ގޮނޑު ހޮވައިގެން ގެންނަ ތަކެތިން މެޝިން އުފެއްދުމަށް ލަތީފުވަރެއް ނެތް

DSCN1554.jpg

ކުނި ގޮނޑުން ހޮވާތަކެތިން ބޮޑެތި ހެވީޑިއުޓި މެޝިން ހަދާ މީހެއްގެ ވާހަކަ އަޑުއެހިންހެއްޔެވެ؟ ފަހަރުގައި މިއީ މުޅި ދުނިޔޭގައިވެސް މިގޮތުން ތަކެތި އުފައްދާ ފުރަތަމަ މީހާއަށް ވެދާނެއެވެ. ނުވަތަ ރާއްޖޭގައި މިބާވަތުގެ ކަމެއް ތަޖުރިބާތަކެއް ކުރާ ފުރަތަމަ މީހާއަށްވެސް ވެދާނެއެވެ. އެހެންނަމަވެސް މިއީ ޚިޔާލީވާހަކައެއް ނޫނެވެ. މި ހަގީގަތާ ކުރިމަތިމަތިލާފައިވަނީ އޭދަފުށީގައި ދިރިއުޅޭ ނައިފަަރު ކަނބުރުމާގެ އަބްދުއްލަތީފު އަލީ އެވެ.

ލަތީފަކީ އާދައިގެ މީހެއްނޫނެވެ. މަދްރަސަތުލް އިފްތިތާހުގެ މުސްކުޅިދަރިވަރަކަށް ވުމުން އިލްމީ ގޮތުން އޭނާ ހުންނާނީ ކިހާ ހިސާބެއްގައިކަން ލަފާކޮށްލަން އުނދަގުލެއް ނުވާނެއެވެ. އެހެންނަމަވެސް އޭނާގެ މައިފުންނަ ގެއަށް ކަނބުރުމާގެ ކިއުމާ އޭނާގެ މަސައްކަތްތެރިކަމާ އޮތީ ވަރަށް ބޮޑަށް ގުޅިފައެވެ. ސާފު ހެއްކަކީ އޭނާއަކީ ކަނބުރު ވެރިއެއް ކަމަށްވެސް ވުމެވެ. ރަނގަޅުވާނީ އެރޮނގުގައިވެސް އަރާ ހުރި މީހަކޭ ބުނިއްޔާއެވެ.

އެހުރިހާ ދިމާލަށް ދިއުމުގެ ބަދަލުގައި އޭނާގެ އެންމެ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ  ބޭނުންނެތިގެން ގޮނޑަށް އުކާލާފަ ހުންނަ ބާ ދަގަނޑުފަދަ ތަކެތި އަނބުރާ ގެނެސް އެއިން ހެވީ ޑިއުޓީ މެޝިން އުފައްދާ މީހެއްގެ ގޮތުގައެވެ. އޭނާގެ ވާހަކަ ތަކުން އެނގުނީ ކޮންމެ ކަހަލަ މެޝިނެއް އުފެއްދުމަކީވެސް އޭނާއަށް އުނދަގޫކަމަކަށް ނުވާނެ ކަމެވެ. އެހެންނަމަވެސް އެކަމުގައި އޮތްހަމަ އެކަނި ގޮން ޖެހުމަކީ ފައިސާއެވެ. އެވަރަށް ފައިސާ ނެތީއެވެ. އެހެންނޫންނަމަ އޭނާ ވެގެން ދާނީ މިގައުމުގައި ހުރި މި ރޮނގުން އެންމެ ފުންނާބު އުސް މަޝްހޫރު މީހާގެ ގޮތުގައެވެ. އޭނާގެ އުފެއްދުންތައް ރާއްޖޭގެ މާކެޓްގައި މަޝްހޫރުކަން ހޯދާނީ އަމިއްލަ ގައުމުގައި އުފައްދާ ކޮލިޓީ ރަނގަޅު ބްރޭންޑެއްގެ ފަޚްރުވެރި ނަމާ އެކުގައެވެ.

