އެންމެންނަށް ރީތި މިސްކިތުގެ ގޮތުގައި ސޯޝަލް މީޑިޔާގައި އެމިސްްކިތުގެ ރީތިކަމަށް ތައުރީފު އޮހެމުންދާ އޭދަފުށީ މަސްޖިދު މުހައްމަދު އަލީ ނުރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން އެއާއިލާއިން ނިންމައިފި އެވެ.
މާދަމާ މަޣުރިބް ނަމާދުގެ ކުރިން ރޯދަ ވީއްލުމާއެކު ހުޅުވަން ނިންމާފައިވާ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވީހާ ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަކީ އެ އާއިލާއިން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ވަޑައިގަންނާވާ އެންމެހައި ބޭފުޅުންނަށް ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖެހިފައިވުމާއެކު މާދަމާގެ މަޣުރިބް ނަމާދުން ފެށިގެން މިސްކިތުގައި ނަމާދުކުރުމަށް އާއްމުކޮށް ހުޅުވުނީ ކަމަށް އާއިލާއިން މައުލޫމާތު ދެއްވަ އެވެ.
މަސްޖިދު މުހައްމަދު އަލީއަކީ، އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ހަނދާނުގައި އެއާއިލާއިން އިމާރާތް ކޮށްފައިވާ މިސްކިތެކެވެ. މުހައްމަދު އަލީ ދުނިޔެއިން ވަކިވެ ދިއުމުގެ ކުރިން ކުރައްވަން އެންމެ ބޭނުންފުޅުވީ އަމިއްލަ ރަށުގައި މިސްކިތެއް ބިނާކުރެއްވުމެވެ. މިއެހެންކަމުން މިއީ އޭނާގެ އެއުއްމީދު ފުރިހަމަކޮށްދެއްވުމުގެ ގޮތުން ޒަމާންތަކަކަށް ދެމެހެއްޓެނިވި ގޮތަކަށް ސަދަގާތެއްގެ ގޮތުގައި އާއިލާއިން ކުރައްވާފައިވާ އަގުހުރި މަސައްކަތެކެވެ.
”މި މިސްކިތުން ފެންނަނީ އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަމެވެ. ބޭރު ގައުމުތަކުން އަހަރެމެންނަށް ފެންނަ އިސްލާމީ އާކިޓެކްޗާގެ ބައިތައް އޭދަފުށީ މިސްކިތައް ގެނެސްފައި ވުމަކީ އެ ރަށަށް ވެސް ލިބޭ ބޮޑު ފަހުރެކެވެ. ކެލިގްރަފީގެ ތަފާތު އާޓުތައް މި ތަނުން ދައްކައިދެ އެވެ.“މިހާރު ނޫހުގައި މިމިސްކިތުގެ ރީތިކަމަށް ތައުރީފު ކުރަމުން ލިޔެފައިވެއެވެ.
އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭ، މި މިސްކިތް ފަރުމާކޮށްފައިވަނީ ދެ ޖިންސުގެ މީހުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށެވެ.
މި މިސްކިތް ރަސްމީގޮތުން ހުޅުވުމުގެ ރަސްމިޔާތު ލަަސް ނޫން މުއްދަތެއްގައި އޮންނާނެ ކަމަށްވެސް އާއިލާއިން މައުލޫމާތު ދެއްވައެވެ.