ބ. ގޮއިދޫން އަހްމަދު ރިޔާޒު
މިނިވަންދުވަހާ ގުޅިގެން ބ. ގޮއިދޫގައި އެރަށު ޔޫތް ސޮސައިޓީން ކުރިޔަށް ގެންދިޔަ “ޔޫތު ސޮސައިޓީ ފުޓްސަލް ޓޯނަމަންޓް 2017ގެ ޗެންޕިއަންކަން ދި ޕައިތަންސް ޓީމުން ހޯދައިފިއެވެ.
ޖުމްލަ 4 ޓީމް ވާދަކުރި މިމުބާރާތުގެ ޗެންޕިއަންކަން ދިޕައިތަންސް އިން ހޯދީ މިއަދު ހަވީރު އެރަށުގައި ކުޅެވުނު ފައިނަލް މެޗްގައި “ހަމަނުވާ” ޓީމާ ވާދަކޮށް 1-0 ލަނޑުންނެވެ. ގޮއިދޫގެ ފުޓްބޯޅަ ތަރިން ކަމުގައިވާ ކިތުނާއާ، މާޖިހިމެނޭ ޓީމް “ހަމަނުވާ” ބަލިކުރުމަށް ޒުވާން ކުޅުންތެރިންގެ ދި ޕައިތަންސްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކުރެވުނީ މެޗް ނިމެން އުޅެނިކޮށް ފަހު ހާފުގައެވެ.
މުބާރާތުގެ ޗެންޕިއަން ޓީމަށް 4000ރ އަދި ރަނަރއަޕް ޓީމަށް 1500ރ އާއި މެޑަލް ހަވާލުކުރި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު ރީހާނެވެ. މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ރީހާނުގެ އިތުރުން ހިމެނުނީ އިބްރާހީމް މާޖިދުއާއި، އާދަމް ނަސީމް އަދި ޝިރުހާން އަލީ އާއި ހުސައިން ޝާމެވެ.

ޔޫތު ސޮސައިޓީ ފުޓްސަލް ޓޯނަމަންޓް 2017 ފައިނަލް މެޗްގެ ތެރެއިން / އޭދަފުށީ ވޮއިސް ފޮޓޯ / އަހްމަދު ރިޔާޒު
މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާ، ޓީމްތަކަށް އިނާމާ މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ އަހްމަދު އަންވަރެވެ.
މިއީ ގޮއިދޫ ޔޫތު ސޮސައިޓީން ވިދިވިދިގެން މިމުބާރާތް ގޮއިދޫގައި ބޭއްވި 4 ވަނައަހަރެވެ. އެޖަމްއިއްޔާއިން ބުނީ މިމުބާރާތް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، އަހަރުގެ ފަހުކޮޅު އޮންނަ އަތޮޅު ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ތައްޔާރުކޮށް، ރަށުގެ އެކުވެރިކަމާ ހަމަޖެހުން އާލާކުރުމެވެ.