ފެނަކައިގެ ދިރާސާ ރަނގަޅެއް ނޫން. ސަބްސިޑީ ކަނޑާލުމުން ކަރަންޓްގެ އަގު ވީ ބޮޑު

Bill-FENAKA-652x366.jpg

ކަރަންޓަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމުން 79 އިންސައްތަ ކަސްޓަމަރުންގެ ބިލަށް އެއްވެސް ބަދަލެއް ނާންނަކަމަށް ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުނި ކަމުގައިވާ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އިއްޔެ ޕީއެސްއެމް އާ ވާހަކަ ދައްކަވަމުން ފެނަކައިގެެ އެސިސްޓެންޓް ޑިރެކްޓަރ އަހްމަދު ނަޖާހު ވިދާޅުވެފައިވަނީ  “ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީ ދިނުން ހުއްޓާލެއްވުމުން ކަރަންޓުގެ އަގު ބޮޑުވިކަމަށް ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް، އެ ކުންފުނިން ހެއްދެވި ދިރާސާތަކުން ހާމަވި ގޮތުގައި ތިރީސް ނުވަހާސް ނުވަސަތޭކަ އެއްތިރީސް ކަސްޓަމަރުންގެ ތެރެއިން ހަތްދިހަ ނުވައެއް އިންސައްތަ ކަސްޓަމަރުންގެ ކަރަންޓުގެ ބިލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި ނުވައެއް އިންސައްތަ ކަސްޓަމަރުންގެ ކަރަންޓު ބިލް އަގުހެޔޮވެފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ. އަދި ބާރަ އިންސައްތަ ކަސްޓަމަރުންގެ ބިލް ކޮންމެވެސް ވަރަކަށް ބޮޑުވިނަމަވެސް މާބޮޑު ތަފާތެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

ނަޖާހު މިހާ ތަފްސީލުކޮށް މިހެން ވިދާޅުވެފައިވާއިރު ހަގީގަތަކީ މިއީ ނޫންތޯއެވެ؟

ކަރަންޓްގެ ސަބްސިޑީ ކަނޑާލުމަށްފަހު އެނަޖީ އޮތޯރިޓީއިން މިދިޔަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހު ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓަށް އަގުނަގާ އާޓެރިފް ރޭޓް އިއުލާން ކުރުމަށް ފެނަކަ އާއި ސްޓެލްކޯ އަދި އެންސްޕާވެސް ބައިވެރިވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން ހިދުމަތްދޭ ރަށްރަށުގައި. ކަރަންޓުގެ އާ ގަވާއިދުގެ ދަށުން އަލަށް މި ގެނައި ބަދަލާ އެކު ސަބްސިޑީ ކަނޑާލާފައިވާ އިރު، ކޮންމެ މަހެއްގެ ބިލަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނެ ކަމުގައެވެ.

އެބަދަލާ ގުޅިގެން ކަރަންޓް އަގު ބޮޑުވުމުން އެތައް ބައެއްގެ ފާޑު ކިއުން ސަރުކާރަށް އަމާޒުވުމުން ރައީސްގެ ހެޔޮފުޅުކަމުން އަނެއްކާވެސް ފެބްރުއަރީ 13ވަނަ ދުވަހު ކަރަންޓްގެ އާއަގު އިއުލާން ކުރެއްވިއެވެ. އެހެންނަމަވެސް  އާއްމު ރައްޔިތުންގެ ކަރަންޓް ބިލް  އަތްފޯރާވަރު ނުވެގެން އެތައް ރަށެއްގެ ރައްޔިތުން އެރައްޔިތުން ތަމްސީލުކުރައްވާ އިއްޒަތްތެރި މެންބަރު މެދުވެރިކުރައްވައި ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް މިކަން ގެންނެވިއެވެ . އެކަމާ ގުޅިގެން މި ދިޔަ އެޕްރީލް މަހު ރައީސުލް ޖުމްހޫރިއްޔާ ކަނޑުހުޅުދޫ ގެ މިސްކިތެއް ހުޅުވަން އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައި މިކަމަށް އިޝާރާތްކުރައްވައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.  ވިދާޅުވެފައިވަނީ ކަރަންޓުގެ އަގަށް އެންމެ ފަހުން ގެނައި ބަދަލު އަލުން މުރާޖައާކުރަން އިކޮނޮމިކް ކައުންސިލަށް އަންގާފައި ވާނޭކަމުގައެވެ. އަދި އެކަން ނިމުމުން ގެނެސްދެވެން އޮތް ބަދަލެއް ގެނެސް ދެއްވާނެ ކަމުގައެވެ.

“އެތަކެއް ރައްޔިތުން އެބަތިބި މިކަމުގައި ތަކުލީފުގައި ތިބި. އަޅުގަނޑު މިފަހުން ރާއްޖެއިން ބޭރުގައި ހުއްޓާ ބައެއް ބިލްތައް މެންބަރަކު ފޮނުއްވީމާ އެ ބަލާފައި އަޅުގަނޑު އިކޮނޮމިކް ކޮމިޓީއަށް ދަންނަވައިފިން އެ ބިލްތައް އަލުން ބަލައި ދެއްވާށޭ. އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނެރެވި އަތްދަށުން ކަމެއް ގޮސްފައިހުރިއްޔާ އެކަން ބަލައިދެއްވާށޭ،” ރައީސް ވިދާޅުވިއެވެ.

