ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބައިވެރިންގެ ބޮޑު ތަރުހީބަކާއެކު މިއަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޒު މުހައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތް ހެނދުނު ބާއްވައި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ގައުމީ މުބާރާތް ފަށައިފިއެވެ.
މި މުބާރާތްތައް ކުރިއަށްދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައި، ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް މުބާރާތް ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލުގައެވެ.
ދިވެހިބަހުގެ އެކެޑަމީ އިން މައުލޫމާތު ދެއްވި ގޮތުގައި، ހެނދުނު 8:00ގައި މުޅި ރާއްޖޭގައި މުބާރާތްތައް ވަނީ ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ ބާއްވައިފައިވަނީ 1،099 ފަރާތެއް ބައިވެރިވި މަޒުމޫނު ލިޔުމުގެ މުބާރާތެވެ.
އޭގެ ތެރޭގައި ދަށު ސާނަވީން ތައުލީމު ހާސިލުކުރާ 388 ދަރިވަރުންނާއި ސާނަވީ ތައުލީމު ހާސިލުކުރާ 503 ދަރިވަރުންނާއި މަތީ ސާނަވީ ގުރޭޑުތަކުން ބައިވެރިވި 156 ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި 26 ފަރާތެއް ހިމެނެއެވެ.
މި އަހަރުގެ ގައުމީ އަދަބީ މުބާރާތްތަކުގެ ތެރޭގައި ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން އަލްއުސްތާޒު މުހައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތާއި އަދި ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28 ވަނަ ގައުމީ މުބާރާތް ހިމެނެއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނިގޮތުގައި މި މުބާރާތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބައިވެރިން ރަޖިސްޓަރީ ވެފައިވާއިރު، ޖުމްލަ 97 ސްކޫލަކުން މި މުބާރާތްތަކުގައި ބައިވެރިވެއެވެ. އޭގެތެރޭގައި އަތޮޅުތަކުން 77 ސްކޫލަކާއި މާލޭ ސަރަހައްދުން 20 ސްކޫލެއް ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔަނީ އެ ދަރިވަރަކު ބައިވެރި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔަނީ ކަލާފާނު ސްކޫލުގައެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔަނީ އެ ބައިވެރިއަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކުރައްވައިފައިވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.