ލަތީފުގެ މި އާދަޔާ ޚިލާފުމަސައްކަތްތެރިކަމަކީ ގައުމީ އިނާމަކުން ފުއްދައިލެވޭވަރަށް ވުރެ އަގުބޮޑު، ގައުމީ ނަޒަރަކުން ވިސްނާ ނަމަވެސް އެއަށް އެވޯޑް ލިބެން ޖެހޭ ވަރުގެ އަގުބޮޑު މަސައްކަތްތަކެކެވެ. “މޭޑް އިން މޯލްޑިވްސް” ތައާރަފްކުރަން ފަށާފައިވާ މި ދުވަސްވަރާ ވަރަށް މުނާސަބުކަމެއްވެސް މެއެވެ. އަމިއްލަ ގައުމުގައި ވިސްނުމުގެ ނަޒަރިއްޔާތު ފުޅާ ،”އަނގައާ އެއްވަރަށް އަތްވެސް ހެލޭ” މިކަހަލަ މީހުން ތިބިކަމަށް ވާނަމަ ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހަމައެއާއެކު ގައުމީ އުފެއްދުންތެރިކަމާއެކު އިގްތިސާދަށް އެކަމުގެ ރަނގަޅު ބަދަލުވެސް އަންނާނެއެވެ.

ކުޅަދާނަކަމާއެކު ރީތި ދިވެހިބަހުން ވާހަކަ ދައްކަވާ ލަތީފުއާ އޭނާގެ ވޮކްޝޮޕުން ބައްދަލުވެވުނީ ރައްޓެއްސެއްގެ އެދުމަކަށެވެ. ހައިރާން ވާވަރުގެ ކަންތައްތަކެއް ދައްކާލާނެކަމަށް ބުނުމުންނެވެ.

އެކަންކަން ބަލާލުމުގެ ޝައުގުގައި އެކުވެރިޔާ އާއެކު ލަތީފުގެ އަނބިކަނބަލުން އޭދަފުށީ ދޭލިޔާގޭ ފަރީޝާ އަށް ލިބިފައިވާ ގޯތީގައި އިމާރާތްކުރަން ފަށާފައިބާ ހަތަރުބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯއަށް ދިޔައިރުވެސް އެހާ ޚާއްސަކަމެއް ހުންނާނެކަމަކަށް ހީއެއް ނުކުރަމެވެ. އެހެންނަމަވެސް އެތަނަށް އެޅި ފުރަތަމަ ފިޔަވަޅާއެކުވެސް ލިބުނީ ހައިރާންކަމެވެ. ވޯކްޝޮޕުން އަޅުގަނޑުމެންނަށް މަރްހަބާކީ ލަކުޑި އަށްޓެއްގައި، މަތިން ސަތަރިއެއް އަޅާފައި އޮތް ބޮޑެތި ފްލެޓް ޓީވީ ތަކެކެވެ. ސަތަރިއެއް އަޅާފައި އެއޮތީ ފެނުން ރައްކާތެރިކުރަންކަމަށް ވެދާނެއެވެ. ހަމަ ގައިމުވެސް އެތަކެތި އަލުން މަރާމާތު ކުރަން ބޭނުންވާނަމަ އެހާ އިހާނެތި ގޮތެއް އެތަކެއްޗަކަށް ނުހަދާނެތާއެވެ! ފަހަރުގައި ޓީވީގެ ބައެއް ނަގައިގެން އެހެން އުފެއްދުމަކަށް ބޭނުންކުރަންކަމަށް ވެދާނެއެވެ.  dscn1585

