ޕޯސްޓް އޮފީހުުގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސް ކޮށްފި އެވެ.
ޕޯސްޓް އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ. ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކުރި އެވެ.
މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ފޮނުވާ އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފަ އެވެ.
ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ.
ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރު ކުރަން ފަށާފައިމިވަނީ އޮންލައިން ފިހާރަ، ޓިމޫ އަށް އޯޑަރުކުރާ މުދާ ޕޯސްޓް މެދުވެރިކޮށް ލިބުން ވަރަށް ބޮޑަށް ލަސްވަމުންދާ ކަމުގެ ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް އެކި ތަންތަނުގެ ނަމުގައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފޭރޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް ސްކޭމްތަކަށް ސަމާލުވުމަށާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދުތައް ވެސް ދެމުންނެވެ.