ބ. އޭދަފުށީގައި އިތުރު ސްކޫލަކާއި، ދަނާލެއް އެޅުމާބެހޭ ގޮތުން މަޝްވަރާކުރެވެމުންދާކަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓިވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް ވިދާޅުވީ ބ. އަތޮޅު އޭދަފުށީގެ އާބާދީއަށް އަންނަމުންދާ ބަދަލުގެ ސަބަބުން ކުރިޔަށް އޮތް ދެއަހަރު ދުވަހުގެތެރޭގައި އެރަށު ތައުލީމީ މަރުކަޒުން އިތުރު ކުދިންނަށް ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތި ވެދާނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި އޭދަފުށީގައި އިތުރު ސްކޫލެއް އިމާރާތް ކުރުމަށް މަޝްވަރާކުރެވެމުންދާކަމަށް އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.
“ބ. އަތޮޅު އޭދަފުށީގެ ބޮޑުބައެއް ހިއްކުމުގެ ސަބަބުން އަލަށް އިމާާރާތްކުރާ ސްކޫލް އިމާރާތްކުރަން ނިންމާފައިވަނީ މިހާރުހިއްކާފައިވާ ސަރަހައްދުގައި” އިބްރާހީމް އިސްމާއީލްއާ ހަވާލާދެއްވާ ޕީއެސްއެމްއިން އިއްޔެ ހާމަކުރިއެވެ.
އިބްރާހީމް އިސްމާއީލް ވިދާޅުވީ ސްކޫލް އަޅާ ސަރަހައްދާ ކައިރި ހިސާބެއްގައި ކިޔަވައިދިނުމަށްޓަކައި ރަށުންބޭރުން އަންނަ ކުދިން ތިބޭނެ ދަނާލެއް އެޅުމުގެ މަޝްވަރާތައްވެސް ކުރެވެމުންދާކަމަށެވެ.
އޭދަފުށީގައި ހުރި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޖާގަ ދަތިވެފައިވާތީ، މިވަގުތު 12 ކްލާސްރޫމްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރެވެމުންވެސް ދެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒަކީ 1978 ވަނަ އަހަރު ސަރުކާރުން އޭރު ރާއްޖެތެރޭގެ ރަށެއްގައި ހުޅުވި ފުރަތަމަ ސްކޫލެވެ. މިވަގުތު އެސްކޫލުގައި ނާސަރީ ލެވެލް އިން ފެށިގެން ގްރޭޑް ބާރައާ ހަމައަށް ތައުލީމް ދެމުންދާއިރު އަށްސަތޭކައަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުން ދެއެވެ. އަދި ސްކޫލްގެ ބެލުމުގެ ދަށުން 400 މީހުންނަށް ތިބެވޭވަރުގެ ދަނާލެއްވެސް މިވަގުތު ހިންގަމުންގެންދެއެވެ.