މުޅި ގްރައުންޑް ފްލޯ އަކީ އޭނާގެ ވޯކްޝޮޕެވެ.  އޭރުވެސް ލަތީފު ހުރީ މަސައްކަތުގައެވެ. އަޅުގަނޑުގެ އެކުވެރިޔާ، ލަތީފުއަށް ގޮވާލުމަށް ފަހު ދެން ދެއްކެވީ ލަތީފު ތައްޔާރުކޮށްފައިވާ ލޭތު މެޝިނެކެވެ. ކޮންކްރިޓް ނުވަތަ ސިމެންތީގެ އުފެއްދުންތައް  ލޭތު ކުރާ މެޝިނެކެވެ. މިމެޝިންގައި ތަފާތުތަކެއް އެބަހުރިކަމާއި އެތަފާތަކި ކޮބައިތޯ ވިސްނާލަން ހުއްޓާ އަޅުގަނޑުމެންގެ ގާތަށް އައިސް އެތަފާތު ކިޔައިދެއްވީ ލަތީފުއެވެ. ” ތިޔައީ އަޅުގަނޑުގެ އަމިއްލަ އުފެއްދުމެއް. މިވެދާނެކަން ނޭގެ މިގޮތުން މުޅި ދުނިޔޭގައިވެސް އުފެއްދި ފުރަތަމަ ކޮންކްރިޓް ލޭތު މެޝިންކަމަށް.” އޭރުވެސް އެމެޝިންގައި ކޮންކްރިޓް ރޮޑެއް ލޭތު ކުރުމަށް އަޅުވާފައި ހުއްޓެވެ. މެޝިންގެ ކައިރީގައި އެމެޝިނުން އުފައްދާފައި ހުރި ކޮންކްރިޓް ތޭރިތައް ތަރުތީބުން ބަހައްޓާފައި ހުއްޓެވެ.

dscn1562

ނިކަން މީގެ މޮޅުކަން ދައްކާލަދީބަލާށޭ ބުނުމުން އޭނާ މެޝިނަށް ކަރަންޓްދީފައި ލޭތު ކުރަން ފެށިއެވެ. އެމަސައްކަތްކުރަމުން ދިޔައިރު އޭނާ މިކަމަށް ހުރި ފަރިތަކަމާ ކުޅަދާނަކަން ފެނިފައި އަޅުގަނޑާ އަޅުގަނޑުގެ އެކުވެރިޔާވެސް ހުރީ ހައިރާން ވެފައެވެ.

އޭރުވެސް މެޝިންގެ މޮޅުވާހަކައާއި އުފައްދަން ބޭނުންކުރި ތަކެއްޗާ އުފައްދަން ޖެހުނު ގޮތްކިޔައިދެއްވަމުން އެކަމުގައި އަޅުގަނޑުމެންގެ ޚިޔާލުވެސް އަހަމުން ގެންދިޔައެވެ. އެންމެ ފަހުން އަޅުގަނޑުމެން ހައިރާންކޮށްލި ބޮޑު ޚަބަރު ދީފިއެވެ. “ކަލޭމެންނަށް ނޭނގުނަސް މި މެޝިން އުފައްދާފައި މިހިރީ މިރަށު ގޮނޑުން ހޮވައިގެން ގެނެސްފައި ހުރި ތަކެތިން. މީގައި ބޭނުންކޮށްފައި ހުރި ހުރިހާ އެއްޗަކީވެސް ގޮނޑުހޮވައިގެން ގެނެސްފައި ހުރި ތަކެތި. އެހެން ތަނަކުން ގެނެސްފައިވާ އެއްޗެއް ނޯންނާނެ. ”

ލަތީފު ވިދާޅުވީ މެޝިންގެ އެންމެ މޮޅު އެއްކަމަކީ އެހެން މީހެއްގެ އެހީތެރިކަމާނުލައި އެކަކަށް ހުރިހާކަމެއްވެސް ކުރެވުންކަމަށާއި މި މަސައްކަތް މިކުރަނީވެސް އޭނާ އެކަނި ކަމުގައެވެ. ” އަޅުގަނޑު އެކަނި ހުރިހާކަމެއް މިކުރަނީ . ސިމެންތި މިކްސް ކުރުމުގެ މަސައްކަތުން ފެށިގެން ފިނިޝިންގ އާ ހަމައަށް ދުވާލަކު ތިން ތޭރި ފަސޭހަކާމާއެކު ނިންމަން. ” ކުރިމަތީގައި ބަހައްޓާފައިހުރި ކޮންކްރިޓް ތޭރިތަކަށް އިޝާރާތްކުރަމުން ބުންޏެވެ.

dscn1558

ގޮނޑުން ހޮވައިގެން ގެނެސްފައިވާ ތަކެތިން މި މެޝިން އުފެއްދި ކަމުގައި ވިޔަސް މީގެ ކުރިންވެސް މިކަހަލަ މެޝިން އުފައްދާފައި ވާނެކަމަށާއި އެކަމަކު އެ އުފެއްދުންތަކުގައި ބޭނުންކޮށްފައިވާނީ އާ މެޓީރިއަލްކަން ފާހަގަކުރެއްވިއެވެ.

