އިންޖިނިއަރުން މާދަމާ އަންނައިރު، ކޮންނަބޯޓް އަންނަހަފްތާ

ދ. މީދޫ ހިއްކުމުގެ މަސައްކަތް ކުރިޔަށްދަނީ. މީދޫ ހިއްކުމަށްފަހު އަންނަ ހަފްތާ މިބޯޓް އޭދަފުއްޓަށް އަންނާނެކަމަށް ރައީސް ވިދާޅުވޭ / ފޮޓޯ: ފޭސްބުކް

ދ. މީދޫ ހިއްކުމުގެ މަސައްކަތް ކުރިޔަށްދަނީ. މީދޫ ހިއްކުމަށްފަހު އަންނަ ހަފްތާ މިބޯޓް އޭދަފުއްޓަށް އަންނާނެކަމަށް ރައީސް ވިދާޅުވޭ / ފޮޓޯ: ފޭސްބުކް

އޭދަފުށިން ފަޅުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމަށްޓަކައި ބޮސްކާލިސްގެ ކޮންނަބޯޓް އަންނަ ހަފްތާތެރޭގައި އޭދަފުއްޓަށް އަންނާނެކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްވިއިރު، މާދަމާ އިންޖިނިއަރުންގެ ޓީމް އޭދަފުއްޓަށް އައުމަށް ހަމަޖެހިއްޖެއެވެ.

ކޮންނަބޯޓް އޭދަފުއްޓަށް އަންނަކަމުގެ އުފާވެރިހަބަރު ރައީސް ޔާމީން ދެއްވީ ދ. މީދޫ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

“މީދޫގެ ބިން ހިއްކާ ނިމުމުން ދެން ބޯޓު މިސްރާބު ޖަހާނީ ބ. އަތޮޅު އޭދަފުއްޓަށް ދިއުމަށް. މިއީ އަޅުގަޑުމެން ކޮށްދޭނެ ކަމެއް. އޭދަފުށީގެ ބިން ހިކޭނެ” ރައީސް ވިދާޅުވިއެވެ.

މިއުފާވެރި ހަބަރާއެކު ރައީސްވަނީ އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަލީމަކީ މިކަން ހަގީގަތަކަށް ހެދުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅާކަމަށާ، އެހެންނޫންނަމަ މިމަޝްރޫއު މިހާ އަވަސްނުވާނެކަމަށެވެ.

“އޭދަފުށީގެ ބިން ހިއްކުމަށް ސަރުކާރުގެ ތެރެއިން އެންމެބޮޑަށް މަސައްކަތްކުރެއްވީ ސަލީމް. ސަލީމް މިޕްރޮޖެކްޓް ފެށުމަށް އެހާބޮޑަށް ބާރުއެޅުއްވީމާ މިހާއަވަހަށް ޕްރޮޖެކްޓް ފެށިގެން މިދިޔައީ” ސަލީމަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ބޮސްކާލިސްގެ އިންޖިނިއަރުންގެ ޓީމް މާދަމާ އޭދަފުއްޓަށް އައުމަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނީވެސް މިއަދުއެވެ. އެއިދާރާގެ ކައުންސިލަރ މުހައްމަދު ރިޒާ ވިދާޅުވީ މާދަމާ މެންދުރު އަންނަ ޓީމުން ހިއްކުން ފެށުމުގެ ކުރިން ނިންމަންޖެހޭ ކަންކަން ކުރިޔަށްގެންދާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށިން ދިރިއުޅުމަށް އެތައްބަޔަކު ގޯތިބޭނުންވާކަން ހާމަކުރަމުންދާއިރު މިރަށުން އެންމެފަހުން ގޯތިދޫކޮށްފައިވަނީ މީގެ 25 އަހަރުކުރިންނެވެ. އޭދަފުށީގެ އާބާދީ 3100އިން މަތީގައި އުޅުނު ނަމަވެސް އޭދަފުށީގެ ހިދްމަތްތައް ރަނގަޅުވުމުގެ ސަބަބުން ރާއްޖޭގެ އެކިސަރަހައްދުތަކުން ކޮންމެ އަހަރަކުވެސް އެތައްސަތޭކަ ބަޔަކު އޭދަފުއްޓަށް ދިރިއުޅުން ބަދަލުކުރަމުންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top