ބޮލަކަށް 6،000ރ. ގެ މަގުން މި އަހަރުގެ ފިޠުރު ޒަކާތް ބަހައިފި އެވެ.
ޒަކާތު ހައުސް އިން ބުނީ ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައި ނިންމާފައިވާ ކަމަށެވެ. ބޮލަކަށް 6،000ރ. ގެ މަގުން ޒަކާތް ބެހި އިރު، މިއީ މިހާތަނަށް ފިތުރު ޒަކާތަށް ބޮލަކަށް އެންމެ ބޮޑު އަދަދެއް ބެހި ފަހަރެވެ.
މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް ބެހީ، 4،500 ރުފިޔާއެވެ. ނަމަވެސް، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބި، ފަގީރުންގެ ލިސްޓުގައިވާ ކޮންމެ މީހަކަށް 6،000 ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ބަހާފައެވެ. އެއީ، މިދިޔަ ރޯދައަށް ވުރެ، 15،00 ރުފިޔާ އިތުރު އަދަދެކެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެ އެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައެޅީ 13،896،000ރ. އެވެ.