އެދުވަހު ދެން ރައީސް ދިވެހި ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރަކީ “ކުރިއަށް މިއޮތް ހަފްތާގައި ރަނގަޅުގޮތެއް އަނެއްކާވެސް ކަރަންޓްގެ ކަންތަކުގައި ހަމަޖެހިގެން ދާނެ. ” ކަމުގައެވެ. އެހަފްތާ ނިމުގެން އެއްމަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެވިދާޅުވި ބަދަލު ނައުން އެއީ މުޅިން އެހެން ވާހަކައެކެވެ.

މިހާ ރަނގަޅަށް ފާޅުވެ އެންމެންނަށް އެނގެން އޮތްކަމެއްގައި 79އިންސައްތަ މީހުންނޭ ކިޔައިގެން ވާހަކަ ދައްކަވާއިރު ނަޖާހު އެވިދާޅުވާ ކަރަންޓްބިލަށް އެއްވެސް ބަދަލެއް އައިސްފައިނުވާ 79 އިންސައްތަ މީހުންނަކީ އަނެއްކާ ދިވެހިން ބާއެވެ؟ މި ސުވާލު އުފެދެނީ އަޅުގަނޑަކީވެސް ދިވެއްސަކަށް ވެފައި ދިރިއުޅެނީވެސް 3000 އަށްވުރެ އާބާދީ ބޮޑު ފެނަކައިން ކަރަންޓާ ހަވާލުވެފައިވާ ރަށެއްގައި ކަމަށްވާތީ ކަރަންޓުބިލް ބޮޑުވެގެން އެކަމާ ކަންބޮޑުވެގެން ނޫޅޭ މީހަކު ދިމާ ނުވާތީއެވެ. ފެބްރުއަރީން ފެށިގެން ކަރަންޓްބިލް ބޮޑުވެގެން އެކަމާ ކަންބޮޑުވެގެން ވާހަކަދައްކާ މީހުން ގިނަކަމުންނެވެ. މީގެ އިތުރުން ޚަބަރު ފަތުރާ ވަސީލަތްތަކުން އިވޭ ޚަބަރު ތަކާއި ދައްކާ ވާހަކަތަކުން މިކަމާ ކަންބޮޑުވެގެން އުޅޭމީހުން ގިނަކަމުންނެވެ.

އެހެންނަމަވެސް އޭނާގެ ވާހަކައިގާ ވިދާޅުވާ ކަރަންޓް އަގު ހެޔޮވީކަމަށް ބުނާ ނުވައިންސައްތަ މީހުން ކަރަންޓް ބިލް އަގުހެޔޮވެފައިވާކަމަށް ބުނާނަމަ އެއީ ކުދި އާބާދީގެ ރަށްރަށުގެ މީހުންނަށް ވެދާނެއެވެ. އެރަށްރަށަށްވެސް ކަރަންޓަށް އަގުނަގަނީ  ބޮޑެތި ރަށްރަށާ އެއްރޭޓެއްގައި ކަމަށްވާތީއެވެ.  އެހެން ނަމަވެސް އެވިދާޅުވި 79 އިންސައްތަ މީހުން ހިސާބު ކުރެއްވި ގޮތް އެއީ އަރަތެކެެވެ. އެތައް ބަޔަކާ މި ސުވާލުކުރުމުންވެސް ޖަވާބު ނުލިބިފައިވާ އަރަތެކެވެ

79 އިންސައްތައިގެ ތެރޭގައި އޭދަފުށި ހިމެނޭނެކަމުގައި ވަރަށް ބޮޑަށް ހީވެއެވެ. އެކަމަކު އޭދަފުށީ މީހެއްގެ ގާތު ކަރަންޓްބިލްގެ ވާހަކަ އަހައިފިނަމަ އެމީހެއްގެ ޖަވާބަކަށްވާނީ 20އިންސައްތައާއި 30 އިންސައްތަ ބޮޑުވިކަމުގައެވެ. ނުވަތަ އެއަށްވުރެވެސް ބޮޑުވެއްޖެކަމުގައެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ދިރާސާއެވެ. ނަޖާހު މިގޮތަށް ވާހަކަ ދެއްކެވި އިރު ކަރަންޓްބިލް ބޮޑުވެގެން ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ރައްޔިތުން އެކަމާ ހިތްހަމަނުޖެހިގެން ޝަކުވާ ކުރިިކަމާ މުޒާހަރާ ކުރިކަން ނޭގުމަކީވެސް ހައިރާންވާންޖެހޭ ކަމެކެވެ.

ކަރަންޓް ބިލް ބޮޑުވެއްޖެއެވެ. ދެން އެވާހަކަ އެހެން ގޮތަކަށް އަނބުރާލެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަވާށެވެ. “ފެނަކަ”އަކީ ރާއްޖެތެރެއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏަކަށް ވާތީ ރާއްޖެތެރޭގެ މީހުންވީމާ ދައްކާ ކޮންމެ ވާހަކައެއް ގަބޫލު ކުރި ޒަމާން ފަސްދީ ހިނގައްޖެއެވެ. ފަސްކުޅަނދު މަދު ރާއްޖެތެރެ މީހުންގެ ޒަމާން މިހާރު އެއީ މާޒީކަމުގައި ހަދަން ވެއްޖެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު