަސް. ވަރަށް ފައްކާ ރަށެއް އަޅުގަނޑަށް މިއީދެން. އަނެއްކާ މުހައްމަދު ރަޝީދު (އޭދަފުށީ މެޑިކަލް ސެންޓަރުގެ ވެރިޔާ) ވެސް މާބޮޑަށް ހެޔޮވެފައި، ކަންކަން ކޮށްދޭލެއް ރަނގަޅުވީމަ އަންނަންޖެހެނީ”
ޑރ.ޝާން އަށް ޝުކުރު އަދާކުރަންޖެހޭ އަނެއް ކަަމަކީ އޭނާއަށް ދައްކަން އަންނަ ބަލި މީހުންނަށް ސިއްހީ އިރުޝާދުތައް ދެއްވުމެވެ. ސިއްހީ ނުރަނގަޅު އާދަތަކާ ދުރުވުމަށާއި ހަށި ހެޔޮކޮށް ތިބުމަށް ދެއްވާ އަގުހުރި ނަސޭހަތްތަކުގެ ސަބަބުން މިއަދުވަނީ މީހުން އާ ހޭލުން ތެރިކަމަކާއެކު އެކަމާމެދު ކުރިން ވިސްނި ގޮތް ބަދަލުކޮށްލުވާފައެވެ. މި ގޮތުން ޑރ .ޝާން އެންމެ ބޮޑަށް ބާރުއަޅުއްވާކަމަކީ ބަރުދަން ލުއި ކުރުމަށެވެ. އީވީ އާ ވާހަކަ ދައްކަވަމުން ޑރ.ޝާން ވިދާޅުވީ ކަށީގެ މައްސަލަތަކުގައި އޭނާއަށް ދައްކަން އަންނަ މީހުންގެ އެންމެ ބޮޑު މައްސަލައަކީ ބަރުދަން އިތުރުވުން ކަމުގައެވެ.
ބަރުދަން އިތުރުވާ އެންމެ މައިގަނޑު ސަބަބާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ.އިލްތިމާސް ކުރެއްވީ ވީހާވެސް މަދުން ހަކުރު ބޭނުންކުރެއްވުމެވެ.
“ދެންނެވޭނީ ތަރައްގީއާއެކު މިހުރިހާ ކަމެއް ވެސް ވާނެއޭ. މިސާލަކަށް މި ޒަމާނުގައި ކާއެއްޗެެތި ތައްޔާރު ކުރުމުގައިވެސް ފޮނި އެއްޗެތި ގިނަ. ޕާޓީ ތަކުގައިވެސް ގިނައިން ހުންނަނީ ފޮނި އެއްޗެތި. ”
ޑރ. ވިދާޅުވީ މީރު ކަމުން މިތަކެތި ކެއުމުން ނަތީޖާއަކަށް ވަނީ މީހާގެ ބަރުދަން ހުންނަންވާވަރަށް ވުރެ އިތުރުވެ އެކަމުގެ ޕްރެޝަރ ހުޅުހުޅަށްވެސް ކުރުމެވެ. ހަމަމިއާއެކު އެހެން ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެން ދިއުމެވެ.
“އެހެންވީމާ ފޮނި އެއްޗެތި ކެއުން މަދުކުރުމާއެކު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ހެލިފެލިވެ އުޅުމަކީ ވަރަށް ބޭނުންތެރިކަމެއް. ”
ޑރ.ގެ މި އިލްތިމާސަކީ އޭދަފުށި ކަހަލަ ހޭލުންތެރި މުޖްތަމައަކަށް އާވާހަކައެއް ނޫނެވެ. އަޑުއަހާ ބާވެފައިވާ ވާހަކައެކެވެ. އެހެންނަމަވެސް ނުރައްކަލެއްގެ ރަނގަބީލު އަޅާކަމަށް ވާނަމަ އެއަޑު އިވޭމީހާ އެހެންމީހުންނަށް އެކަމަށް ސަމާލުވުމަށް ހަނދާންކޮށްދިނުމަކީ ކުރަންޖެހޭނެކަމެކެވެ. ޑރ ޝާން އެކޮށްދެއްވަނީ އެކަން ތަކެވެ. އެކަމަށް ޝުކުރުވެރިވަމެވެ. މި އިރުޝާދާއެކު އޭދަފުށި އަލިވިލޭ ކޮންމެ ފަތިހަކަށް މަރްހަބާކިއުމަށްފަހު ފަތިހުގެ ރަންރިހި ދޯދިތަކާއެކު ރަށް ވަށައިގެން ހިނގާމީހުންނާއި ކަސްރަތު ކުރާމީހުންގެ ތެރޭގައި ޑރ.ގެ އިލްތިމާސް އަށް އާއެކޭ ބުނުމުގެ ގޮތުން ހިނގަން ނުވަތަ ޖޮގިން އަށް ދާމީހުންވެސް މަދެއް ނުވާނެއެވެ.