
އޭދަފުށީ މަގެއްގައި ބަހައްޓާފައިހުރި ނަރުދަމާ ޖަންގްޝަނަކށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އިންޖީނުގޭ މުވައްޒަފުން ކުރާއިރު ބަޔަކު އެތަނުގައި މަޑުކޮށްލައިގެން / އީވީ ފޮޓޯ: އަލީ އިމާދު
އޭދަފުށީގެ އާންމުންގެ ގޭގެއިން އަމަލުކުރަމުންދާގޮތުން، އޭދަފުށީގެ ނަރުދަމާގެ ނިޒާމަށް ބޮޑެތި މައްސަލަތައް ދިމާވަމުންދާކަމަށް އޭދަފުށީ އިންޖީނުގެއިން ހާމަކޮށްފިއެވެ.
އޭދަފުށީ އިންޖީނުގެއިން މިކަން ހާމަކުރީ މިދިޔަ ހަފްތާ ބުދަދުވަހު އޭދަފުށީ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން އެއިންޖީނުގޭގެ ސްޓޭޝަން މެނޭޖަރ އަހްމަދު އަންވަރެވެ. އަންވަރު ވިދާޅުވީ މައިޖަންގްޝަންތަކުގެ ޕަންޕްތައް މައްސަލަޖެހިގެން ބަލާއިރު ހީވެސްނުކުރާކަހަލަ ސާމާނު ޖަންގްޝަންތެރެއަށް އައިސްފައި ހުންނަކަމަށެވެ.
“މިދޭތެރެއަކުން ޕަންޕް މައްސަލައެއް ޖެހިގެން މައިޖަންގްޝަނެއް އަޅުގަނޑުމެން މަތިނަގައިގެން ބެލިއިރު ޕަންޕް ތެރޭގައި ތާށިވެފައިއޮތީ ހަތަރުފޫޓްގެ ތުވާއްޔެއް. ވާހަކައަކީ ޖަންގްޝަން ތެރެއިން މިކަހަލަ އެތައް އެއްޗެއް އެބަފެނޭ ފެންނަންނުޖެހޭ. މިހެންވީމާ ކިހިނެއްތޯ މިނިޒާމް ބަލަހައްޓާނީ. އަންވަރު ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ ބައެއްގޭގެ ދިޔަދޮވިތައް ނަރުދަމާއާ ގުޅާފައިވުމުގެ ސަބަބުންވެސް ބޮޑެތި މައްސަލަތައް ކުރިމަތިވަމުންދާކަމަށާ، އެފަރާތްތަކާމެދު އަމަލުކުރާނޭގޮތަކާމެދު ވިސްނަމުންގެންދާކަމަށެވެ. އަދި ޖަންގްޝަންތަކަށް ކުނި އަޅާ މައްސަލަ ހައްލުކުރުމަށް ކޮންމެގެއަކު ދާގަނޑު ޖަންގްޝަން ބެހެއްޓުމަށްވެސް ވިސްނަމުންދާކަމަށެވެ. އަންވަރު ވިދާޅުވީ ނަރުދަމާ ބޭނުންކުރުމާބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާކަމަށެވެ.
ޖާޕާންގެ ޖޭބިކް ލޯންއެހީގެ ދަށުން ގާއިމްކޮށްފައިވާ އޭދަފުށީގެ ނަރުދަމާގެ ނިޒާމްގެ ހިދްމަތް ދޭން ފަށާފައިވަނީ މީގެ 5 އަހަރުކުރިންނެވެ.