ފަސްދޮޅަސްހާސް ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖް ދިނުން ހުއްޓާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ދޭ އުސޫލު ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 60،000 އިން މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް، މިހާރު ލިބޭ ގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު އާސަންދަ ދެމުން އަންނަ ގޮތަކީ ރަނގަޅު ގޮތެއް ކަމަކަށް ބޭރުގެ ފަރާތްތަކުންނާއި ފަންނީ އެއްވެސް ފަރާތަކުން ވެސް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި 60،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މި އޮތް ގޮތަށް ފުލް ކަވަރޭޖް އާސަންދަ ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ދެން ލިބޭނީ “ކޯ-ޕޭ” އަދި “ޕްރީ-ޕޭ” ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ސިޔާސާތަށް އަންނަ މަހުން ފެށިގެން އަމަލުކުރެވޭނެ އެވެ.
އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅާއެކު އަންނަ އަހަރުގެ ތެރޭގައި 287 މިލިއަން ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
“މުއްސަނދިންނަށް ހުރިހާ ފްރީކޮށް ލިބިގެން ނުވާނެ،” ރައީސް ވިދާޅުވި އެވެ.
އާސަންދައަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެފައި އޮތް ނިޒާމެކެވެ. ޚާއްސަކޮށް އަހަރަކަށް ލަފާކޮށް އާސަންދައަށް ބަޖެޓުކުރާ މިންވަރަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް އާސަންދައަށް ޚަރަދުކުރެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.43 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ މި އަހަރުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅައިފައިވާ 2.02 ބިލިއަން ރުފިޔާގެ 70.8 އިންސައްތައެވެ.
އާއްމު ގޮތެއްގައި އާސަންދައިގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ބޭސްފިހާރަތަކުގެ ބިލުތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނީޔާ ވަނީ ވިދާޅުވެފައިވެއެވެ.