ދެންވެސް އޭނާ ދެއްކެވީ އަމިއްލަ އުފެއްދުމެކެވެ. ސިމެންތި ގާ އަޅާ މެޝިނެކެވެ. ލަތީފު ވިދާޅުވީ އެމެޝިނުންވެސް އެހެންމީހެއްގެ އެހީތެރިކަމާ ނުލައި ދުވާލަކު 150 ގާ ފަސޭހަކަމާއެކު އަޅުއްވާ ކަމުގައެވެ.

dscn1581

އޭނާގެ އާ އީޖާދުތައް ދައްކަވަމުން ދެން އެދުނީ އެއިމާރާތުގެ ހަތަރުވަނަ ބުރިއަށް އެރުމަށެވެ.

އެތަނުގައި ހުރީ ކުޑަވަރެއްގެ ކެރޭން އެކެވެ. މީ ކޮންކަމެއްތޯ އަހާލުމުން ވިދާޅުވީ އިމާރާތުގެ މި ފްލޯގައި ޝީޓް އަޅަން ތައްޔާރުވެފައި އޮއްވާ ބޭނުން ކުރަން ގެނެސްފައިހުރި ކެރޭން މައްސަލަ ޖެހުމުން ދެން ޚިޔާލު ކުރެއްވީ އެކެރޭން ރަނގަޅުކުރުމުގެ ބަދަލުގައި އަމިއްލައަށް ކެރޭނެއް އުފައްދަން ކަމުގައެވެ.

” ހިތަށް އެރީ ދެން މިކަންވެސް ކުރާނީ އަމިއްލައަށޭ. އެހެންވެގެން އުފެއްދި އެއްޗެއް މިއީ ” ހަމައެއާއެކު ހީލާފައި ބުނުއްވީ މި ކެރޭން އުފެއްދުމުގައި ބޭނުންކޮށްފައިވާ ހުރިހާ އެއްޗިއްސަކީވެސް  ގޮނޑުން ހޮވައިގެން ގެނައި ތަކެތި ކަމުގައެވެ.

މެޝިންގެ މޮޅުކަމާ ބޭނުންކުރަން ފަސޭހަކަމުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ކެރޭނުން އެއްވެސް އުނދަގުލެއް ނެތި ފަސޭހަކަމާއެކު ދެ ޓަނު އުފުލޭނެ ކަމަށާއި މި އިމާރާތުގެ މިބައިގާ ޝީޓް އަޅާފައިމިވަނީ މިކެރޭން ބޭނުން ކޮށްގެން ކަމުގައެވެ.

dscn1587

ލަތީފުއިތުރަށް ވިދާޅުވީ މިއަށްވުރެ ބޮޑު ކެރޭން އެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދަވާ ކަމުގައެވެ. އޭގެ ބައެއް ޕާޓްސްތައް ދައްކާލަމުން ވިދާޅުވީ އަލަށް އުފައްދާ ކެރޭނުގެ ކެޕޭސިޓީއަކީ ހަ ޓަނު ކަމުގައެވެ.

