ދެމަސްދުވަހުގެތެރޭގައި ތެލުގެ އަގު ހެޔޮވާނެކަމަށް ރައީސް ވިދާޅުވެއްޖެ

YAAMEEN.jpg

މަސްވެރިންނަށް ބޭނުންވާ ތެލުގެ އަގު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

22 ވަނަދުވަހު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އަށް ތެޔޮ އެތެރެކުރުމާ ގުޅޭ ގޮތުން އެސްޓީއޯ އާއި އިންޑިއާއާ ދެމެދު މަޝްވަރާކުރެވެމުންދާ ކަމަށެވެ. އެ މަޝްވަރާތައް ވަރަށް އަވަހަށް ނިމި، މަސްވެރިންނަށް ބޭނުންވާ ތެލުގެ އަގު ކުރިއަށް އޮތް ދެމަސްތެރޭގައި ހެޔޮކުރެވޭވަރުވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ދިވެހިރާއްޖެ އަށް ދަތިވެފައި މިހެން ހުރި މިކަހަލަ އެތައް ކަމެއް ﷲގެ ރަހުމަތާ އެކީގައި ހަމަޖެހިގެން އެބަދޭ،” އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ޒުވާން މަސްވެރިން އުފެއްދުމަށް ޕީޕީއެމުން ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް ފަށާފައިވާ ކަން ވެސް ރައީސް ޔާމީން ރޭ އިއުލާންކުރެއްވި އެވެ. އަދި ވިދާޅުވީ މަސްވެރިންގެ މެރީނާތައް އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މެރީނާތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕީޕީއެމުން މަސްވެރިންނަށް ވެފައިވާ އެންމެ މުހިއްމު ވައުދު ކަމަށްވާ “ބެޔަސް ނުބެޔަސް 10،000 ރުފިޔާ” ދިނުމުގެ މަސައްކަތް ފެށުމުގެ ގޮތުން، މަސްވެރިން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އަންނަ މަހުގެ އެކަކުން ފެށިގެން ދޫކުރަން ފަށާނެ ކަމަށްވެސް ރޭ ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ މަސައްކަތް ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

“އިރާދަކުރެއްވިޔާ މަހެއްހާ ދުވަހުގެ ތެރޭގައި މި ހުރިހާ ހިސާބުތަކެއް، މި ހުރިހާ ލިޔެކިޔުންތަކެއް ނިމުނީމާ އަޅުގަނޑުމެން އުއްމީދުކުރަނީ މޭ މަސް ނިމުމުގެ ކުރިން، ބެޔަސް ނުބެޔަސް މަސްވެރިންނަށް 10،000 ރުފިޔާ ކަށަވަރުކޮށް ދޭން،” ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތަކުގެ އިތުރުން ރާއްޖެ އަށް މިހާރު ބޭނުންވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. އެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަށް އައުމާ އެކު “މަސައްކަތްކުރަން ބޭނުންވާ ކޮންމެ ޒުވާނަކަށް” ބޭނުންވާ ވަޒީފާގެ ފުރުސަތު ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ވެސް މީހުން ރާއްޖެ އަށް މަސައްކަތްކުރުމަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top