ވެލިއަޅާ ނިންމައި، ކޮންނަބޯޓް ފުރަނީ

އިރުމަތީކޮޅުން ހިއްކި ސަރަހައްދުގައި ބަޔަކު ހިނގާފައިދާއިރު ކޮންނަބޯޓް ދެކުނުފަރާތް ހިއްކުމުގެ މަސައްކަތުގައި / ފޮޓޯ: ފޭސްބުކް

އިރުމަތީކޮޅުން ހިއްކި ސަރަހައްދުގައި ބަޔަކު ހިނގާފައިދާއިރު ކޮންނަބޯޓް ދެކުނުފަރާތް ހިއްކުމުގެ މަސައްކަތުގައި / ފޮޓޯ: ފޭސްބުކް

އޭދަފުށީގެ ބިންހިއްކުމަށް ބޮސްކާލިސް އިންޓަނޭޝަނަލްގެ ފަރާތުން ބޭނުންކުރި ބިޔަ ކޮންނަބޯޓް، އޭދަފުށިން ހިއްކަން ހަމަޖެހުނު ސަރަހައްދަށް ބޭނުންވާ ވެލި އަޅައި ނިންމުމަށްފަހު ފުރަން ތައްޔާރުވެއްޖެއެެވެ.

ހިއްކަން ބޭނުންވާ ވަރަށް ވެލިއަޅާ ނިންމިއިރު އޭދަފުށީގެ އިރުމައްޗާ، ދެކުނުފަރާތް އަދި ހުޅަނގުން ފަޅުގެ ސަރަހައްދަށް ވެލި އެޅެންއޮތް އެންމެބޮޑަކަށް ވެލިއަޅާފައިވާކަން ފާހަގަކުރެވެއެވެ. މިސަރަހައްދުތަކަށް ވެލިއަޅާފައިވަނީ އަސްލު އޭދަފުށީގެ ބިމުގެ ވެލި ފަށަލައަށްވުރެ ދެތިން ފޫޓް އުސްކޮށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ބޮޑެތި ވެލި ފުނިތައްވެސް ޖަހާފައިވެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކޮންނަބޯޓް ފުރިނަމަވެސް ވެލިގަނޑު އެއްވަރުކުރުމާ، އެހެނިހެން ބައެއް މަސައްކަތްކުރުމަށް ބައެއް މެޝިނަރީއާ، މީހުން ބޮސްކާލިސްގެ ފަރާތުން އަދިވެސް ހަރަކާތްތެރިވަމުންދާކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އުސްސަރަހައްދުތަކާ، ވެލިފުނިތަކުން އިތުރުވާވެލި އެޅުމަށް ހަމަޖެހިފައިވަނީ، ހުޅަނގު އުތުރު ކަންކަތިން ފެށިގެން، ރަސްމީ ސްޓޭޖާ ހަމައަށްކަމަށެވެ. ރެއާ ހަމައަށް ހިއްކާ ނިމުނުއިރު ފަޅުގެތެރެއިން ވެލިނާޅާ އޮތީ މިސަރަހައްދަށް އެކަންޏެވެ. އަލީ ވަހީދު ވިދާޅުވީ އެސަރަހައްދަށް ވެލި ނާޅާވަނީ އެތަން ހިމާޔަތް ކޮށްގެންނޫނީ ވެލިއެޅުން ރައްކާތެރިނޫންކަމަށް ދެކޭތީކަމަށާ، އެމަސައްކަތް ލަސްނުވެ ފެށޭތޯ ބަލަމުންދާކަމަށެވެ.

ހިއްކި ސަރަހައްދުތަކުގައި ރިވެޓްމަންޓް ޖެހުމަށްބޭނުންވާ ހިލައާ، އެހެނިހެން ސާމާނު ގެނައުމުގެ މަސައްކަތް ކުރިޔަށްދާއިރު، އަމަލީ ގޮތުން މިމަސައްކަތް ފެށުމަށް ދެމަހެއްހާދުވަސް ހޭދާވެދާނޭކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭދަފުށީގެ ބިންހިއްކާނިމުނު އިރު ރަށުގެ އިތުމަތީކޮޅުން ހާހެއްހާފޫޓްދިގު ސަރަހައްދެއް ރަށަށް އިތުރުވެފައިވާއިރު، ދެކުނުފަރާތުން ރަށުގެ ދިގުމިނުގައި 200އާ، 300 ފޫޓާ ދެމެދުގެ ބިމެއް ރަށަށް އިތުރުވެފައިވެއެވެ. އަދި ހުޅަނގުންވެސް 300 ވަރަކަށް ފޫޓް ބިން އިތުރުވެފައިވެއެވެ. ރަށުކައުންސިލުން ބުނީ ރިވެޓްމަންޓް ޖަހާނިމި ބިން ލެވެލްވެގެންދާއިރު، މިހާރަށްވުރެވެސް ބިން ބޮޑުވާނޭކަމަށެވެ. މިޕްރޮޖެކްޓްގެ ދަށުން އޭދަފުށީގެ ފަޅުން 25.9 ހެކްޓަރު ބިން ހިއްކަން އެގްރީމެންޓް ކުރެވިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top