އަޅުގަނޑު އަހާލީމެވެ. ” ދަގަނޑުން އެއްޗެތި އުފައްދަން މިހާ ކުޅަދާނަ ކަމަށް ވާއިރު ދެން ލަތީފުގެ ކުޅަދާނަކަން ދައްކާލެވޭނީ ކޮން ފަންނެއްގައި ހެއްޔެވެ؟” އޭނާގެ ޖަވާބު ކުރުވެފައި ސާދާއެވެ. ވިދާޅުވީ ކުރަން ނޭނގެނީ ކޮންކަހަލަ މަސައްކަތެއްތޯ އެހިނަމަ ޖަވާބު މާ ކުރުވީސްކަމުގައެވެ. ސަބަބަކީ ކުރަން ނޭގޭ މަސައްކަތެއްގެ ވާހަކަ އެއް ނޭހޭނެ ކަމަށެވެ. ދިވެހިން ކޮށްއުޅޭ ހުރިހާ ފަންނެއްގެ ހުރިހާ މަސައްކަތެއްވެސް ކުށެއް ނެތި ކުރާނެ ކަމުގައެވެ. އެއީ ތެދެއްކަން އެނގުނީ އެ ވޯކް ޝޮޕްގައި ހަލާކުވެފައި ހުރި ޓީވީއާ އައިސްއަލަމާރިއާ ދޮންނަ މެޝިން ފަދަ ތަކެތިވެސް ފެންނަން ހުރީމައެވެ.

އޭނާއަކީ ލަކުޑީގެ މަސައްކަތުން ފެށިގެން ދަނގަޑާއި ފައިބަރުގެ މަސައްކަތުގައިވެސް އަރާ ހުންނެވި ތަޖްރިބާ ކާރެކެވެ. އެކަން އޭނާގެ ވޯކްޝޮޕުންވެސް ފެންނަން އެބަހުއްޓެވެ.

ލަތީފުއަކީ މުރާލިކަމާ ހީވާގިކަމުގެ ނަމޫނާއެކެވެ. އޭނާގެ މަސައްކަތުގައި އިތުރު މީހަކު ނުގެންގުޅެއެވެ. އެންމެ ދުވަހެއްވެސް ޗުއްޓީގެ ގޮތުގައި ހޭދައެއް ނުކުރެއެވެ.  މަސައްކަތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ފާާހަގަކުރަން ޖެހެނީ މިހެން ވީމައެވެ.  ދަރިން ބޮޑެތިވެ އެކުދިންވެސް ތިބީ ޒިންމާދާރު ވަޒީފާތަކުގައެވެ. އެދަރިންނާ ބައްޕައާމެދު އޮންނަނީ ގާތް ލޮބުވެތި ގުޅުމެކެވެ.

ހަގީގަތުގައި މިއަދަކީ އުމުރުން 63 އަހަރުގެ ލަތީފުގެ ވޯކްޝޮޕްގައި ބޮޑު ތަޅުއަޅުވާފައި އަރާމުކުރަން ޖެހޭ ދުވަސްކަމަށް ވިޔަސް އެކަން ލަތީފު ގަބޫލެއް ނުކުރެއެވެ. ވިދާޅުވީ މަސައްކަތް ކުރެވޭވަރަށް ސިއްހަތު ތަންދޭނަމަ ކިތަންމެ ދުވަހެއް ވިޔަސް ވޯކްޝޮޕް ބަންދު ނުކުރާނެކަމުގައެވެ.

ލަތީފު ކަހަލަ އުފެއްދުންތެރިންނަކީ ރާއްޖޭގެ ނިސްބަތުން މަދު ބައެކެވެ. ހުނަރުވެރިކަމާއި ވިސްނުމުގެ އާ ޚިޔާލު ހުރި މިފަދަ މަދު މީހުންނަކީ ގައުމުގެ އުފެއްދުންތެރިކަމަށާއި ޒުވާނުން މިކަންކަމަށް ޝައުގުވެރި ކުރުވުމާ އަހުލުވެރިކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރެވިދާނެ ބައެކެވެ. އެމީހުން މުޖްތަމައުގެ ކުރިއަށް ނެރެ ޒުވާނުންނަށް ތައާރަފްކޮށްދޭން ޖެހެއެވެ. އެމީހުންގެ އުފެއްދުންތަކަށް ގައުމީ ފެންވަރުގައި މަރުހަބާ ކިޔަން ޖެހެއެވެ. އެކަމަކު ސުވާލަކީ މިކަހަލަ ކިތައް މީހުން މި ގައުމުގައި ގެއްލިފައި އެބަތިބިބާއެވެ؟ މިކަންކަމަށް ވިސްނާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅެނީ ކިހާވަރަކަށް ބާއެވެ؟

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top