ތަހުގީގީ އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ހުރިހާ ކައުންސިލްތަކުން ވެސް އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އެގޮތަށް އަންގަވާފައި މިވަނީ ގދ ސިޓީ ކައުންސިލާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ހަފުތާގައި ކައުންސިލް އިދާރާ އަށް ވަދެ ލިޔެކިޔުންތަކެއް ގެންދިއުމުން ކައުންސިލުން އެކަން ވައްކަމެއްގެ ގޮތުގައި ސިފަކޮށްފައި ވަނިކޮށް ކަން ފާހަގަކުރެވެ އެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ގާނޫނުން ލާޒިމުކުރާއިރު، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންވެ ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރަން ކައުންސިލްތަކުން ހުރަސް ނޭޅުމަށް އިލްތިމާސް ވެސް ކޮށްފައިވެއެވެ.
އެލްޖީއޭ އިން ވަނީ އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެސް ވެފަ އެވެ.
އެ މައްސަލައިގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ، މިނިވަން މުއައްސަސާތަކުން ބަލާ މައްސަލަތަކުގައި ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.