ފަސްމުގޫ ރޯދަސޭލް ގެ 1 ވަނަ ނަސީބުވެރިޔާ ބ. ކެންދޫ ދިލާވަރު، ހުސައިން އަހްމަދަށް 15000 ރުފިޔާ ހަވާލުކުރުމާއެކު، އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވެއްޖެއެވެ.
އާދައިގެ މަތިން ވަރަށް ގިނައިން އަތޮޅު ފެރީގައި އޭދަފުއްޓަށްް އައިސް އުޅޭ ހުސައިން އަހްމަދު (ހުސެންބޭ) އަކީ ފަސްމުގޫ ފިހާރައިން ވަރަށް ގިނަ އަދަދަކަށް ވިޔަފާރިކޮށް އުޅޭ މީހެކެވެ. އެގޮތުން މިދިޔަ ރަމަޟާންމަހުގެ ތެރޭގައި އެތައް ފަހަރަކު ވިޔަފާރިކޮށް އޭނާވަނީ ފަނަރައަށްވުރެ ގިނަ ކޫޕަން ހޯދާފައެވެ. ނަމަވެސް އެއްވެސް އިނާމެއް ލިބޭނެކަމުގެ އުއްމީދަކުނޫނެވެ. އޭނާ ބުނީ ބައެއް ކޫޕަންތައް ގެއްލިފައިވާކަމަށާ، އަތުގައި ހުރީވެސް މަދު ކޫޕަންތަކެއްކަމަށެވެ.
“ފަނަރަ ފަހަރަށްވުރެ ގިނަ ފަހަރު ކޫޕަން ލިބުނުހެން ހީވަނީ. ދެން އެގޮތް މިގޮތް ވެގެން ގެއްލި ނެތިދިޔަ ބައެއް ކޫޕަން. އަތުގައި އޮތީ ދިހަވަރަކަށް ކޫޕަން. އެއީ ރައްކާ ކުރެވިފަ އޮތްވަރު. އިނާމެއް ލިބޭނެކަމަކަށްވެސް ނޫން އެބެހެއްޓީ” ހުސެންބެ އީވީއަށް ކިޔައިދިނެވެ.
އެހެންނަމަވެސް އޭނާގެ ނަސީބު އަތުގައި ހިފީ މިދިޔަ ބުދަދުވަހުގެރޭ އޭދަފުށީގައި ފަސްމުގޫން ބޭއްވި ޝޯގައި ނެގި ލަކީ ޑްރޯގެ 1 ވަނަ ލިބުމުންނެވެ. އެކަން އޭނާއަކަށް އެރޭ ނުވެސް އެނގެއެވެ.
“އަޅުގަނޑު ނުވެސް ދެނަހުރިން ކޫޕަން ނެގިކަމެއް. އަނެއްދުވަހު އެއީ ބުރާސްފަތިދުވަހު ނޫސް ބަލާލީމާ މިފެންނަނީ 1 ވަނަ ލިބުނީ އަޅުގަނޑަށް ކަމަށް. ދެން ފަސްމުގޫއަށް ގުޅައިގެން ހަބަރު ބެލިއިރު ތެދެއްމެ. ހަމަ އަޅުގަނޑަށް ލިބުނީ. ވަރަށް އުފާވި އަޅުގަނޑު. ވަރަށް ޝުކުރުވެސް ކުރިން” 62 އަހަރުގެ ހުސެންބެ އޭނާގެ އިހްސާސްތައް ކިޔައިދިނެވެ.
ހުސެންބެ ބުނީ އެއްފަހަރާ ފަނަރަހާސް ރުފިޔާ ލިބުމަކީ އޭނާއަށް މިވަގުތު ވަރަށް ބޭނުންތެރިކަމެއްކަމަށާ، ސަބަބަކަށް ވީ އޭނާ ކޮންމެހެންވެސް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދެވޭނޭގޮތެއް ނެތިފައި ހުރުން ކަމަށެވެ. އޭނާ ބުނީ އޭނާއަކީ ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށްވާތީ، މިހާރު އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށާ، ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުދެވި ލަސްވަމުންދަނީ މާލީ ތަނަވަސްކަން ނެތުމުން ކަމަށެވެ.
“ހަމަހުން ހަމަހުން ރާއްޖެއިން ބޭރަށް ދާންޖެހޭ ޓެސްޓްތަކެއް ހަދަން. މިހާރު 2 އަހަރުވެއްޖެ ނުދެވޭތާ. މިހެން ހުއްޓާ ކުއްލިއަކަށް ﷲ މިންވަރު ކުރެއްވި ހަދިޔާއެއް މިއީ، ވަރަށްވެސް އަޅުގަނޑު އުފާކޮށްފިން. ވަރަށް ޝުކުރުވެސް ކޮށްފިން. އިރާދަކުރެއްވިއްޔާ މިފައިސާއިން ދާނީ ލަންކާއަށް ޓެސްޓްތައް ހަދަން” މީގެ 3 އަހަރު ކުރިން ކުރި އޮޕަރޭޝަންގެ ހަނދާންތައް އާކުރަމުން ހުސެންބެ ކިޔާދިނެވެ.
ހުސެންބެ ގެ އިތުރުން ފަސްމުގޫ ރޯދަސޭލްގެ ލަކީޑްރޯގައި 2 ވަނަ ހޯދި ފަރާތަށާއި، އެހެނިހެން ފަރާތްތަކަށްވެސް އިނާމުތައް ހަވާލުކުރަމުން އަންނަކަމަށް ފަސްމުގޫ ފިހާރައިން ބުނެއެވެ. އެފިހާރައިން ބުނީ އަންނަ އަހަރުގެ ސޭލްގައިވެސް އަގުހުރި އިނާމްތަކެއް ހިމެނުމަށް ވިސްނާކަމަށެވެ.