ކްރިސްމަސް ފާހަގަކުރުމުގައި ދިވެހީން ބައިވެރި ކުރިޔަ ނުދިނުމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ދުވަސްތައް ފާހަގަކުރުން ހުއްޓުވައި ދިނުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތް ކްރިސްމަސް ރަށްރަށުގައި ފާހަގަ ނުކުރެވޭނެފަދަ ފިޔަވަޅުތަކެއް އެޅުމަށް ޢީލްމުވެރިން ވަނީ ގޮވާލާފައެވެ
ޢިލްމުވެރީންގެ ގުޅުމުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިވެހީންނަށް މާތް ﷲ ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިތިބިމުގެ ނިޢުމަތް ކަމަށާއި، އެކަން އެގޮތަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ، މިއަދު ދުނިޔޭގައި ދިރިތިބި ދިވެހީންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ދީނީ އަދި ޤައުމީ ވާޖިބު ކަމަށެވެ.
ނަމަވެސް، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ފުދުންތެރި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމުގެ ބޭނުމުގައި ތަޢާރަފު ކުރެވުނު ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަބަބުން ދިވެހީންގެ އިސްލާމްވަންތަކަމާއި އިސްލާމީ ޝިޢާރުތަކާ ޚިލާފު ކަންކަން ދިވެހި މުޖުތަމަޢު ތެރެއަށް ފޭދެމުން އަންނަކަމީ ކަންބޮޑުވާންޖެހޭ މަސައްލައެއް ކަމަށް ސިޓީގައިވެއެވެ.
ސިޓީގައި ޣައިރު މުސްލިމުންގެ އެފަދަ ޙަފްލާތައް ކުރިއަށްދާ ތަންތަނަށް ޒިޔާރަތް ކުރުމާއި އެފަދަ ކަންކަމުގައި އެއްވެސް ގޮތަކުން ބައިވެރިވުމާއި ހިތްވަރުދީ ހެދުމަކީ ކުފުރުގެ ޢަމަލެއް ކަމަށާއި، އެއީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މިދަފަ ކަންކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަންކަން ކަމުގައިވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނާއި، އިސްލާމް ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ ގަރާރާއި، އެ މަޖްލީހުގެ ފަތުވާއާ ވެސް ޚިލާފު ކަންކަން ކަމުގައި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.
ވީމާ، މާތްﷲ އަށް ދަރިކަލަކު ނިސްބަތް ކުރުމުގެ ދޮގުގެ މައްޗަށް ބިނާކޮށް ނަޞާރާއިން ފާހަގަކުރާ ކްރިސްމަސް މި ޑިސެންބަރު މަހުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށާއި، އެކަންކަމުގެ ތެރޭގައި ދިވެހިން ވެސް ބައިވެރި ކުރުވަން މަސައްކަތް ކުރެވޭކަން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން، ސަރުކާރުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.





