ނޭވަޔަށް އުދަނގޫކުރުން (bronchial asthma)ނުވަތަ ނޭވާހިއްލުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލި ޖެހުމުން ކުރިމަތިވާ މައިގަނޑު މައްސަލަ އަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމެވެ. ނޭވާހިއްލުން ޖެހުމުން ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދެއެވެ. އެކަމުގެ ސަބަބުން ނޭވާހިނގާ މަގު ހަނިވެ، ފުއްޕާމެޔަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބުރޫއަރައެވެ. ނަތީޖާއެއްގެ ގޮތުން ކެއްސުން، ނޭވާލާއިރު ތޫލި އަޑެއްހުރުން، ނޭވާކުރުވެ ނޭވާލާން އުދަނގޫވުން، އަދި މެޔަށް ވާންވެ، ފިތޭގޮތް ވެއެވެ.
ނޭވާހިއްލުމަކީ ދާއިމީ ބައްޔަކަށް ވެފައި، މިބައްޔަށް ފަރުވާކުރުމަށް ތަފާތު އެތައް ބޭސްތަކެއް އުފައްދާފައިވީ ނަމަވެސް މިބައްޔާމެދު އަދިވެސް ބެލެވިފައިވަނީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައެވެ. ނޭވާހިއްލުމަށް އެކަށޭނަ ފަރުވާއެއް ނުލިބުމަކީ އޭގެ ސަބަބުން ހެލިފެލިވެ އުޅުމަށް ދަތިވެ، އަބަދުވެ، އެދުގައި އޮންނަން ޖެހޭ ކަހަލަ ކަމެކެވެ. ނޭވާހިއްލުމުގެ ނުރައްކާތެރި ޙާލަތްތަކުގައި ވަރަށް ގިނަ ފަހަރު ހޮސްޕިޓަލްގައި އެދުމަތިވެ، ފަރުވާ ލިބިގަންނަން ޖެހެއެވެ.
ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފެންނާނެ ޢާންމު އަލާމާތްތަކުގެ ތެރޭގައި:-
- ކެއްސުން : ޚާއްޞަކޮށް ރޭގަނޑު
- ނޭވާލާއިރު ތޫލިއަޑެއްހުރުން
- ނޭވާކުރުވުން
- ނޭވާލާން އުދަގޫވުން
- މެޔަށް ވާންވެ، ފިތި، ތަދުވުން
- ދިރިއުޅުމުގައި އާންމުކޮށް ކުރާ މަސައްކަތްތައް ފުރިހަމަކުރަން އުދަގޫވުން
ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމަށްފަހު ބޭސް ބޭނުންކޮށްގެން ފަރުވާ ލިބިނުގަނެއްޖެނަމަ، ނޭވާލާން އުދަގޫވެ، ނޭވާލާއިރު އިވޭ ތޫލިއަޑު ގަދަވެގެން ދެއެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމުން ފުއްޕާމެޔަށް، ވާންވެ، ބާރުވެ ފިތޭތީ، ޕީކްފްލޯމީޓަރު ބޭނުންކުރަން ނުކުޅެދެއެވެ. މަޑުމަޑުން ފުއްޕާމޭފިތެމުންދާ ވަރަކަށް ނޭވާލާއިރު ހުންނަ ތޫލިއަޑުއުފެދޭ މިންވަރަށް ވައި ދައުރެއް ނުވެއެވެ. ނޭވާލާއިރު އިވޭ ތޫލި އަޑު ނުހުރުމަކީ ވަރަށް ނުރައްކާތެރި ނިޝާނެކެވެ. މިހާލަތަށް ކިޔަނީ ”މައިތިރި މޭ”ނުވަތަ ”ހިމޭން މޭ”(silent chest) އެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި ނޭވާލާއިރު ތޫލިއަޑު ނުހުރުމަކީ ނޭވާހިއްލުން ގެ ޙާލަތު ރަގަޅުވެފައިވާ ކަމުގެ ހެއްކެކެވެ. އެކަމަކު މިއީ ހަގީގަތުގައި ކުށްހީ އެކެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.
ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ވާހަކަ ދައްކަން ނުކުޅެދި، ތުންފަތާއި ވަށައިގެންވާ ހިސާބުގައި ނޫވުން(cyanosis) ކުރިމަތިވެއެވެ. މިއީ ލޭގައި އޮކްސިޖަން މަދުވެގެން ދިމާވާ ކަމެކެވެ. އެހެންކަމުން މިފަދަ ޙާލަތުގައި އެކަށޭނަ ފަރުވާ ވަގުތުން ނުދެއްވިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.
ނޭވާހިއްލުމަށް ފަރުވާކުރަނީ ކިހިނެއް؟
އާއިލާގައި ނޭވާހިއްލުން ހުންނަ މީހުން ތިބޭނަމަ ބަލި ކޮންޓްރޯލް ކުރުމަށާ، ބަލީގެ އުދަނގޫތައް ލުއިކުރުމަށް ބޭނުންކުރެވިދާނެ ބޭސްތައް ދެނެގަނެ، އެކަމަށް އަހުލުވެރިވުމަކީ އާއިލާގެ އެހެން ފަރުދުންނަށް ކުރެވިދާނެ ރަގަޅު ކަމެކެވެ. މާބޮޑަށް ބަލީގެ ހާލަތު ގޯސްވެއްޖެވުމުން ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތަކާ، ގޭގައި ކުރެވިދާނެ ކަންތައްތައް އެނގިފައި ހުރުމަކީ ވެސް މުހިއްމު ކަމެކެވެ. ނޭވާހިއްލުމަށް ފަރުވާ ކުރުމުގައި ބޭނުންކުރެވޭ ބޭސްތައް އެކި ގޮތްގޮތަށް ހަށިގަނޑަށް ފޮނުވެއެވެ. އެގޮތުން ބޭސް ބޭނުންކުރެވޭ ގޮތްތަކުގެ ތެރޭގައި، އަނގައިން އެތެރެއަށްދެމުން، އާވިއެރުވުން، އިންޖެކްޝަން ޖެހުން، ދިޔާ ބޭސް ބުއިން، އަދި ގުޅަ ބޭސް ކެއުން ފަދަ ގޮތްތައް ހިމެނެއެވެ. ނޭވާހިއްލުމުން ދެވޭ ބޭހުގެ ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒު ކުރެވެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
- ދުޅަ ކޮންޓްރޯލްކޮދީ، އުނދަގޫތައް ކުޑަކޮށްދިނުން
- ނޭވާހިއްލުމުގެ އުދަނގޫތަކަށް އަވަސް ގޮތެއްގައި ލުޔެއް ހޯދައިދިނުން
މަސްދަރު: ސިއްހަތު ބްލޮގް