ގެއާއެކު މުޅި ދިރިއުޅުންވެސް އަނދައި އަޅިއަށް!

304656_3_3eca58469e494c0614a260b696c93a96ceae5c35_large.jpeg

ތުޅާދޫގައި ރޯވި ގޭގައި ހުރި ތަކެތި އަނދާފައި.

ބ.ތޅާދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ގެއާއެކު އެއާއިލާ އެއްކޮށްފައި ހުރި ހުރިހާ ފައިސާއެއްވެސް އަނދައި އަޅިއަށްވެގެން ދިޔަކަމަށް ތުޅާދޫން މައުލޫމާތު ދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރާ ކައިރި ވެފައިވަނިކޮށް އެ ރަށު ”ގުލްޝަނީހިޔާ“ ގައެވެ.

މި މައުލޫމާތު ރަނގަޅަށް އެނގިހުރި ތުޅާދޫގައި ދިރިއުޅޭ މީހަކު ބުނީ އެ ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުފަދަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައި ކަމަށާ އޭގެ އިތުރުން އެގޭގައި ދިރިއުޅުނު ދެމަފިރިން އެއްކޮށްފައި ހުރި ހުރިހާ ފައިސާ އެއްވެސް ގެއާއެކު އަނދައިގެން ގޮސްފައިވާ ކަމަށެވެ.

”މިގޭގައި ހުރި ތަކެތި އަނދައި އަޅިއަށްވި އިރު އެ ގޭގެ ދެމަފިރިން ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް ހުރީ އެނދުގެ ގޮދަޑި ދަށުގައި. އެއިން އެއްވެސް ފައިސާއެއް ސަލާމަތެއް ނުކުރެވުނު.  އަނދައިގެން ދިޔަ ފައިސާގެ އަދަދެއްވެސް އަދި ނޭނގޭ ކަމަށް އާއިލާއިންބުނޭ “ތުޅާދޫން ވާހަކަ ދެއްކި އެމީހާ ބުންޏެވެ.

އެގޭގައި ދިރިއުޅެނީ ދެމަފިރިޔަކާއި ކުޑަ ދެކުދިންނެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު ގޭގައި އެކަކުވެސް ނޫޅެއެވެ. ހާދިސާ އަށް ފަހު އެމީހުން ވަނީ އާއިލާ މީހެއްގެ ގެއަށް ބަދަލުވެފަ އެވެ. އެ އެގޭގެ ވެރިން ދިރިއުޅެނީ މާލޭގަ އެވެ.

މިހާތަނަށް ބެލިބެލުމުން އެނގެނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

އަލިފާން ނިއްވާލީ އެ ރަށުގެ ރައްޔިތުން ނުކުމެ ކުރި މަސައްކަތުންނެވެ. އަލިފާން ރޯވި ގޭގައި ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށް ޚަބަރު ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top